ކުރިއަށް އޮތް އަށް އަހަރުގެ ތެރޭގައި އިންޑިއާ ވެގެންދާނީ އޭޝިއާގެ ދެވަނަ އިގްތިސާދަށް ކަމަށް ޚަލީޖް ޓައިމްސްއިން ބުނެއެވެ. މިހާރު އޭޝިއާގެ ދެވަނަ އިގްތިސާދަކީ ޖަޕާނެވެ.

3.1 ޓްރީލިއަން ޑޮލަރުގެ މިއިގްތިސާދަކީ، އެމެރިކާއާއި ޗައިނާއާއި ޖަޕާނާއި ޖަރުމަނާއި އިނގިރޭސިވިލާތަށް ފަހު ދުނިޔޭގެ ހަވަނައަށް އެންމެ ބޮޑު އިގްތިސާދެވެ.

ޚަލީޖް ޓައިމްސްގެ ރިޕޯޓް ބުނާ ގޮތުން މިހާރު އިންޑިއާގެ އިގްތިސާދުގެ އަދަދުތައް ދައްކާ ގޮތުން 2030ގައި އިންޑިއާ ވެގެން ދާނީ ދުނިޔޭގެ ތިން ވަނައަށް އެންމެ ބޮޑު އިގްތިސާދަށެވެ.

އިންޑިއާގެ ސްޓެޓިސްޓިކަލް މިނިސްޓްރީގެ ތަފާސްހިސާބުތައް ބުނާ ގޮތުން ހިނގަމުން މިދާ މާލީއަހަރުގެ ތެރޭގައި އިންޑިއާގެ ޖީޑީޕީ ތަރައްގީވާނީ 9.2 އިންސައްތައިގައި އޮވެގެންނެވެ.

މިއާ ޚިލާފަށް ރިޒާވް ބޭންކް އޮފް އިންޑިއާއާއި އިސް އިކޮނޮމިސްޓުން ލަފާ ކޮށްފައި ވަނީ އިންޑިއާގެ ގައުމީ އުފެއްދުންތެރިކަން މި މާލީ އަހަރު 9.5 އިންސައްތައިގައި ކުރިއަށް ދާނެ ކަމަށެވެ. ބެލެވޭ ގޮތުގައި ކޮވިދްގެ އައު ރާޅަކުން ކުރިއަށް އޮތް މަސްތަކުގައި އިންޑިއާގެ އިގްތިސާދަށް އަސަރު ކުޜާނެ ކަމަށް އަންދާސާ ކޮށްފައި ވެއެވެ.