ޕާކިސްތާންގެ ތާލިބާނުންގެ ލީޑަރު އަފްޣާނިސްތާންގައި މަރާލައިފިއެވެ. ތަހްރީކޭ ތާލިބާނޭ ޕާކިސްތާންގެ ލީޑަރު އަދި ތަރުޖުމާން ޚާލިދު ބަޓްލީ (ވާތް ފަރާތުގައި) މަރާލާފައިވާ ކަމަށް އަފްޣާނިސްތާނާއި ޕާކިސްތާންގެ ސަލާމަތީ ފަރާތްތަކުން ކަށަވަރު ކޮށްދެއެވެ. ޓެރަރިސްޓް ބަޓްލީއަކީ މުހައްމަދު ޚުރާސާނީގެ ނަމުން މަޝްހޫރު މީހެކެވެ.

އޭނާ ހަރަކާތްތެރި ވަމުން ދިޔައީ އަފްޣާނިސްތާނާއި ޕާކިސްތާންގެ ގަބީލާ ސަރަހައްދުގައެވެ. ތާލިބާނުން ކާބުލް ހިފި ފަހުން އޭނާ އަވަސް އަވަހަށް ކާބުލްއަށް ދަތުރުކޮށްފައި ވެއެވެ.

ޕާކިސްތާންގެ ތާލިބާން ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅާފައިވާ ޖަމާއަތެކެވެ. މި ޖަމާއަތުން ވަނީ ޕާކިސްތާން ސަރުކާރާއެކު މަޝްވަރާތައް ބާއްވާފައެވެ. ނަމަވެސް ބޭރު ގައުމެއްގައި އެމީހުންގެ އޮފީސް ހުޅުވުމަށް ހުއްދަ ދިނުމާއި ޕާކިސްތާންގައި އިސްލާމީ ޝަރީއާ ހަރުކަށިކޮށް ތަންފީޒު ކުރުމަށް ސަރުކާރަށް މަޖުބޫރު ކުރުމުން ދެ ފަރާތުން ދައްކަމުން ދިޔަ ވާހަކަތައް ހުއްޓި ޕާކިސްތާނުން ތާލިބާންއާ ދެކޮޅަށް ފިޔަވަޅު އަޅަން ފެށީއެވެ.