ޅެންވެރިޔާގެ ފަހަތުގައި ނާގިދު

ޅެމުގައި ހާމަކޮށްދޭ ޖަޒުބާތާއި ޚިޔާލަކީ ބޭނުންތެރި އެއްޗަކަށް ވާންޖެހޭނެއެވެ. ޅެމެއް އަދަބީގޮތުން ތަހުލީލު ކުރާއިރު މި ޖަޒުބާތާއި ޚިޔާލަކީ ބޭނުންތެރި އެއްޗެއްތޯއާއި، އޭގައި ބޭނުންތެރިކަން ހުރީ ކިހައި މިންވަރަކަށްތޯ ބަލަންޖެހެއެވެ. މިއީ ޅެމެއްގެ ފަހަތުން އައިސް ނާގިދަކު ބަލާނޭ ކަމެކެވެ. އެހެންކަމުން މި ބެލުންތަކުން ރަނގަޅު އެއްޗެއް ފެންނާނޭ ފަދަ ޚިޔާލެއް ޅެމުގައި އޮންނަންޖެހޭނެއެވެ. އަދި މި ޚިޔާލު ހުށަހަޅަންވާނީ މިފަދަ ޖަޒުބާތަކުންނެވެ.

ޅެމުގެ ޚިޔާލަކީ އާދައިގެ ޚިޔާލެއްތޯ ނުވަތަ ބޯދާ ޚިޔާލެއްތޯ ނުވަތަ އާ ޚިޔާލެއްތޯ ނާގިދުން ބަލާނެއެވެ. އާދައިގެ ޚިޔާލެއް ވެސް އާދައާ ޚިލާފު ގޮތަކަށް ހުށަހަޅައިފައިވާ ނަމަ އެއީ މޮޅު ޚިޔާލެއް ކަމުގައި ނާގިދުން ބަލައެވެ. މިސާލެއްގެ ގޮތުން ޔޫސުފް މުޙައްމަދު ފުޅުގެ ގުލްދަސްތާ އަށް ބަލަމާހެއްޔެވެ؟ މި ޅެމުގެ ޚިޔާލަކީ އާދައިގެ ޚިޔާލެކެވެ. މީހެއްގެ ލޯބި އެހެން މީހަކު ޖަހައިގަތް ވާހަކައެވެ. މިއީ ވަރަށް އާންމު ސާދާ ޚިޔާލެކެވެ. ނަމަވެސް މި ޚިޔާލު ހުށަހަޅުއްވައިފައިވަނީ އާދައާ ޚިލާފު ގޮތަކަށެވެ. ދައްތަގެ ލޯބި ޖަހައިގަންނަނީ ކޮއްކޮއެވެ. މި ޅެމުގެ ފިކުރު ބައްޓަންކުރައްވައިފައިވަނީ ވެސް އާދައާ ޚިލާފު ގޮތަކަށެވެ. (ތަފުސީލު "ގުލްދަސްތާ"ގެ ތަހުލީލުގައި) އެހެންކަމުން ތަންގީދީ ނަޒަރަކުން ބަލާއިރު މިއީ އާޚިޔާލެއް ނުވަތަ އާކަން ހުރި ޚިޔާލެއްގެ ގޮތުގައި ނާގިދުން ބަލާނެއެވެ.

ޅެމުގެ ޖަޒުބާތާ ބެހޭގޮތުން ނާގިދު ކުރާނެ އެއް ސުވާލަކީ މި ޅެމުގެ ޖަޒުބާތު ހުށަހަޅައިފައިވަނީ އަސަރުކުރުވާ ގޮތަކަށް އެމިންވަރަށް ހެއްޔެވެ؟ ސަބަބަކީ ޅެމަކުން އަސަރު ކުރަނީ އެ ޅެމެއް ހުށަހެޅުމުގައި އަސަރުކުރާނޭ ގޮތަށް ޚިޔާލާއި ޖަޒުބާތު ހުށަހެޅުމުން ކަމަށް ނާގިދުން ދެކޭކަމެވެ.

ތިބާގެ ޅެމުން ނާގިދު ދެން ބަލާނީ ކޮންކަމެއް ހެއްޔެވެ؟

"އަދަބީގޮތުންނާއި ފަންނީގޮތުން ޅެމުގެ ޒަމާން ތަރުޖަމާކުރާނެ.

ޅެމުން ޒަމާނުގެ ޝުޢޫރާއި އިޙްސާސުގައި ވިންދު ޖަހާތޯ ބަލާނެ.

ޚިޔާލާއި ފިކުރާއި ޖަޒުބާތާއެކު ޅެމުގައި ބަހުގެ ވިންދުޖަހާތޯ އާއި

އެ ވިންދު ޖަހާ މިންވަރު ވެސް ބަލާނެ".

