ޓެކްސަސްގެ ޔަހޫދީ ފައްޅިއެއްގައި ފާދިރީއަކާއި ހަތަރު މީހަކު ރަހީނުކޮށްގެން އުޅުނު މީހާ މަރާލައި ރަހީނުން ވަނީ މިނިވަން ކޮށްފައެވެ. ބީބީސީން ބުނާ ގޮތުން ބައިތު އިޒްރޭލް ފައްޅީގައި އަޅުކަން ހިނގަމުން ދިޔަ ވަގުތު އެތަނަށް ވަދެ މީހުން ރަހީނު ކުރި މީހާއަކީ އިނގިރޭސި ރައްޔިތެކެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން މިމީހާއަކީ މުހައްމަދު ސިއްދީގީ ނަމަކަށް ކިޔާ މީހެކެވެ. ނަމަވެސް އިނގިރޭސި ސަރުކާރުންވެސް އަދި އެމެރިކާއިންވެސް އޭނާގެ ވަނަވަރު ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
ޕާކިސްތާންގެ ޑެއިލީ ޓައިމްސްއިން ބުނާ ގޮތުން މަރުވި މީހާއަކީ މުހައްމަދު ސިއްދީގީ އެވެ. އޭނާ މި ފައްޅިއަށް ވަނީ އޭނާގެ ދައްތަ މިނިވަން ކުރަން އެދިގެންނެވެ. އޭނާގެ ދައްތަ ޑރ. އާފިޔާ ސިއްދީގީއަކީ އެމެރިކާގައި 85 އަހަރަށް ޖަލަށް ލާފައިވާ މީހެކެވެ. އާފިޔާ ސިއްދީގިއަކީ ނިއުރޯ ސައިންޓިސްޓެކެވެ. އޭނާ އިނދެގެން އުޅުނީ ޓެރަރިސްޓް މޭސްތިރި ޚާލިދު ޝެއިޚު މުހައްމަދަށް ބޮޑު ބޭބެ ކިޔާ މީހަކާއެވެ. އޭނާ ޓެރަރިޒަމްގެ މައްސަލައެއްގައި ހައްޔަރުކޮށްގެން އަފްޣާނިސްތާންގައި އެމެރިކާ ސިފައިން ގެންގުޅެނިކޮށް އާފިޔާ ވަނީ އޭނާ ތަހުގީގަށް ބައިންދާފައި ހުރި ކޮޓަރި ތެރޭން ބަޑިއެއް ނަގައިގެން ތަހުގީގުކުރި މީހުންނަށް ހަމަލަ ދޭން އުޅެފައެވެ. 2008ގައި އޭނާ ނިއުޔޯކަށް ގެނަސްގެން އެމެރިކާއިން އޭނާގެ ޝަރީއަތް ކުރީއެވެ.
ޑާންސިންގ ވިތު ޑެވިލް ނަމަކަށް ކިޔާ ފޮތުގެ މުސައްނިފް މައިކަލް ރޫބިން ބުނާ ގޮތުން އާފިޔާގެ ކޮއްކޮ މުހައްމަދު ޔަހޫދީންގެ ފައްޅިއަށް ހަމަލަދީ އާފިޔާ މިނިވަން ކޮށްދިނުމަށް އެދުމުން ދައްކައި ދެނީ ޕާކިސްތާން މުޖުތަމައުގައި ޓެރަރިޒަމް އަށަގެންފައިވާ މިންވަރެވެ.
އާފިޔާ ސިއްދީގީއަކީ އެމެރިކާގައި ކިޔަވައިގެން ބޮޑުވި ޕާކިސްތާން ދަރިކޮޅުގެ އެމެރިކާ ރައްޔިތެކެވެ. ރޫބިން ބުނާ ގތުގައި ޕާކިސްތާނަކީ ޓެރަރިޒަމަށް ވާގިވެރިވާ، ފިޔަވަޅު އަޅަން ޖެހިފައިވާ ގައުމެކެވެ.
އާފިޔާ ސިއްދީގެ ވަކީލު ވަނީ އާފިޔާ ސިއްދީގީގެ ފަރާތުން ބަޔާނެއް ނެރެ މިޓެރަރިސްތް އަމަލު ކުށްވެރިކޮށްފައެވެ. އަދި އޭނާގެ ނަމުގައި އެއްވެސް ޓެރަރިސްޓް އަމަލެއް ހިންގަން ނޭދޭކަމަށްވެސް ބުނެފައި ވެއެވެ.