އިނގިރޭސިވިލާތާއެކު އިންޑިއާއިން އެކުލަވާލާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން 2030 ވަނަ އަހަރު އަންނަންވާއިރަށް ދެގައުމުގެ ވިޔަފާރީގެ މުއާމަލާތްތައް ދެގުނައަށް އިތުރު ވާނެ ކަމަށް ދެގައުމުގެ ޓްރޭޑް މިނިސްޓަރުންގެ މެދުގައި ބުރާސްފަތި ދުވަހު ބޭއްވި މަޝްވަރާތަކަށްފަހު އިންޑިއާއިން ނެރެފައިވާ ސްޓޭޓްމަންޓެއްގައި ބުނެފައި ވެއެވެ.

އިންޑިއާގެ ޓްރޭޑް މިނިސްޓަރު ޕިޔުޝް ގޯޔަލް އާއި އިނގިރޭސިވިލާތުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ އިންޓަނޭޝަނަލް ޓްރޭޑް މިސް އޭން-މޭރީ ޓްރެވްލިއަން ވަނީ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު އެތައް ބިލިއަން ޕައުންޑެއްގެ ބައިލެޓްރަލް ޓްރޭޑް އިތުރުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ވިދާޅުވެފައެވެ. އަދި މި އެއްބަސްވުމަކާއެކު މުދަލާއި ދެ ގައުމުގެ ދެމެދު މީހުން މިނިވަންކަމާއެކު ދަތުރުފަތުރު ކުރުމަށްވެސްފަހި ވެގެން ދާނެއެވެ. އިންޑިއާއިން މިނިވަން ވިޔަފާރިއާއެކު އިނގިރޭސިވިލާތާ އިންޑިއާ ދެމެދު ވިސާ ފަހިކޮށް ފަސޭހަކޮށް ދިނުމަށް ވެސް ބާރުއަޅަމުން ގެންދެއެވެ.

އިނގިރޭސިވިލާތުން ބުނީ މި އެއްބަސްވުމުގެ ސަބަބުން އިންޑިއާއަށް އިނގިރޭސިވިލާތުން އެކްސްޕޯޓްކުރާ މިންވަރު ދެގުނައަށް އިތުރުވެ، 2035 ވަނަ އަހަރު އަންނަންވާއިރަށް އަހަރެއްގެ މައްޗަށް ޖުމްލަ ވިޔަފާރީގެ މުޢާމަލާތްތަކަށް 28 ބިލިއަން ޕައުންޑް (51.7 ބިލިއަން އެމެރިކާ ޑޮލަރު) ގެ ކުރިއެރުމެއް ލިބިގެންދާނެކަމަށެވެ. އިނގިރޭސިވިލާތުގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2019 ވަނަ އަހަރުގެ ޖުމްލަ ވިޔަފާރީގެ އަގު 23 ބިލިއަން ޕައުންޑަށް އަރާކަމަށެވެ.

ދެ ފަރާތުން ވެސް އަމާޒު ހިފާފައި ވަނީ އަހަރު ނިމެންވާއިރަށް މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް އައުމަށެވެ.

އިންޑިއާއިން ބުނާ ގޮތުން މިނިވަން ވިޔަފާރިއަށް ދެ ފަރާތުން އެއްބަސްވުމުން އަވަހަށް ބައެއް ކަންކަން ކޮށް ނިންމުމަށްވެސް ދެފަރާތުން ބޭނުން ވެއެވެ.

އިންޑިއާއިން ދަނީ މިއަހަރުގެ ތެރޭގައި އެތައް ގައުމަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލުމަށް މަސައްކަތް ކުރަމުންނެވެ.