މުޙައްމަދު ވަޙީދު ނަދުވީ (2006)

ދެން ހަދާނީ ކިހިނަކުންހެއްޔެވެ؟

ޅެންހަދަން ފެށުމުގެ ކުރިންނާއި، ޅެންހަދާއިރުގައްޔާއި، ޅެންހެދުމަށްފަހު އަތުން ދޫކޮށްލުމުގެ ކުރިން، ނާގިދުގެ ސުވާލުތަކަށް އެކަށޭނަ ޖަވާބެއް ހޯދާނީއެވެ. ނާގިދަކީ އަދަބުން ކުށްދައްކާނެ މީހެއްކަމާއި، އަދަބުން ފުރިހަމަނުވެ އޮންނަބައި އޭނާ ހާމަކުރާނޭކަން ދެނެގަނެ ޅެމުގައި އެފަދަ އުނިކަން ހުރިތޯ ބަލައި އެ އުނިކަން ފޫބައްދާނީއެވެ. މިހާތަނަށް ދެއްކުނު ވާހަކަތަކަށް ބަލައިގެން އެކަންކުރާނީ އަންނަނިވި ކަންކަމުންނެވެ.

1. ބޭނުންތެރި ޚިޔާލެއް ހޯދާށެވެ.

2. ބޭނުންތެރި (އަދި ޚިޔާލާ ވަރުންއެޅޭ/ ކުފޫ ހަމަވާ) ޖަޒުބާތެއް ބޭނުންކުރާށެވެ.

3. އާ ޚިޔާލެއް ހުށަހެޅޭތޯ ބަލާށެވެ. (ނޫނީ އާގޮތަކަށް ޚިޔާލު ހުށަހަޅާށެވެ.)

4. އަސަރުކުރާނޭ އުސްލޫބަކުން ހުށަހަޅާށެވެ.

5. ޒަމާނުގެ ޝުޢޫރާއި އިޙްސާސް ހިމަނާށެވެ. (ޒަމާނުގެ ޝުޢޫރަކީ އެ ޒަމާނެއްގައި މުޖުތަމައުގައި ހުންނަ ހަގީގަތްތަކެވެ. ހަގީގީ ތަޖުރިބާއާއި އިހުސާސްތަކެވެ. މުޖުތަމައުގެ ހިތުގައި އަޅާވޭނެވެ. އުފަލެވެ. އުންމީދު ނުވަތަ ނާއުންމީދެވެ.)

6. ޚިޔާލާއި ފިކުރާއި ޖަޒުބާތުތައް ޅެމުގެ ތެރޭގައި ބާރަށް ވިންދުޖަހާ ގޮތްގޮތަށް އުސްލޫބުތައް ބައްޓަންކުރާށެވެ. (ޅެންވެރިޔާގެ އެތެރެހަށީގައި ހުންނަ ޖަމާލިއްޔާތުގެ ސިފަތަކާއި ފަށުވިފަންނުގެ އިހުސާތައް ޅެމަށް ގެންނަނީ މިބައިންނެވެ. ހަގީގީ ޅެންވެރިކަން އޮންނަނީ މިތާގައެވެ. މިއީ ދިގު ބޮޑު ވާހަކައެކެވެ. ޅެންވެރިކަމުގައި ދާއިރާ ތަނަވަސް މައުޒޫއެކެވެ.)

7. ޚިޔާލާއި ފިކުރާއި ޖަޒުބާތާއެކު ޅެމުގައި ބަހުގެ ވިންދު ގަދަކުރާށެވެ. (ބަހުގެ ބާރާއި، މުޖުތަމައުގެ ވިސްނުމާއި، އެބައެއްގެ އަގީދާއާއި، އަމިއްލަ ފަލްސަފާތަކާއި، އެބައެއްގައި ހުންނަ އެބައެއް ވަންތަކަމާއި، ބަހުގެ ގަވާއިދާއި ހަމައާއި، ފުރޮޅުންތަކާއި އާ ވިސްނުންތަކާއި، މާނައިގެ ރަމްޒުތަކާއި، މި ރަމްޒުތަކުގެ ދޭހަ ފަދަ އެތައް ކަމެއް މިބައިގައި ގެނެވެއެވެ.

