އިޒްރޭލުގެ ބޮޑު ވަޒީރު ނަތަންޔާހޫއާއި ކުރީގެ ބޮޑު ވަޒީރު އެހޫދު އޮލްމާތު އިއްޔެ ކޯޓުގައި ބައްދަލުކޮށްފިއެވެ. ޓެލްއަވީވްގެ މެޖިސްޓްރޭޓް ކޯޓުގައި އޮތް ޝަރީއަތގެ އަޑުއެހުމުގައި ނަތަންޔާހޫއާއި އޭނާގެ އަންހެނުންނާއި އޭނާގެ ދަރި ބައިވެރިވިއެވެ.

މިދައުވާއަކީ ނަތަންޔާހޫގެ މައްޗަށް މަކަރު ހެދުމާއި ކޮރަޕްޝަނާއި އޮޅުވާލުމުގެ ދައުވާ އުފުލާފައި އޮތް އިރުވެސް މަގާމުން އިސްތިއުފަ ނުދީ ހުރުމުން އޮލްމާތު ދިން އިންޓަރވިއުއެއްގައި އޭނާއާ ދެކޮޅަށް ފާޑު ކިޔާފައިވާ މައްސަލައެއްގެ އަޑު އެހުމެކެވެ.

ނަތަންޔާހޫއާއި އާއިލާއިން ވަނީ އޯލްމާތުގެ މައްޗަށް އަބުރުގެ ދައުވާ ކޮށްފައެވެ. އިންޓަރވިއުގައި އޮލްމާތު ބުނެފައި ވަނީ ފަރުވާއެއް ނެތް ބައްޔަކީ ނަތަންޔާހޫއާއި އޭނާގެ އަންހެނުންނާއި ދަރީގެ ބުއްދިފިލައި ދިއުމެވެ.

ނަތަންޔާހޫމެން ވަނީ 270ހާށް ޑޮލަރު ހޯދުމަށް އަބުރުގެ ދައުވާ ކޮށްފައެވެ.

އޯލްމާތަކީ، ކޮރަޕްޝަންގެ ކުށް ސާބިތުވެގެން ޖަލު ހުކުމެއް އައިސްގެން 27 މަސް ޖަލުގައި ހޭދަ ކޮށްފައިވާ މީހެކެވެ. އޭނާ މަގާމުން އިސްތިއުފާ ދިނީ މި ސަބަބާ ލައިގެންނެވެ. ނަތަންޔާހޫގެ ކުރިން ބޮޑު ވަޒީރަކަށް ހުރީ އޮލްމާތެވެ.