ޅެމަކީ ކޮބައިތޯ ކުރެވޭ ސުވާލަށް ވަރަށް ގިނަ ޖަވާބުތައް ލިޔެވިފައި ހުރެއެވެ. ނަމަވެސް މީގެ ތެރެއިން ގިނަ ޖަވާބުތަކުން ފެންނާން ހުންނަނީ ޅެމުގެ ސިފަތަކުގެ ތެރެއިން މަދު ސިފަތަކެކެވެ. އެހެންކަމުން ގިނަ ޖަވާބުތަކަކީ އަދަބީ ޅެމުގެ ހަގީގީ ތައާރަފަކަށްނުވާ ޖަވާބުތަކެކެވެ. މިހެންވަނީ އަދަބީ ޅެމެއްގެ ސިފަތައް ގިނަވުމުގެ ސަބަބުންނެވެ. މި ސިފަތަކުގެ ތެރެއިން އެފަހަރަކު ދައްކާ ވާހަކަ ރައްދުވާ ފަރާތަށް އެންމެ މުހިންމުވާނޭ ސިފަތަކަށް އަދީބުންނާއި ޝާޢިރުން އިސްކަންދެއްވައެވެ. އެހެންކަމުން މިތާގައި ފުރަތަމަ ބަލާނީ މިފަދަ ޖަވާބުތައް އެއްކޮށްގެން އަދަބީ ޅެމަކީ ކޮބައިތޯ ބުނެދިނުމަށާއި، އޭގެ ފަންނީ ބައެއް ސިފަތައް ބަޔާންކުރުމަށެވެ. މި ދާއިރާއަށް އަލަށް ވަންނަ ކުދީންނަށް ހިތްވަރުދީ އެހީތެރިވާނޭ މައުލޫމާތުކޮޅަކަށް ވާނޭކަމުގެ އުންމީދުގައެވެ.

ޅެމަކީ ވަޒަނަކަށް ފައްތައިގެން، މަތީފެންވަރެއްގެ ބަހުރުވައަކުން ބަޔާންކޮށް ކާފިޔާހަމަކޮށް އަތުރައިލެވޭ ޝުއޫރުތަކެކެވެ. ނުވަތަ ބަސްތަކެކެވެ. ޅެމުގައި އެކުލެވެނީ އަދަބާއި މިޔުޒިކެވެ. މި މާނައިގައި މިޔުޒިކޭ ކިޔަނީ ޅެމުގެ ވަޒާއި އެއިން އުފައްދާ ރިދަމަށެވެ.

ޅެމުގައި ހުންނަންވާނީ ފުނަށް އަސަރުކުރާގޮތަށް ފާޅުކުރާ ރީތި ޚިޔާލުތަކެކެވެ. ވަޒަނަކަށް ފެތުމާއި އީޖާދީގޮތަކަށް ބުނުމާއި މި ދެ ކަމަކީ ޅެމެއްގައި ހުރުން ލާޒި ދެ ސިފައެވެ.

ދިވެހި ޅެމެއް ނަމަ ބަނޑުވައް އަކުރު އެއްގޮތްކުރުމާއި ފިލިކޯޅި އެއްގޮތްކުރުން އޮވެއެވެ. ޅެން ހަދައިފައި ހުންނަނީ ބައިތަކުން ބައިތަކުން ބައިބަޔަށް ބަހައިފައެވެ.