8. ޅެމުގެ ބަސްމަގު ސާދާވެފައި އިބާރާތްތަކުގައި އޮހުން ހުންނަންޖެހޭނެއެވެ. އޮހުން ހުރުމަކީ މައުޒޫއާއިގެން ބާރަށް ކުރިއަށް ދެވުމެވެ. މިކަމުގައި އެންމެ މުހިންމުކަމެއް ދޭންޖެހޭނީ، ހަމަ ކޮންމެހެން ވެސް ބޭނުންކުރާންޖެހޭ އެންމެ މަދު މިންވަރަށް ލަފުޒު ބޭނުންކުރުމަށެވެ. ޚާއްސަ ބޭނުމަކަށްޓަކައި، ޚާއްސަ މާނައަކަށްޓަކައި މެނުވީ އެއްވެސް ލަފުޒެއް ބޭނުން ނުކުރުމަށެވެ. މައުޒޫއާއިގެން ކުރިއަށް ނުދާ އެއްވެސް ލަފުޒެއް ބޭނުން ނުކުރުމަށެވެ.

ބައެއް އަދީބުންނާއި ނާގިދުން ދެކޭގޮތުގައި އަދަބެއް އުފެދެނީ ރީތި ލަފުޒުތައް ފުރިހަމަ ތަރުތީބަކުން އަތުރައިގެންނެވެ. އޭގެ ތެރެއިން ޅެމެއް އުފެދެނީ އެންމެ ރީތި ލަޒުފުތައް އެންމެ ފުރިހަމަ ތަރުތީބުން އަތުރައިގެންނެވެ. މިގޮތަށް އެތުރުމުގައި ލަފުޒު މުނާސަބުވާ ގޮތަށް ބޭނުންކުރުމަކީ އަނެއްކާ ވެސް މި ފަންނުގައި ޚާއްސަ މައުޒޫއެކެވެ. ލަފުޒު ލަފުޒާ މުނާސަބު ވުމާއި ލަފުޒު މައުޒޫއާ މުނާސަބުވުމާއި، އަޑުގެ ގޮތުން މުނާސަބުވުމާއި މާނައިގެ ގޮތުން މުނާސަބުވުމާއި، މާނައިގެ ތެރެއިން ފަހި މާނައިގެ ގޮތުން މުނާސަބުވުމާއި އިދި މާނައިގެ ގޮތުން މުނާސަބުވުން ވެސް އޮވެއެވެ.

ދިވެހި ޅެންތަކުގެ ތެރެއިން އެންމެ ބޮޑަށް އޮހުން ހުރި (ވަޒަނާއި ލަފުޒާ މުނާސަބުވާ، މާނަ ފުރިހަމަވާ، މެސެޖުތައް ރައްދުވާންވީ ގޮތަށް ރައްދުވާ، ކުޑަ ޖާގައެއްގައި ގިނަ ވާހަކަދެކޭ) ޅެމެއްގެ ނަމޫނާގެ ގޮތުގައި، ޢަބްދުﷲ ފަހުމީ ދީދީގެ ސިޔަރަތުގެ ރަންހާރު ފާހަގަކުރެވެއެވެ. "އަށްސައްތަ ހައްޓި މި ބައިތު ނަޒުމުގެ އެކުލަވައި، ޙަމްދުގެ ތަރާނާތައް" އިއްވަވައިފައިވާ މި ޅެމުން ނަމޫނާ ލިބިގަތުން ރަނގަޅެވެ. އޭގެ ކުޑަކުޑަ މިސާލަކަށް ބަލަމާހެއްޔެވެ؟

ހަތިޔާރަކުން އަދި ބާރަކުން އަދި މާލަކުން

ނޫނޭ މި ދީނެއް ލޯބި ލޯބި މި ފެތުރެނީ

ތެދުވެރިވި ހިތަކާ ހިންމަތާއި މުރުއްވަތާ

އެދެވޭ ކެތާ އެކަމަށް އެހީ ފޮނުވައިދެނީ

(ސިޔަރަތުގެ ރަންހާރު ސ. 59)

މިތާގައި ފުރަތަމަ ބައިތުގައި ވިދާޅުވަނީ އިސްލާމްދީން ފެތުރެނީ ކަނޑީގެ ބާރަކުންނޫނެވެ. މުދަލާއި މުލައްދަނޑީގެ ބާރަކުންވެސް ނޫނެވެ. ދެވަނަ ބައިތުގައި ވިދާޅުވަނީ ދީން ފެތުރުމަށް އެހީވެދޭ ބައެއް ކަންކަމުގެ ވާހަކައެވެ. ތެދުވެރި ހިތެކެވެ. ހިންމަތްތެރިކަމެވެ. މުރުއްވަތްތެރިކަމެވެ. ކެތްތެރިކަމެވެ. މިއީ ދީން ފެތުރުއްވެވުމުގައި ރަސޫލާ ދައްކަވައިފައިވާ ސުލޫކީ ސިފަފުޅުތަކެކެވެ.

