އިންފޯސިސްއާއި ޓާޓާ ކޮންސަލްޓަންސީ ސާވިސަސް (ޓީސީއެސް) އިން ވަނީ މިއަހަރު އެކުންފުނިތަކުގެ އާމްދަނީ އިތުރު ވާނެ ކަމަށް ލަފާ ކޮށްފައެވެ. މި ދެކުންފުނިންވެސް ލަފާ ކޮށްފައި ވަނީ ކްލައުޑް ފަދަ ޑިޖިޓަލް ހިދުމަތްތަކަށް ކުރާ ހޭދަ މިއަހަރުގެ ތެރޭގައިވެސް އިތުރަށް ދެމިގެންދާނެ ކަމަށް ލަފާކުރެވޭތީ އެވެ.

190 ބިލިއަން ޑޮލަރަށް ވުރެ ގިނައިން ވިޔަފާރި ހޯދާ އިންޑިއާގެ ސޮފްޓްވެއާ ސާވިސަސް އިންޑަސްޓްރީ އަކީ ކާމިޔާބު ދާއިރާއެކެވެ. އިންފޯސިސް އިން ބުނީ ޑިސެމްބަރު މަހުގެ ނިޔަލަށް ތިން މަސް ދުވަހުގެ ތެރޭގައި 2.53 ބިލިއަން ޑޮލަރުގެ އަގުހުރި ބޮޑު ޑީލެއް އެކުންފުނިން ކާމިޔާބު ކުރުމުގެ ސަބަބުން އިތުބާރު ބޮޑު ވެގެން ގޮސްފައިވާ ކަމަށެވެ.

މުމްބާއީގައި ހުންނަ ޓާޓާ ކޮންސަލްޓެންސީއާއި ބެންގަލޫރޫގައި ހުންނަ އިންފޯސިސް އިން މަޝްހޫރުކަން ހޯދީ ހުޅަނގުގެ ކްލަޔަންޓުންނަށް، އައު ސާސްކަފަށް ލައިގަތް އިރު ދިމާވި، ވައި2ކޭ ބަގް ފަދަ މައްސަލަތަކަށް ކުޑަ އަގެއްގައި ހައްލުތަކެއް ހޯދައިދިނުމުންނެވެ. އަދި ހުޅަނގުގެ ކުންފުނިތަކަށް އައުޓްސޯސް ކުރުން އިތުރުވަމުން ދިޔަ ވަރަކަށް ބައިނަލްއަގުވާމީ އައިޓީ ވިޔަފާރީގައި ދުނިޔޭގެ ބޮޑެތި ކުންފުނިތަކަށް ވެގެން ދިޔަ ހިސާބުންނެވެ.

އިންފޯސިސް އިން ލަފާކުރާ ގޮތުގައި 2022 ވަނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް މާލީ އަހަރުގެ އާމްދަނީއަށް 19.5 ޕަސެންޓާއި 20 ޕަސެންޓާ ދެމެދުގެ ކުރިއެރުމެއް ލިބޭނެ އެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އިންޑިއާގެ ސޮފްޓްވެއާ އުފައްދާ ދާއިރާއަށް އިތުރު ވިޔަފާރިތަކެއް ކާމިޔާބުވެފައި މިވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް19އާ ގުޅިގެން ކުންފުނިތަކުން ޑިޖިޓަލް ވާސާގައި މަސައްކަތާއި ވިޔަފާރި އިތުރުކޮށް ކްލައުޑް ކޮމްޕިއުޓިން، ޑިޖިޓަލް ޕޭމަންޓް އިންފްރާސްޓްރަކްޗާ އިން ފެށިގެން ސައިބަރ ސެކިއުރިޓީއާ ހަމައަށް އައިޓީ ހިދުމަތްތަކަށް ބޭނުންވާ މިންވަރު އިތުރު ވަމުން ދިއުމުންނެވެ.

އިންޑިއާގެ ނަމްބަރު 2 އައިޓީ ކުންފުނި އިންފޯސިސް އިން ބުނާ ގޮތުގައި ތިން ވަނަ ކުއާޓަރުގައި އެ ކުންފުނީގެ ސާފު ފައިދާ 12 ޕަސެންޓާ ގާތްކުރާ އަދަދަކަށް އިތުރުވެ، 58.09 ބިލިއަން ރުޕީސް (786 މިލިއަން ޑޮލަރު) އަށް އަރާނެއެވެ.