ފަންނީގޮތުން ބަލާއިރު މައުލޫމާތު ދިނުމަށްވުރެ ބޮޑަށް ޅެމުގައި ބަލަނީ، ޝުއޫރު ފާޅުކުރުމަށެވެ. އިހުސާސްތައް ހާމަކުރުމަށެވެ. އެހެންކަމުން ޅެންވެރިކަމުގައި ބޭނުންކުރަނީ ޝުއޫރާއި އިހުސާސް ފާޅުކޮށް ދެއްކޭނޭ ބަސްމަގެކެވެ. މި ނުކުތާއަށް ބާރުއަޅާ އަދަބީ މަދަރުސާތަކުގެ ވިސްނުމުގައި، އިސްވެ ދެންނެވި ގޮތްތަކާ ތަފާތު ލުއި ގޮތްތަކެއް ހުންނާންޖެހެއެވެ. އެހެންކަމުން އެފަދަ ގޮތްތަކަށް ބިނާވާ ރީތިކަމުގެ ފަންނުތަކެއް އުފަންކުރުވައިފައިވެއެވެ. އޭގެ ތެރޭގައި ޅެންވެރިކަން ވެސް ހިމެނެއެވެ. މިއާއެކު ވިސްނާންވީ ކަމަކީ ޅެންވެރިކަމުގައި ކޮންމެ ވައްތަރެއްގެ އަރޓެއް ބޭނުންކުރިއަސް އެ ޅެމެއްގެ މުޅި މަސައްކަތް އެ އަރޓެއްގެ ހަމަތަކާއި އުސްލޫބުތަކުގެ ތެރޭގައި ހިފެހެއްޓޭންވާނޭކަމެވެ. އުސްތާޒުލް ޖީލު އަލްއުސްތާޒު މުޙައްމަދު ޖަމީލް ވިދާޅުވެފައިވާ ފަދައިން "އެއަކަށް ނުވެ، މިއަކަށް ނުވެ، ދޭތެރެ ދެބައަކަށްނުވެ" އޮތަނުދިނުމަށްޓަކައެވެ. އެއަށް ނުވަތަ މިއަށް ވުމަކީ މުހިންމުކަމެކެވެ. މިތާގައި ދޭތެރެ މެދަކީ އިހުތިރާމު ކުޑަވާ ޖާގައެކެވެ.

ޅެމަކީ އާންމު ގޮތެއްގައި ކުރު އެއްޗަކަށް ވުމުގެ ސަބަބުން، ތަފުސީލުތަކާއި ދިގު ބަޔާންތަކަށް ޖާގައެއް ނޯވެއެވެ. އެހެންކަމުން ޅެމުގައި ބޭނުންކުރާ ބަހުރުވައިގައި މާނަ ރަމްޒު ކުރެވިފައިހުރެއެވެ. މާނަ ރަމްޒު ކުރުމަކީ ބަހާއި އަދަބިއްޔާތުގެ ޚާއްސަ ދާއިރާއެކެވެ. ޚާއްސަ ފަންނެކެވެ. މިއީ ބަލާޣާގެ އިލްމުގެ ތެރޭގައި އޮންނަ ވަކި ދާއިރާއެކެވެ. މަޖާޒާއި، ތަޝްބީހާއި، މުބާލަޣާ އާއި، ތަޖުސީދު ފަދަ މާނަ ރަމްޒުކޮށްދޭ ގޮތްތަކާއި އުކުޅުތަކާއި ހުނަރުތައް ހިމެނެނީ މިބައިގައެވެ. އެހެންކަމުން އަދަބިއްޔާތާއި ޅެންވެރިކަމުގައި ކުރިއަށް ދިއުމަށްޓަކައި، ޅެންވެރިކަމާއެކު އަދަބުގެ އިލްމަކީ ނުހަނު ބޭނުން އެއްޗަކަށް ވަނީ ވެފައެވެ.

ފެންނާންހުރި ގިނަ ލިޔުންތަކަށް ބަލާއިރު، ޅެމަކީ ކޮބައިކަން ބަޔާންކުރުމުގައި ގިނަފަހަރަށް ދެއްކިފައި ހުންނަނީ އޭގެ ބޭރުފުށުގެ ސިފަތަކެކެވެ. ވަޒަނަކަށް އޮތުމެވެ. ކާފިޔާ އެއްގޮތްކުރުމެވެ. މާނައެއް އޮތުމެވެ. ކުރުގޮތަކަށް ބުނުމެވެ. އޮއްޓަރު ހުރުމެވެ.

ސުވާލަކީ، މިކަންކަން ކުރަނީ ކީއްކުރަންހެއްވެ؟ ޖަވާބަކީ، ފުން އަސަރެއް ކުރުވުމަށެވެ. ޝުޢޫރެއް ޅެމަކަށް ހެދުމުގެ ބޭނުމަކީ އެއިން ފުން އަސަރެއް ކުރުވުމެވެ. އެ ''ޅެމަކުން'' ގިނަ ބަޔަކަށް ފުން އަސަރެއް ނުކުރާ ''ޅެމަކީ'' ހަގީގީ ޅެމެއް ނޫނެވެ. އެއީ ނާކާމިޔާބު މަސައްކަތެކެވެ.