އެހެން މިސާލެކެވެ. އަންނަނިވި ތިން ބައިތުގައި ވިދާޅުވަނީ ތިން ވާހަކައެކެވެ. މި ތިން ބައިތަކީ ބަދުރު ހަނގުރާމައިގެ ވާހަކަދެކެވޭ ބާބުގެ ތިން ބައިތެކެވެ.

ނުސީދާ މާނަތަކާއި ރަމްޒުތަކަށް ޅެންވެރިކަމުގައި މަތީ ދަރަޖައެއް ދެއެވެ. ނުސީދާ މާނައަކީ ނުސިޔާނު މާނައެއް ނޫނެވެ. އަދި އެއީ "ނުބައި" މާނައެއް ވެސް ނޫނެވެ. އެއީ ބަނޑުގައި އޮންނަ މާނައެއް ވެސް ނުމެނޫންމެއެވެ. އެއީ މުޠުލަޤަށް ނުބުނެ ޒީނަތްތެރިކޮށް އެކަމަކު ދޭހަވާ ގޮތަށް ގެނެވޭ މާނައެކެވެ. މުޖުތަމައުގެ ވިސްނުމާއި އަގީދާގެ މައްޗަށް ބިނާވެގެން މާނަ ފުޅާވެދާން ޖާގަ އޮންނަ މާނައެކެވެ. ނުސީދާ މާނައިގެ ވެސް ފުރިހަމަ ނަމޫނާއެއް މި ތިންބައިތުން އެބަފެނެއެވެ. އެކަން ދެނެގަތުމަށްޓަކައި މި ތިންބައިތުގެ ސީދާ މާނައަށް ބަލައިލަމާހެއްޔެވެ؟

ފުރަތަމަ ބައިތުގައި ވިދާޅުވަނީ އެ ހަނގުރާމައިގައި މަލާއިކަތުން ބައިވެރިވެވަޑައިގެންނެވި ވާހަކައެވެ. ދެވަނަ ބައިތުގައި ވިދާޅުވަނީ އެދުވަހު އަބޫޖަހުލު ގަތުލުވީ ވާހަކައެވެ. ތިންވަނަ ބައިތުގައި ވިދާޅުވަނީ އަބޫޖަހުލު ނަރަކައަށް ދިޔަ ވާހަކައެވެ. ދެން މި ވާހަކަތައް ޅެންބަހުން ގެންނަވައިފައިވާގޮތަށް ފުންކޮށް ވިސްނައިލުމުން މި ތަފާތު ފާހަގަވާނެއެވެ.

މިޤިތާލުގައި ކާފިރުތަކުންގެ ކަނޑާށަ ބޯ

މަތިވެރި މަލާއިކަތުންގެ ކަނޑި ވެސް ހިންގުނީ

އެދުވަހު އެތާމެ މި އުންމަތުގެ ފިރުޢައުނު ވެސް

ނީލަށް އަޖަލުގެ ވެގެން ޣަރަޤް ގޮސް ނިމެވުނީ

ސިއްޖީނުގައި އޭނާގެ ރޫޙަށް ހުރި ޖަގަހަ

އަބަދަށްޓަކައި އެ ފުރާނައިން ފަޅުފިލުވަނީ

(ސިޔަރަތުގެ ރަންހާރު ސ. 62)

އޮހުން ބޮޑުވުމާއެކު ބަސްމަގު ސާދާވާންޖެހެއޭ ބުނުމުން ހައިރާންކަން އުފެދިއްޖެ ހެއްޔެވެ؟ ހައިރާން ނުވާށެވެ. މިތާގައި ސާދާވުމޭ ބުނަނީ ދޭހަ ނުގެއްލޭވަރު ކުރުމަށެވެ. ޝާޢިރުގެ އެހީއާ ނުލައި ޅެމުން ބޭނުމެއް ހިފޭވަރުވުމަށެވެ. ބަލާޣާގެ އުކުޅުތައް ބޭނުންކޮށްގެން މާނަ ރަމްޒުކޮށްގެން ހުށަހަޅާއިރު އުސްލޫބުގައި ހުންނަ ބޮޑުކަން މި "ސާދާކަމުން" ކޮންޓްރޯލްކޮށްދެއެވެ. މި ކޮންޓްރޯލްތައް ހިފަހައްޓަނީ ބަލާޣާއާ އެކީ ބޭނުންކުރާ ފަޞާޙާ އިންނެވެ.

