ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު ވިއެނާގައި ކުރިއަށްދާ އީރާންގެ ނިއުކްލިއަރ އާ ބެހޭ މަޝްވަރާތަކުގައި އީރާނަށް ލުޔެއް ދީގެން އިޒްރޭލަށް ގެއްލުމެއް ލިބޭ ކަމުގައި ވަނީ ނަމަ އެކަމަކަށް އިޒްރޭލަށް ބަދަލު ދޭންވާނެ ކަމަށް އިޒްރޭލު ސަރުކާރުން ބުނެފިއެވެ.

ނެފްތާލީ ބެނެޓްގެ ސަރުކާރުން ބުނެފައި ވަނީ އީރާނުގެ ނިއުކްލިއަރ ހަރަކާތަށް ލުޔެއް ދިނުމަށް އެއްބަސްވާ އެއްބަސްވުމަކީ، އިޒްރޭލު ދުނިޔޭގެ ޗާޓުން ފޮހެލުމަށް މަގުފަހި ވެގެންދާނެ ކަމެކެވެ. އެހެންވެ، އެފަދަ ލުޔެއް ދިނުމށް އެމެރިކާއިން އެއްބަސްވެއްޖެނަމަ، އޭގެ ބަދަލު އިޒްރޭލަށް ދޭން ޖެހޭނެ ކަމަށެވެ.

އިޒްރޭލުގެ ސްޕޭސް އެޖެންސީގެ ޗެއަރމަން މޭޖަރ ޖެނެރަލް އިސްހާގް ބިން އިޒްރޭލް ވިދާޅުވެފައި ވަނީ މީގެ 10 ނުވަތަ 15 އަހަރު ކުރިން އިޒްރޭލުން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަށް ހަމަލަ ދީފައި އޮތް ނަމަ އީރާނަށް މި ޕްރޮގްރާމު ކުރިއށް ގެންދިއުމުގައި ލަސްތަކެއް ކުރިމަތިވީސް ކަމަށެވެ. ނަމަވެސް މިހާރު ދޭ ހަމަލައަކުން އިޒްރޭލަށް ފައިދާއެއް ނުކުރާނެ ކަމަށާއި އީރާނުން މާބޮޑަށް ކުރިހޯދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާއިން ނިއުކްލިއަރ އެއްބަސްވުމުން ބޭރުވެ ގަތުމަށް އިޒްރޭލުގެ ނަތަންޔާހޫގެ ސަރުކާރުން ޓްރަމްޕަށް ފިއްތުންތައް ކުރިމަތި ކުރިކުރުމަކީ އިޒްރޭލުގެ ތާރީޚްގައި ހަދާފައިވާ އެއްމެ ބޮޑު ގޯހެވެ.

އިޒްރޭލުގެ ބޮޑު ވަޒީރު ނެފްތާލީ ބެނެޓް ވިދާޅުވެފައި ވަނީ އީރާނާއެކު ދުނިޔޭގެ ބާރުތަކުން އެއްބަސްވާ އެއްވެސް އެއްބަސްވުމަކަށް އިޒްރޭލުން ބޯލަނބާކަށް ނުޖެހެއެވެ. އެހެންވެ، އިޒްރޭލުގެ މަސްލަހަތަކީ އީރާނާ ދެކޮޅަށް ހަމަލައެއް ދިނުން ކަމުގައި ވަނީނަމަ އެކަމަކަށް އިޒްރޭލުން ފަހެއް ނުޖެހޭނެ ކަމަށެވެ.

އީރާނުން ބުނެފައި ވަނީ އިޒްރޭލުން އީރާނަށް ހަމަލައެއް ދިނުމަށް އަވަށްޓެރި އެއްވެސް އަރަބި ގައުމެއްގެ ސަރަހައްދު ބޭނުން ކުރާނަމަ، އީރާނުން އެގައުމެއްވެސް އިޒްރޭލާއެކު ހަލާކުކޮށްލާނެ ކަމަށެވެ.