އިސްވެ ބަޔާންކުޅަ ކަންކަމާއެކު ބަލާ ނަމަ، ޅެމަކީ ވަޒަނަކަށް ފައްތައި ކާފިޔާ އެއްގޮތްކޮށް ފުން ޝުޢޫރެއް ފާޅުކޮށް، ހިއްސުތަކަށް ބަދަލުގެނުވާ ބާރަކާއެކު ފުން އަސަރެއް ކުރާގޮތަށް އެކުލައިވެވޭ ބަހުގެ އުފެއްދުމެކެވެ. މި މާނައިގައި ވިސްނާއިރު، ޝުޢޫރެއް ޅެމަކަށް ހެދުމަށްޓަކައި، ވަޒަނާއި ކާފިޔާގެ އިތުރުން ޅެންވެރިން ބޭނުންކުރާ ބައިތަކެއް ހުރެއެވެ.

ޅެމަކަށް ބޭނުންވާ ފަންނީ ބައެއް ސިފަތައް

1. ފިކުރު މަތިވެރިވުން:

ޅެމުގެ ފިކުރު މަތިވެރިވާ މިންވަރު ބަލަނީ، އެ ފިކުރުން އުފަންވާ ޅެމުގެ ބޭނުންތެރިކަން އޮންނަ މިންވަރެއްގެ މައްޗަށެވެ. ފިކުރު މުނާސަބުވާން ޖެހޭނެއެވެ. ރައްދުވާ (ޅެމުން މުޚާޠަބުކުރެވޭ) ފަރާތާ އެކަށީގެންވާ ފިކުރަކަށް ވާންޖެހޭނެއެވެ. ފިކުރު މަތިވެރިވެރިވެގެން ގޮސް، އެހެން ބަޔަކަށް އެއިން އެއްޗެއް ނޭނގޭ ހިސާބަށް ގެންގޮސްގެންނެއް ނުވާނެއެވެ. އަދި އެހެންމެ ފިކުރު ސާދާވެގެން ގޮސް ބާޒާރީ ވެގެންންނެއް ވެސް ނުވާނެއެވެ. އަދަބީ ޅެމެއް ނަމަ، މި ދެމެދުގައި ހިފެހެއްޓެން ޖެހޭނޭ ކަމަށް ބައެއް ނާގިދުން ބުނެއެވެ. ނަމަވެސް ފަހުގެ އަދަބީ ވިސްނުންތަކުގައި މި ބުނުމުގައި ބަނދެވުމެއް ނޯވެއެވެ. ވީއްލިގަތުމުގެ މިނިވަންކަން އޮންނަކަމަށް ބަލައެވެ. މި ހިސާބުން އުފެދޭ ސުވާލަކީ މިނިވަންކަމުގައި ވީއްލިގެން ކޮންމެ ދިމާއަކަށް ދިޔަޔަސް ފިކުރުގެ މަތިވެރިކަން އޮންނާނެތޯއެވެ؟

2. ފިކުރުގައި އާކަން ހުރުން:

ޅެމުގެ ފިކުރާއި ޚިޔާލަކީ، އާގޮތަކަށް ހުށަހަޅާ، އާކަން އިހުސާސްވާ އެއްޗަކަށް ހަދަންޖެހެއެވެ. ޅެމުގެ ޚިޔާލާއި ފިކުރަކީ އާގޮތަކަށް އީޖާދުކުރަން ޖެހޭ އެއްޗެކެވެ. އެހެން ނޫނީ އަބަދުވެސް ހެދޭނީ މުސްކުޅި ޅެމެކެވެ. އީޖާދީ ގޮތަކަށް ބޭނުންކުރުމަކީ އާ ގޮތަކަށް ބުނުމެވެ. އެބައެއްގެ ތެރޭގައި ކުރަން ނޭނގިފައި ހުންނަ ފިކުރާއި، ވިސްނަން ނޭނގިފައި ހުންނަ ކަންކަމާއި، ވިސްނިއަސް ސަމާލުކަމަށް ނުގެނެވިފައި ހުންނަ ކަންކަމަކީ އާތަކެއްޗެވެ. ބާ ތަކެތީގެ ތެރެއިން ވެސް އާ ގޮތަކަށް ބުނާ ބުނުން ވާނީ މި މާނައިގައި އާ އެއްޗަކަށެވެ.