އާންމުގޮތެއްގައި ޅެންވެރިޔާގެ ތަޖުރިބާ އޭނާ ހުށަހަޅަނީ ނުސީދާގޮތަކަށެވެ. މީގެ ނަމޫނާއެއްގެ ގޮތުން އުސްތާޒު ނަދުވީ ގިނަގިނައިން ދައްކަވާ މިސާލެއް އޮވެއެވެ. ނަދުވީ ވިދާޅުވެއެވެ. "އިނގިރޭސީންގެ މަޝްހޫރު ޅެންވެރިޔާ، A Slumber did my Spirit Seal އޭ ބުނަނީ 'އަހަރެން އޮތީ ނިދާފައޭ' ބުނާ މާނައިގައި" އެވެ. އުސްތާޒު އެ އިޝާރާތްކުރައްވާ އަސްލު އިބާރާތް އޮންނަނީ އަންނިވި ގޮތަށެވެ.

A Slumber did my Spirit Seal

BY WILLIAM WORDSWORTH

A slumber did my spirit seal;

I had no human fears:

She seemed a thing that could not feel

The touch of earthly years.

ނުސީދާގޮތުގައި ހުށަހަޅާ ހުށަހެޅުންތަކުގެ ނުސީދާކަން އޮންނަން ޖެހޭނީ އޭގެ ދޭހަ ނުގެއްލޭ ވަރަށެވެ. ނިސްބަތްވާ ފަރާތަށް އޭގެ ދޭހަ ގެއްލޭވަރަށް ނުސީދާ ވެއްޖެ ނަމަ އެވާނީ ނާކާމިޔާބު މަސައްކަތަކަށެވެ.

އިތުރު މިސާލުތައް:

"ވަލުން ނުކުމެ އައި ސޫފި ކޮށްލީ ޝިކާރަ، ލެއިން ފޯ އެ ކޮށްލީ ގަމީސްކޮޅު މިހާރު"

ޔޫސުފްގެ ފާނު ވާހަކައިގައި ޔޫސުފް މުޙައްމަދު ފުޅު ވިދާޅުވެފައި މިވަނީ ވަލުން ނުކުމެގެން އައި ސޫފި (މިނިކާ ކުއްތާ) އެކަލޭގެފާނު ޝިކާރަކޮށް ގަމީސްކޮޅު ލެއިން ފޯކޮށްލި ވާހަކައެވެ. މިތާގައި ގަމީސްކޮޅު ލެއިން ފޯކުރުމުގެ މާނައަކީ އެކަލޭގެފާނުގެ ލޭފޮދު އޮހޮރުވި ވާހަކައެވެ. ސީދާ މާނައަކީ އެކަލޭގެފާނުގެ ހަށިކޮޅު ކައިލިވާހަކައެވެ.

ސިއްޖީނުގައި އޭނާގެ ރޫޙަށް ހުރި ޖަގަހަ

އަބަދަށްޓަކައި އެ ފުރާނައިން ފަޅުފިލުވަނީ

(ޢަބްދުﷲ ފަހުމީ ދީދީ)

ސިއްޖީނުގައި (ސިއްޖީނޭ ކިޔޭ ނަރަކައިގައި) އޭނާ (އަބޫޖަހުލު)ގެ ފުރާނައަށް ހުރި ޖަގަހަ އަބަދަށްޓަކައި އެ ފުރާނައިން ފަލުފިލުވަނީއެވެ. ޢަބްދުﷲ ފަހުމީ ދީދީ (ޖަލާލުއްދީން) މިތާގައި މިހެން ވިދާޅުވާ ސާދާ މާނައިގެ ފުރަތަމަ ޚަބަރަކީ މި ހަނގުރާމައިގައި އަބޫޖަހުލު ގަތުލުވި ވާހަކައެވެ. ދެވަނަ ވާހަކައަކީ އޭނާއަށްޓަކައި ނަރަކައިގައި ތައްޔާރުވެފައިވާ ގަދަފަދަވެގެންވާ ޢަޒާބުގައި އޭނާގެ ފުރާނަ ތާއަބަދަށް ގަރާރުވެގެންވީ ވާހަކައެވެ. މިފަދަ ގޮތްގޮތަށް ނުސީދާ ބުނުންތައް ބުނަނީ ބަލާޣާގެ ޢިލްމުގެ ހަމަތައް ދަސްކޮށްގެން އެ ހަމަތަކުގެ މަތީންނެވެ. ޢިލްމުލްބަލާޣާ ދަސްކުރަން ޖެހެނީ މިފަދަ ހުނަރުވެރިކަން ދަސްކުރުމަށާއި މާނަތައް ރަމްޒުކުރާނޭ ގޮތްގޮތް ދެނެގަތުމަށެވެ.

