ވެރިކަމުގައި ދެމިހުންނެވިހާ ދުވަހަކު ދިވެހިންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ކަށަވަރު ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ ނުނާސަބަތުގައި ދިވެހިރައްޔިތުންނާ މުޙާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

"މިއަދުގެ މި އުފާވެރި މުނާސަބަތުގައިވެސް، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ޔަޤީންކަމާއެކު އަޅުގަނޑު ދަންނަވަން ބޭނުންވާ ދެ ކަމެއް އެބަ އޮތް. އެއީ އަޅުގަނޑު މި މަޤާމުގައި ހުރިހާ ދުވަހަކު، އެންމެ ބޮޑު ސަމާލުކަމެއް ދޭނެ ދެ ކަންތައް. އެއީ ދިވެހިންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ކަށަވަރުކުރުން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފުރިހަމަ ޑިމޮކްރެޓިކް ޖުމްހޫރީ ވެރިކަމެއް ދެމިއޮތުމަށްޓަކައި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ، ކޮންމެހެން ލިބިދޭންޖެހޭ ޙައްޤުތަކެއް ކަމަށް ޤަބޫލުކުރައްވާކަމަށެވެ.