3. އިހުސާސް ގަދަ ޚިޔާލަކަށްވުން:

ޅެމުގެ ޚިޔާލު ނުވަތަ ތީމަކީ، އިންސާނީ ޖަޒުބާތާ ގުޅުންހުރި، އިހުސާސް ގަދަ ޚިޔާލަކަށް ވާންޖެހެއެވެ. އިހުސާސް އުފެދުނު ސަބަބަށްވުރެ މިތާގައި މުހިންމުވަނީ އިހުސާސްގެ ބާވަތާއި މިންވަރެވެ. އެއިން ކުރުވާ އަސަރެވެ. ހިތެއްގައި ނުފުދިފައި އޮތް އިންތިޒާރުގެ އުންމީދުތަކެއް ވީއްލިގެން ފުނަމަލުން ވަސްބަލަމުން، ޝަބްނަމުން ފެންވަރަމުންދާގޮތް ބަޔާންކުރާ ޅެމުގެ އިހުސާސާއި، ގަރުދިޔަ ކައްކާނެ ގޮތް ބުނެދޭ ޅެމުގެ އިހުސާސް ތަފާތުވާނެއެވެ. މި ތަފާތުގެ މައްޗަށް ޅެމުގެ ރީތިކަމާއި ފޮނި މީރުކަން ތަފާތުވެގެން ދާނެއެވެ.

4. ފުން ޝުޢޫރަކަށްވުން:

5. ފުން ޝުޢޫރޭ ކިޔަނީ، ހިއްސުތަކުން ވަރަށް ބޮޑަށް އިހުސާސް ލިބިގަނެވޭ ޝުޢޫރުތަކަށެވެ. ޝުޢޫރެއް ފުންކަމުގައިވާނީ، އެ ޝުޢޫރަކާ ގުޅިފައިވާ ޚިޔާލަކީ އިންސާގެ ހަޔާތުގެ ހަގީގަތަކަށްވެގެންނެވެ. ވުޖޫދުގައިވާ އެއްޗެއްގެ ނުވަތަ ކަމެއްގެ މައްޗަށް ބިނާވާ ޚިޔާލަކުން އުފެދުނު ޝުޢޫރަކަށް ވެގެންނެވެ. އެ އެއްޗެއްގެ ޖިސްމު ދުނިޔޭގައި ނެތަސް، އަދި ލޮލަށް ނުފެނުނަސް، އިންސާނުންގެ ގަބޫލުކުރުންތަކާއި، ޚިޔާލުގައިވާ ކޮންމެ އެއްޗަކީ މި މާނައިގައި "ވުޖޫދުގައިވާ އެއްޗެއް" ކަމަށް އަދީބުންނާއި ނާޤިދުން އަދި ބަހުގެ އެހެން އިލްމުވެރިން ގަބޫލުކުރައްވައެވެ.

6. އުސްލޫބު:

ޅެން ހަދާ ވަޒަނާއި، ފިކުރު ބައްޓަންކުރާ ގޮތާއި، ލަފުޒުތަކާއި އިބާރާތްތަކާއި މިސާލުތަކާއި، އަދަބީ އުކުޅުތަކުން އިހުސާސްތަކަށް ބަދަލުގެނުވާ އުސްލޫބެއް ބޭނުންކުރަންޖެހެއެވެ. އުސްލޫބަކީ އެ ޅެމެއްގެ ޚިޔާލާއި ޝުޢޫރާ ވަރުން އެޅޭ އުސްލޫބަކަށް ހަދަންޖެހޭނެއެވެ. އުސްލޫބު ވާންޖެހޭނީ ޅެމުގެ ޚިޔާލާއި ޝުޢޫރު އުފުލައިގެން ދަތުރުކުރެވޭ ވަރުގެ ގާބިލް އެއްޗަކަށެވެ. އުސްލޫބަކީ، ޚިޔާލާއި ޝުޢޫރު އެއް ހިތުން އަނެއް ހިތަށް ގެންގޮސްދިނުމުގައި އެކަށޭނަ އުސްލޫބަކަށް ވާންޖެހޭނެއެވެ.

