އިންޑިއާގެ އުއްތުރަ ޕްރަދޭޝްއާއި އާސާމާއި އެހެން އެކަހެރި ސްޓޭޓްތައް ބަންގްލަދޭޝްއާ ކޯރުގެ ދަތުރުފަތުރުން މިއަހަރުގެ މެދުތެރޭގައި ގުޅުވާލެވޭނެކަމަށް ބަންގްލަދޭޝް އިން ބުނެއެވެ. އިންޑިއާއާއި ބަންގްލަދޭޝް އިން ދަނީ ގުޅިގެން ކޯރުތައް ފުޅާކޮށް ފުން ކުރުމަށް މަސައްކަތް ކުރަމުންނެވެ.
ދެގައުމުން އެއްބަސްވެފައި ވަނީ 20 ހާސް ޓަނުގެ އާގުބޯޓާއި ފެރީއާއި ސީޕްލޭނަށް ބޭނުން ކުރެވޭ ގޮތަށް ގަންގާ ކޯރާއި ބްރަހަމަޕުޓްރާ ކޯރުތައް ފުންކޮށް ފުޅާ ކުރުމަށެވެ.
ބަންގްލަދޭޝް އިން ދަނީ އިންޑިއާގެ އާސާމްގެ ސެޑިއާ ބަނދަރުން ބަންގްލަދޭޝްގެ ހަލްޑިއާ ބަނދަރަށް ޔަމުނާ ކޯރުގެ ސަރަހައްދު ފުންކޮށް ފުޅާކުރުމަށް މަސައްކަތް ކުރަމުންނެވެ.
އިންޑިއާއިން މަސައްކަތް ކުރަމުން ދަނީ މިޒޯރާމްއާއި ޓްރިޕޫރާއާއި އާސާމްގެ ތިން ބަނދަރެއް މިޔަންމާރގެ ސިތުވެ ބަނދަރާއި ބަންގްލަދޭޝްގެ ދެ ބަނދަރަކާ ގުޅުވުމަށް މަސައްކަތް ކުރަމުންނެވެ.
މި ކޯރުތައް ދަތުރުފަތުރަށް ހުޅުވާލުމާއެކު، ބަންގްލަދޭޝްއާ އިންޑިއާގެ އުއްތުރަޕްރަދޭޝްގެ ވަރަނާސިއާ ބަންގްލަދޭޝްގެ ބަންދަރުތައް އޮންނާނީ ގުޅިފައެވެ.
ކޯރު މަގުން ދަތުރުފަތުރަށް ހުޅުވާލުމުން އިންޑިއާއާއި ބަންގްލަދޭޝްގެ ދެމެދުގެ ވިޔަފާރި އިތުރަށް ފުޅާވެގެންދާނެ ކަމަށް ލަފާ ކޮށްފައި ވެއެވެ.