މިއަދަކީ ދިވެހިރާއްޖޭގެ 33 ވަނަ ޅެންވެރިންގެ ދުވަހެވެ. ދިވެހި ބަހުގެ އެކަޑަމީން މިއަދަށް ކަނޑައަޅުއްވާފައިވާ ޝިޢާރަކީ " ފެނިލުމުން ދިވެހި ދިދަ ވިހުރާލާ" އެވެ. މިއީ އަޅުގަނޑުމެންގެ ތެރޭގައި މަޝްހޫރު އުތީމު އާދަމްބެ ހައްދަވާފައިވާ ޅެމެކެވެ. ދިވެހިބަހުގެ އެކަޑަމީން މިއަހަރުގެ މިދުވސަސް ތަޙްޞީޞް ކުރައްވަނީ ޅެންވެރިކަމުގަޔާއި ދިވެހި އަދަބުގައި ފުންނާބު އުސް އެއް އަދީބުކަމުގައިވާ އާދަމް އަބުދުއްރަޙުމާން ( އުތީމު އާދަމްބެ ) އަށެވެ.

ދިވެހި ބަހުގެ އެކަޑަމީން ގެންދަވަނީ ރާއްޖޭގެ ތަރީޚީ އަދި ޤައުމީ ދުވަސްތައް ފާހަގަ ކުރުމަށް އެ ރޮނގަކުން ޚިދުމަތްކުރައްވާފައިވާ ފަރާތްތަކަށް ތަޙްޞީޞް ކުރައްވަމުންނެވެ. އަދި ދުވަހަށް ޚާއްޞަ ޝިޢާރުވެސް ކަނޑައަޅުއްވައެވެ.

އުތީމު އާދަމްބެ ވަނީ ދިވެހި އަދަބިއްޔާތަށް ޚައްޞަކޮށް ޅެންވެރިކަމުގެ ޝަރަފުވެރިކަމުގެ އިނާމާއި ޤައުމީ އިނާމު ޙާޞިލުކުރަށްވާފައެވެ.

ދެވެހިރާއްޖޭގައި ޅެންވެރިންގެ ދުވަސް ފާހަގަކުރަމުން އަންނަނީ 1989 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. އެއީ ދިވެހި ޅެންވެރިކަމުގެ ޝާޢިރުއްޝަބާބު، އަލް އުސްތާޒު އިބްރާހިމް ޝިހާބު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި ދުވަހެވެ. ދިވެހި ޅެންވެރިކަމުގެ ގްލްފާމް އަދި ޘާޤިބުގެ ލަޤަބު ވެސް ލިބިވަޑައިގެންފައިވާ އިބްރާހިމް ޝިހާބަކީ ރީތި ފުރިހަމަ ގިނަ ޅެންތަކެއް ހެއްދެވި ޝާޢިރެކެވެ. ދިވެހި އަދަބަށް އަދަދުނުކުރެވޭނެ ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި އަދީބެކެވެ.

މިއަދު ރާއްޖޭގައި ޅެންވެރިން ގިނައެވެ. ޝާޢިރުން އިތުރެވެއްޖެއެވެ. ވަރަށް ގިނަ ޒުވާނުންގެ ރީތި ފުރިހަމަ ޅެންތަކުން ޅެންވެރިންގެ ބަގީޗާ ފުރިހަމަކޮށްދެއްވަމުން ގެންދަވައެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޅެންވެރިކަމަށް ޝައުގުވެރިވާ މީހުންނަން އެކަން ދަސްކޮށްދިނުމުގެ ޕްރޮގްރާމުތައްވެސް ހިންގަވަމުން ގެންދަވައެވެ.

ޅެމަކީ އިންސާނީ ޖަޒުބާތާއި ކުޅެލާ ވަރުގަދަ ހަތިޔާރެކެވެ. ޅެންވެރިންގެ ޝާޢިރިއްޔަތުގެ ސަބަބުން ބަހާއި އަދަބަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެކަން ކަށަވަރެވެ. ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ޅެންވެރިންނަށް ތަހުނިޔާ އަރިސްކުރަމެވެ.