7. ބަސްމަގު:

އަދަބީ ޅެންތަކުގައި ބޭނުންކުރަނީ އަދަބިއްޔާތުގެ ޚާއްސަ ބަސްމަގު ކަމަށްވާ ތަސްވީރީ ބަސްމަގެވެ. އެއީ ޝުޢޫރު ފާޅުކުރުމަށާއި ޖަޒުބާތު ވީއްލުމަށް ތަންދޭ ބަސްމަގެކެވެ. ޅެމަކީ ކޮބައިކަން ބަޔާންކޮށްދިން ބައިގައި އިޝާރާތްކޮށްފައިވަނީ މި ބަސްމަގަށެވެ. މީގެ އިތުރުން ޅެމުގެ ބަސްމަގަކީ، އެބައެއްގެ ބަހުގެ ހަމަތަކާއި ޅެންވެރިކަމުގެ ގަވާއިދުތަކަށް ޖާގަދޭ ބަސްމަގަކަށްވާންވާނެވެ. ބަނޑުވައް އަކުރާއި ފިލިކޯޅި އެއްގޮތްކޮށްގެން ތަކުރާރުކުރެވޭ އެއްގޮތް އަޑުތަކާއި، ކާފިޔާ ހަމަކުރުމުގައި އީޖާދީ ގޮތްތައް ބޭނުންކޮށްގެން ގެންނަ ރީތިކަން ވެސް މިބައިގައި ހިމެނެއެވެ. ކުރިން ބުނެވުނު ފިކުރާއި ޚިޔާލާއި ޝުޢޫރުން ޅެންހަދަން ބޭނުންކުރާ ތަކެއްޗަކީ ބަސްމަގެވެ. ވަޑިއަކު ލަކުޑި ބޭނުންކުރާ ފަދައިން ޅެންވެރިޔާ ބޭނުންކުރާ ތަކެއްޗަކީ ބަހެވެ.

8. ޅެން ޢިބާރާތްކުރުން:

މިތާގައި ޢިބާރާތް މާނަކުރަނީ ބަހުގެ ގަވާއިދުގައި "އިބާރާތް" މާނަކުރާ ގޮތަކަށެއް ނޫނެވެ. މުއާސަލާތެއްގައި ބޭނުންކުރާ ގޮތަށެވެ. ޅެން އެކުލަވައި އަމުނާއިރު އިބާރާތް ބޭނުންކުރަންވީ ގޮތާއި އޭގެ ސިފައާއި މަގުސަދާ އެއްގޮތަށެވެ. މިގޮތުން ބަލާއިރު އިބާރާތުގެ މާނައަކީ ކަޑައްތުކުރުމެވެ. އެއްތަނުން އަނެއް ތަނަށް ދިއުމުގައި އެ ދެތަނެއްގެ ދެމެދުގައި ދެމެދުގައި އޮންނަ ޖާގަ ކަޑައްތުކުރާ މިސާލުގައެވެ. އެހެންކަމުން އިބާރާތަކީ އެކެއްގެ ހިތުން (ނުވަތަ ސިކުނޑީން) އަނެކާގެ ހިތަށް (ނުވަތަ ސިކުނޑިއަށް) މާނަ ކަޑައްތުކުރުމެވެ. ކަންހިނގާ ގޮތަށް ބަލާއިރު އިބާރާތުގެ މަގުސަދަކީ އަދި އޭގެ ދައުރަކީ، އެއް ހިތް އަނެއް ހިތާ (އެއް ސިކުނޑި އަނެއް ސިކުނޑިއާ) ގުޅުވައިދިނުމެވެ. ދެފަރާތެއް ގުޅުވައިދޭ ފާލަމެއްގެ މިސާލުގައެވެ. އެހެންކަމުން ރަނގަޅަށް އިބާރާތް ކުރެވޭ ނަމަ މި މަގުސަދު ހާސިލްވާން ޖެހޭނެއެވެ. ޅެންވެރިޔާގެ ހިތުގައިވާ އެއްޗެއް އޭގެ ފުރިހަމަ އިހުސާސާއެކު އަނެކާގެ ހިތަށް ވާސިލްކުރެވޭ އިބާރާތަކީ މޮޅު އިބާރާތެވެ.