އުސްތާޒު ނަދުވީގެ އަރިހުގައި ލަފުޒުތައް

ކުރެހުންތެރިޔަކު އޭނާގެ ޝުޢޫރު ސިފަ ކުރަން

ނުވަތަ އޭނާ ލޮލަށް ފެންނަ މަންޒަރެއް ހުށަހަޅަން

ބޭނުންކުރާ ވަސީލަތަކީ ކުލަ. ޅެންވެރިޔަކު އޭނާގެ

ތަޖުރިބާއާއި ޖަޒުބާތު އަދާ ވަސީލަތަކީ ލަފުޒު.

އޭނާގެ ޚިޔާލު ފާޅުކުރުމުގެ މެދުވެރިއަކީ ލަފުޒު.

މާނަ އަދާ ކުރެވެނީ ލަފުޒުތަކަކުން. މާނައިގައި

އޮތް ރީތި ކަމެއް ފާޅު ވަނީ ލަފުޒުތަކުން.

ތިމާ ބޭނުން ކުރާ ލަފުޒުތަކަކީ ތިމާ ބޭނުންވާ ޖަޒުބާތާއި ޚިޔާލު އަދާ ކުރެވޭ ކަހަލަ ލަފުޒުތަކަކަށް ވާންޖެހޭނެ. ޚިޔާލުގައި ހުރި ބާރަކާއި ޖަޒުބާތުގައި ހުރި ކެކުޅުމެއް ދޭހަކޮށް ދޭވަރު ލަފުތަކުގައި ހުންނަންޖެހޭނެ.

ޚިޔާލަކާއި ތަޞައްވުރަށް ހެލިފެލިވުމުގެ ސިފަ ގެނެސްދެނީ ޅެމުގެ ލަފުޒުތަކުންނާއި ލަފުޒުތައް އެމުނި އެތުރޭ ގޮތުން.

ލަފުޒުތައް އަތުރައިލެވޭ ގޮތުންނާއި ލަފުޒުތަކުގެ ޠަބީޢަތުން މިޔުޒިކްގެ ރާގު އުފެދޭ. ރިދަމް އުފެދޭ. އަދަބީ ފާޑު ކިޔުމުގެ މުހިންމު ބަޔަކަށް "އެސްތެޓިކް ވެލިއު" (އަދަބީ އުފެއްދުމެއްގެ ފަންނީ ރީތިކަމުގެ އަގު) ވެފައި ވަނީ މިހެންވެ.

މުޙައްމަދު ވަޙީދު ނަދުވީ (2005).

އޯރގަނިކް ޔުނިޓީ

އިންސާނާގެ ހަށިގަނޑުގެ ގުނަވަންތަކުގެ މެދުގައި ހުންނަ ފަދަ ވަކި ނުކުރެވޭނޭ ގުޅުމެއް ޅެމުގެ ބައިތުތަކުގެ މެދުގައި ހުންނަންޖެހެއެވެ. މި ގުޅުމަށް "އޯރގަނިކް ޔުނިޓީ"އޭ ކިޔައެވެ. އޯރގަނިކް ޔުނިޓީއަކީ އަދަބީ އުފެއްދުންތައް ލާމެހުމުގައި ބޭނުންކުރާ މަންޠިޤީ ހަމަތަކަކުން އުފެދޭ ގުޅުމެކެވެ. އުރިސްޠޫގެ ޒަމާނުއްސުރެ އަދާ ހަމައަށް ވެސް އަދަބުގައި މި ޔުނިޓީ ދެމިއޮވެއެވެ. އުރިސްޠޫ ތައާރަފު ކުރެއްވި، ޑްރާމާގެ ތިން ޔުނިޓީ (ކްލެސިކަލް ޔުނިޓީ ނުވަތަ އެރިސްޓޯޓެލިއަން ޔުނިޓީ) އަކީ އޯރގަނިކް ޔުނިޓީއާ މުޅިން ތަފާތު ޔުނިޓީއެކެވެ.

އޯރގަނިކް ޔުނިޓީގައި ހިމެނެނީ މި ބުރުގައި ބަޔާންކޮށްފައިވާ ތިން ބައެވެ.

ވަޒަނާއި ކާފިޔާގެ އެއްބައިވަންތަކަމާއި، ފަންނީ ބައިތަކުން އުފެދޭ އެއްބައެއްވަންތަކަމާއި،

ބައިތުތަކުގެ ތަރުތީބުގައި ހުންނަ އެއްބައިވަންތަކަން ހިމެނެނީ އޯރގަނިކް ޔުނިޓީގެ ތެރޭގައެވެ.

