ކަޒަޚިސްތާންގައި ހަމަނުޖެހުން އުފެއްދުމުގައި ހަރަކާތްތެރި ވެފައި ވަނީ އަފްޣާނިސްތާނާއި މެދުއިރުމަތީގެ ގައުމުތަކުން އައި ޓެރަރިސްޓުން ކަމަށް ކަޒަޚިސްތާންގެ ރައީސް ވިދާޅުވެއެވެ. ކޮލެކްޓިވް ސެކިއުރިޓީ ޓްރީޓީ އޮރގަނައިޒޭޝަން (ސީއެސްޓީއޯ)ގެ މަޖާޒީ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކަޒަޚސްތާންގެ ރައީސް ގާސިމް ޖޯމާޓް ޓޯކައޭވް ވަނީ އޭނާގެ ގައުމުގެ ހަމަނުޖެހުމުގައި ބޭރުގެ ފަރާތްތަކުން ބައިވެރިވެފައިވާ ކަމަށް ވިދާޅުވެފައެވެ.

ކަޒަޚިސްތާންގެ ރައީސް ވިދާޅުވިގޮތުގައި ހަނގުރާމަވެރިންގެ އަމާޒަކަށްވީ ކަޒަޚިސްތާންގެ ވެރިރަށް ނޫރު ސުލްތާން އެމީހުންގެ ބާރުގެ ދަށަށް ގެންނާށެވެ.

ދުރާލާއި ރާވާފައިވާ މި ހަމަލާތައް ޓެރަރިސްޓުން ދޭން ފަށާފައި ވަނީ ކަޒަޚިސްތާންގެ 11 ސަރަހައްދެއްގައި އެއްފަހަރާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އޭނާ ސިފަ ކުރެއްވި ގޮތުގައި މިއީ އަފްޣާނިސްތާނާ ދެކޮޅަށް ދީފައިވާ ޓެރަރިސްޓް ހަމަލަތަކެކެވެ.

ކަޒަޚިސްތާންގެ ހަމަނުޖެހމުގައި ބައިވެރިވި އަށް ހާސް މީޙުންނާއި އެމީހުން ގެންގުޅުނު 116 ހަތިޔާރު ސަލާމަތީ ފަރާތްތަކުން ވަނީ އަތުލައިގެންފައެވެ.

ސަލާމަތީކަންކަން ބެލެހެއްޓުމަށް ސީއެސްޓިއޯގެ ގައުމުތަކުން 2030 ސިފައިން ފޮނުވިއެވެ.