"ޅެމުގައި ބަޔާންކޮށް ދޭން ޖެހޭނީ ހާދިސާއެއް ނޫނެވެ. ހާދިސާއަކުން ޅެންވެރިޔާއަށް

ކުރި އަސަރެވެ. ޅެމަކީ ބަޔާން ކުރުމުގެ ތަޖުރިބާއެއް ނޫނެވެ. ތަޖުރިބާގެ ބަޔާނެކެވެ."

މުޙައްމަދު ވަޙީދު ނަދުވީ (2006)

އަދަބީ އުފެއްދުންތަކުގެ ބަހާތައް

އަދަބީ އުފެއްދުމެއްގެ ބަހާތަކަކީ އަދަބީ އުފެއްދުމެއް އުފައްދަން ބޭނުންކުރާ ބާވަތްތަކެވެ. އެއީ އިސްވެ ބަޔާންކޮށްފައިވާ ބައިތައްކަމުގައިވާ ޚިޔާލާއި، ޖަޒުބާތާއި، އުސްލޫބެވެ. ނަމަވެސް ބައެއް މީހުން މީގެ ތެރެއަށް ފިކުރު އިތުރުކޮށްގެން ހަތަރު ބާވަތްކަމުގައި ބުނެއެވެ. ތިންބައިކަމުގައި ބުނާ މީހުންގެ ގާތުގައި ފިކުރާއި ޚިޔާލަކީ އެކައްޗެކެވެ. މި ގޮތަށް ބުނާ މީހުން ދެކޭގޮތުގައި، ފިކުރު ހިމެނެނީ ޚިޔާލުތެރޭގައެވެ.

ޅެން ވެސް އުފެދިފައި ހުންނަނީ އަދަބުގެ އެހެން ބާވަތްތަކެކޭ އެއްގޮތަށް، އިސްވެ ދެންނެވި ބަހާތައް އެކުވެގެންނެވެ. އެހެންކަމުން މި ބަހާތައް މާނަކުރާގޮތް ދެނެގަތުން މުހިންމެވެ. މި ބައިތައް މާނަކުރުމުގައި ކުރެވޭ ބަހުސްތަކަށް އަދިވެސް ނިމުމެއް އައިސްފައެއް ނުވެއެވެ. ވަކިން ޚާއްސަކޮށް ޖަޒުބާތަކީ ކޮބައިކަމާއި އޭގެ ވައްތަރުތަކާއި ސަބަބުތަކާއި އޭގެ އަދަބީ ދަރަޖަ ކަނޑައެޅުމުގެ ބަހުސް އަދިވެސް ދަނީ ދިގުލަމުންނެވެ. މިސާލަކަށް ބަލާނަމަ ޖަޒުބާތަކީ ކަމަކާ ގުޅިގެން އުފެދޭ ވަރުގަދަ އިޙްސާސެކޭ ބުނެފިނަމަ އެއާ ވިދިގެން އަންނަ ސުވާލަކީ އެފަދަ ކޮންމެ އިހުސާސަކީ ޖަޒުބާތުތޯ ކުރެވޭ ސުވާލެވެ. ހަށިގަނޑުގެ ތަނެއްގައި އަލިފާންޖެހުނީމާ އެވާ ތަދަކީ ވެސް ޖަޒުބާތުތޯ ކުރެވޭ ސުވާލެވެ. މި ސުވާލުގެ ޖަވާބު ދެކަފިވެ އެއިން ކޮންމެ ކަތްޕެއް ކަފިކަފިވެގެންދެއެވެ. މިގާ ގުޅޭ ބަހުސްތައް އިންސާނާގެ ނަފުސިއްޔާތުގެ ތެރެއަށްދެއެވެ. ނަފުސާނީ ޢިލްމާ ގުޅިގެން އޭގެ ކޮޅުތައް ހިލިގަނެއެވެ. އެހެންކަމުން ޖަޒުބާތުގެ އެންމެ ފުރިހަމަ މާނަ ނޫން ނަމަވެސް ކޮންމެވެސް މާނައެއް އޮންނާން އެބަޖެހެއެވެ. ތިރީގައި މިވަނީ އަދަބުގެ ބަހާތައް މާނަކުރެވޭ ގޮތްތަކުގެ ތެރެއިން ބައެއް މާނަތަކެވެ.