ބައެއް ނާގިދުން ދެކޭގޮތުގައި ޅެމުގެ ބައިތުތަކުގެ ތަރުތީބަށް ބަދަލެއް ގެނެސްފިނަމަ މާނައިގައި އަރައިރުން އުފެދެންޖެހޭ މިންވަރަށް ބައިތުތަކުގެ ތަރުތީބު ފުރިހަމަވާން ވާނެއެވެ. މިގޮތަށް ގަބޫލުކުރާ އަދަބީ މަދަރުސާގެ ވިސްނުމުގައި، އެއްބައިތު އަނެއް ބައިތާ ގުޅުމެއް ނެތި، ކޮންމެ ބައިތެއް މިނިވަން ވެއްޖެ ނަމަ، ޅެމުގައި ހުންނަންޖެހޭ "ޑްރަމެޓިކް" ގޮތްގަނޑު ފަނޑުވެގެން ދާނެއެވެ. ނަމަވެސް މިއާ ޚިލާފު ވިސްނުންތައް ވެސް އަދަބުގައި ބޭނުންކުރެއެވެ.

އެދުރުބޭގެ އުނގަށް ޅެމެއް އުފަންވުން

... އެވީ ހާދަ، ހާދަ ބޮޑުކަމެކޭ. ހާދަ މަސައްކަތެކޭ. ހާދަ ބޮޑު ގުރުބާނެކޭ. އެ ބުރަ އުފުލޭނެތޯ ތާއަބަދަށް. އަޅުގަނޑު މިއީ އޭގެ އަސަރުތައް ދުށް މީހެއް. މުޙައްމަދު އަމީން ކުރެއްވި މަސައްކަތްޕުޅު ވެސް ދުށިން. އެއަށް ލިބުނު އިޖާބަވެސް އެނގޭ. އޭގެ ފަހުން ހިނގައިދިޔަ ކަންކަންވެސް އެނގޭ. އެއްކޮޅުން މިކަންކަން މިހެން ވެފައިވާއިރު ގައުމުގެ ހާލާއި މުސްތަގުބަލަށް ކުރެވޭ ފިކުރުތަކަކީ ވެސް އުފުލަންޖެހޭ ބުރައެއް. މި ހުރިހައި ކަމެއްގެ ތެރެއިން ނާޞިރުގެ މަސައްކަތްޕުޅު ކާމިޔާބުވެގެން ދިޔަތަން މި ފެނުނީ. އެގްރީމެންޓްގައި ސޮއިކުރި ޚަބަރާއެކު ހަމަ އެވަގުތު މި ހުރިހައި ކަމެއް ހިތަށް އަރައިފައިބައިގެން ދިއުމާއެކު ޖަޒުބާތުތައް މަތިވެރިވެ، ޝުޢޫރުތައް ކެކި ދުލުން ބޭރުވީ އިބާރާތަކީ މަރްޙަބާއޭ! ކާކަށްތޯ ނާޞިރަށް. ނާޞިރަށް މަރުޙަބާއޭ. އެ އިބާރާތުން މި ޅެން އުފަންވީ. މި އުޝޫރު އެކުލެވުނު ބައިތު އެއީ މި ޅެމުގެ ފުރަތަމަ ބައިތު. ފުރަތަމަ ހެދި ބައިތު. މި ބައިތުގައި ދެން ހުންނާނީ މަރުހަބާއަށް ޖާގަ ހޯދައިދޭ ޝުޢޫރުތައް. ލަފުޒުތައް.

ކަރުނަތައް ލޯބިން ވެލީބަރު، ދަރުމައަށް އެދިގެން ގޮވާއިރު

ހަރުހަވެތި ވެލުމުން ޢަނާޞިރު، މަރުޙަބާއޭ އަދުގެ ނާޞިރު"

އެހިސާބުން އެ ފެށުނީ ޅެމުގެ މަސައްކަތް. ނިންމާފައި ރައްޓެހިންނަށް ދެއްކީމާ އެންމެން ކިޔައިފި ނޫހަށް ފޮނުވަންވާނެއޭ. އެކަމަކު އޭރަކު ނެތް އެ ވިސްނުމެއް. އެހެން ހުއްޓާ ވީ އަދި މާ ދެރަ ގޮތެއް. ޅެން ގެއްލުނީ. އޭގެ ފަހުން ފެނުނީ ނޫހުގައި އޮއްވާ. ހަމަ އަޅުގަނޑުގެ ނަމުގައި އިނގޭތޯ.

