މި ސަރުކާރުން މިހާތަނަށް ޤައުމީ ތަރައްޤީގެ 372 މަޝްރޫޢެއް ފަށާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައި ވަނީ ޖުމްހޫރީ ދުވަހުގެ މުނާޞަތުގައި ދިވެހި ޤައުމާ މުޚާޠަބުކުރައްވައި ބުދަ ދުވަހު ދެއްކެވި ވާހަކަފުޅުގެވެ. ދިވެހިރާއްޖޭގެ 53 ވަނަ ޖުމްހޫރީ ދުވަހުގެ މުނާޞަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، އެ މަނިކުފާނުގެ އިޚްލާޞްތެރި ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމުގައި މިހާތަނަށް ކޮށްފައިވާ ބައެއް މަސައްކަތްތަކާބެހޭ ތަފުސީލުތައް ހާމަކުރެއްވިއެވެ. އެގޮތުން ތިން ސަތޭކަ އެތައް މަޝްރޫޢެއް ސަރުކާރުން ވޭތުވެ ދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ފަށާފައިވާ ކަމަށް ވިދާލުވިއެވެ. އަދި ކޮވިޑް 19 ގެ ހާލަތާ އެކުވެސް، އޭގެ ތެރެއިން ޖުމްލަ 154 މަޝްރޫޢެއް މިހާރުވެސް ހިނގަމުން އަންނަކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން 156 މަޝްރޫޢެއް ފެށުމަށް މިހާރު ވެސް ތައްޔާރީތައް ވަމުން އަންނަކަން އެ މަނިކުފާނު ހާމަކުރެއްވިއެވެ.

ކޮވިޑް-19 މި ވަގުތު ކޮންޓްރޯލް ކުރެވިފައިވާ މަދު ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިފައި ވަނީ، ޞިއްޙީ ޚިދުމަތްތެރިންގެ މަސައްކަތާއި، ބަލި ކޮންޓްރޯލުކުރުމަށް އެޅި ފިޔަވަޅުތައް ތަންފީޒުކުރުމުގައި، ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއެކުކަން ފާހަގަކުރައްވައި، ރައީސް ޝުކުރު އަދާކުރެއްވިއެވެ.