  1. ޚިޔާލު: ހިތަށް އަންނަ ނުވަތަ ހިތަށް ގެންނަ ތަކެއްޗާއި ކަންކަން
  2. ފިކުރު: ބުއްދީގެ ބޭނުންކޮށްގެން ވިސްނާ ވިސްނުން
  3. ޝުޢޫރު: އިހުސާސަކާ ގުޅިގެން ހިތަށް އަރާ އެރުންތައް
  4. އިހުސާސް: ހަށިގަނޑުގެ ބައިތަކުން ނުވަތަ ގުނަވަންތަކުގެ ވަސީލަތުން އެނގޭ އެނގުންތައް
  5. ޖަޒުބާތު:

1. ކަމަކާ ގުޅިގެން އުފެދޭ ވަރުގަދަ އިހުސާސެއް.

2. އިހުސާސަކާ ގުޅިގެން މީހާގެ ޠަބީޢަތަށް އަންނަ ބަދަލު.

3. އެނގޭ އެނގުމަކާ ގުޅިގެން މީހާގެ މާނަވީ ސިފަތަކުން ފާޅުވާ ވަރުގަދަ އިހުސާސްތައް. (މިސާލު: ރުޅި، އުފާ، ދެރަ.)

4. (އަދަބުގައި) ވަޖިދުވުމުގެ ސިފަ

6. އުސްލޫބު:

އަމުނައިލުމުގެ ވައްޓަފާޅި. (އަދަބީ އުފެއްދުމެއްގެ ގޮތުގައި ފިކުރެއް ބައްޓަންކުރާ ސިފައާއި، އެ ސިފަ ދައްކައިދިނުމަށް ގެންގުޅޭ އުފެއްދުންތެރި ފާޑުވެރި ގޮތްތައް) ފޭޑި.

ޖަޒުބާތާއި އުސްލޫބާއި އިބާރާތް، ޅެމުގެ ތެރޭގައި ބައްދަލުވުން

ޅެމާއި އަދަބީ އުފެއްދުންތަކުގެ ފަންނީ ސިފަތައް ހުންނަނީ ލައިމެހިފައެވެ. ނަމަވެސް މި ލައިމެހުމުގެ ގުޅުމަށް ސަމާލުކަން ނުދެވި، ބައެއް ދަރިވަރުންނަށް މަސައްކަތް ކުރެވިފައި ހުރެއެވެ. މިގޮތް ދިމާވާ ދަރިވަރުންގެ ސަމާލުކަމަށްޓަކައި މިތާގައި މި ބުނެލަނީ ޖަޒުބާތާއި އުސްލޫބާއި އިބާރާތް އެއް ޅެމެއްގައި ބައްދަލުވާ ގޮތާއި، މި ބައްދަލުވުމުގެ ސަބަބުން އެ ޅެމަށް އެއިން އަސަރުކުރާގޮތެވެ.

ޅެންވެރިޔާ ޅެމުގައި ބޭނުންކުރަން ކަނޑައަޅާ ޖަޒުބާތެއްގެ ސަބަބުން އެ ޅެމެއްގެ އުސްލޫބަށް ބަދަލުއާދެއެވެ. ޖަޒުބާތުގެ އޮއިވަރު ބާރުވީ ވަރަކަށް އުސްލޫބުގައި އަވަސްކަމާއި ހަލުވިކަން އުފެދެއެވެ. ހަގީގީ ޅެމެއް އުފަންވަނީ ހަލުވިކަމާއެކު ހިނގައިގަންނަ ވަރުގަދަ އިހުސާސެއްގެ ނަތީޖާއިންނެވެ. އިބާރާތް ކުރަންޖެހެނީ މި އިހުސާސްތަކުގެ ނަތީޖާއެވެ.

މީހެއްގެ ޖަޒުބާތުތައް ހިލިގަތުމުން އޭނާގެ ބޭރުފުށުން ވެސް ބަދަލުތަކެއް ފެނެއެވެ. ޖަޒުބާތުގެ އަސަރުގައި އެމީހާ ހިމޭންވެއެވެ. ބަސްމަދުވެއެވެ. ރަނގަޅަށް ވިސްނައިފި ނަމަ، މިހާލަތުގައި އޭނާ ވާހަކަދައްކަނީ މަދު ލަފުޒުތަކަކުންނެވެ. ކުރު އިބާރާތްތަކަކުންނެވެ. އެއިން ގިނަ މާނަ އަންނަގޮތަށެވެ. ޖަޒުބާތު ހިލިފައިވާ މީހާގެ މި ނަފުސާނީ ހާލަތުގައި މުއާމަލާތުކުރާ ގޮތަކީ ޅެން ހެދުމުގައި ބޭނުންކުރާ ގޮތެކެވެ. މިގޮތް ބޭނުންކުރުމުން ޅެމުގައި ހުންނާނީ ކުރު އިބާރާތްތަކެކެވެ. މާނަ ރަމްޒުވާ ރަމްޒުތަކެކެވެ. އިސްވެ ދެންނެވި ފަދައިން މިގޮތަށް މާނަގެނައުމާއި މާނަ ރަމްޒުކުރުން ހިމެނެނީ ބަލާޣާގެ އިލްމުގެ ވަކި ގޮތްޕެއްގެ ގޮތުގައެވެ.

އެންމެފަހުން

މި ލިޔުމުގައި ބަލައިލެވުނީ ޅެމަކީ ކޮބައިތޯއާއި އޭގެ ފަންނީ ސިފަތަކުގެ ތެރެއިން ބައެއް ސިފަތަކާއި، އަދަބުގެ އިލްމުގެ ބައެއް މައުލޫމާތުގެ މައްޗަށެވެ. މި މައުލޫމާތުގެ ބޭނުންކުރާ ދަރިވަރުން ހަނދާންކުރަންވީ ކަމަކީ މި ލިޔުމުގައި ބަޔާންކުރެވިފައިވާ މައުލޫމާތަކީ ހުރިހައި އެއްޗެއް ނޫންކަމެވެ. އަދި މި ލިޔުމުގައި ހިމެނިފައިވާ ބައިތަކަކީ އިލްމީގޮތުންނާއި ފަންނީގޮތުން ބަލާއިރު މަތިމަތީން ބަލައިލެވުނު ތިލަ ތައާރަފުތަކެއްކަމެވެ. މި ލިޔުމުގެ ބޭނުމަކީ ޅެންވެރިކަމަކީ އަދަބިއްޔާތުގެ އިލްމާއެކުގައި އޮންނަ އެއްޗެއްކަން ބުނެދެވޭތޯ ބެލުމެވެ. ވަޒަނަށް ބަސްފައްތައި ޖުމުލަ ހަމަޖައްސައި ކާފިޔާ އާއި ބަނޑުވައް އަކުރާއި ފިލިކޯޅި އެއްގޮތްވިޔަސް އެވަރުން ފުރިހަމަ އަދަބީ ޅެމަކަށް ނުވާ ވާހަކަ ބުނެވޭތޯ ބެލުމެވެ. މި މިންވަރު ހާސިލްވެފައިވާ ދަރިވަރުން އިތުރަށް ހޯދައި ލިބިގަންނަންޖެހޭ އަދަބުގެ ޚަޒާނާއެއް އޮތްކަން ހަނދާންކޮށްދިނުމެވެ.

މި ލިޔުމުގައި ބުނެފައިވާ ކަންކަމާއި ދީފައިވާ ލަފާތަކަށް ވިސްނައި މި ރޮނގުން އިތުރު އިލްމާއި ހުނަރު ހޯދަން މަސައްކަތްކުރުމުގެ ޝައުޤު އެއްވެސް ހިތެއްގައި އުފެދިއްޖެ ނަމަ، މި ލިޔުން ވާނީ ކާމިޔާބު ލިޔުމަކަށެވެ. މި އުންމީދުގައި މި ލިޔުން ނިންމައިލަނީ، އަދަބާ ބަހާ ބައިދޭ ގައުމިއްޔަތުގެ ބަހާ، މަދަރިންގެ ހިތްތަކުން ދިރި އާރޯވަމުން ދިއުން އެދެމުންނެވެ. ވަޒަނަށް ތިޔާގިވީ ގިނަ ޅެންވެރިކަމުގެ ވަޒަން، ވަޒަނުން ތިޔާގިކަމުގައި ބަސްއަމުނަމުން ދާނެކަމުގެ އުންމީދުގައެވެ.

ކީރިތި ﷲ އަޅުގަނޑުމެންގެ އުންމީދުތައް ހާސިލްކޮށްދެއްވައި، ކާމިޔާބާއި ހިތްފަސޭހަކަން މިންވަރުކުރައްވާށިއެވެ.