(މިއީ ޔޫސުފް މުޙައްމަދު ފުޅު މި ވާހަކަތައް ކިޔައިދެއްވިގޮތް ހިތަށް ގެނެސްގެން އެއާ ގާތްގޮތަކަށް އިބާރާތްކޮށްގެން ލިޔެފައިވާ ޑައިލޮގްކޮޅެކެވެ. މިހެން ހެދީ އޭގެ އަސަރާއި ހަގީގަތް އެގޮތުގައި ބޭއްވުމަށް ބޭނުންވާތީއެވެ. ނޫހުން މި ޅެން ހޯދުމަށްޓަކައި އަޅުގަނޑު، މަސްދުވަސް ވަންދެން ގައުމީ ކުތުބުޚާނާގައި މަސައްކަތްކުރީމެވެ.

މުޙައްމަދު ޢާމިރު ފަރެސް.)

އެދުރުބޭ އެ ވިދާޅުވި ފުރަތަމަ ބައިތު އޮންނަނީ އެ ޅެން (މިނިވަން ފަތިސް) ނިމޭތާ އެންމެ ފަހަތުގައެވެ. މިއިން އެނގެނީ ޅެން ހެއްދެވުމަށްފަހު އެދުރުބޭ އަލުން ބައިތުތައް ތަރުތީބު ކުރެއްވިކަމެވެ. ބައިތުތަކުގެ މެދުގައިވާ އެތުރުމުގެ ތަރުތީބުގެ ޔުނިޓީއަށްޓަކައެވެ. އޯރގަނިކް ޔުނިޓީގެ މިސާލަކަށް މި ޅެން ފުދެއެވެ.

މިނިވަން ފަތިސް

ޔޫސުފް މުޙައްމަދު ފުޅު

ސޫރަކޮށްލި ފަޒާގެ ވައްތަރު މޫސުމެއްގެ ވިލާގެ ޢަސްކަރު

ފޫދެމުން ދިޔަބޮޑުވެ އޮއިވަރު ރޫޅިލީ އެ ގުޅާލި ފައްތަރު

ވައި މުޅިން ހިފެހެއްޓިލީމާ ވާރެ ވެހުމަށް ތަން ނެތީމާ

ބާރު ހުސް ކޮށްލީ އައީމާ އާރުލާ ގުގުމާލި ތަންޑަރު

ދޮންވަމުން އުދަރެސް ފަވާލާ ދުންކަނިން ކަނިތައް ބުރާލާ

ފެންޖަހާ ނިއްވީ ދުރާލާ އަންނަހައި ޑޭވީންގެ ފަންވަރު

ދަނޑުތަކަށް ނުކުތުން ނަހީވީ މަޑުމަޑުން ތިބުމަށް ސަބަބުވީ

ކަނޑަކަނޑައިގެން ގޮސް އެ ހުލިވީ އަޑުއަޑުން ސިއްސާލި ދަންބެރު

ހައްލަމުން ބިރުވެރި އިރާކޮޅު ގަތް އަނދިރި މެންދަމުގެ ފޮއިކަޅު

އައްޔަކުން ފިލުވީ އެތަންވަޅު ބައްޔަކަށް ފޮށީލީ ވެލާވަރު

އެދުމަކަށް ހެއްލެން އެދިޔަހައި މަދު ހިތެއް އޮޅިގެން އެވީހައި

ހަނދުމަ ވީމާ ކެހި ލިބުނުހައި ބަދަލުކޮށްލީ ދެއްކި މަންޒަރު

ސާލު އަޅުވެތިކަމުގެ ލައިގެން ހާލި ހާލީގައި ނުނިދިގެން

މާލިތައް ފެނި ބިރު ފިލައިގެން ޙާލު އެނގި އައްޔޭ މި ހިތްވަރު

މަތިމަތިން ކުރަހާލި ކޫރުން ނެތި ޚަރީފެއް އައި ދުހޫރުން

ފަތިހަކަށް ދައްކާލި ނޫރުން ފެތުރިލީ އަލިދިން ސަރާސަރު

ޚިދުމަތުން ފައްކާ ވެދާތީ ބިނދެލުމަށް ވެވި ކައިރި ދާތީ

އެދެވުނީ ދެކިލަން ޙަޔާތީ ހެދި އެއައި މޭވާގެ މަތިވަރު

ރަޙްމަތުން މަތިވެރި ޖަލާލީ ޙިކުމަތުގެ ތަރިއެއް ވިދާލީ

ފޮނުވި އިލްހާމުން އެކޮށްލީ ކަނޑުތަކާ ބިން އުތުރިދާވަރު

ތަންމަތިން ނިދިފައިވި ހޭލަން ތަންދެމުން އެ ނިދާ އަހާލަން

ބުން އަޑުން ފެށުނީ ގޮވާލަން ބަންގިއަށް ﷲ އަކްބަރު

ޝައުޤަކުން ހިތްތައް މި ކުރުވަން ދައުރަކުން އުންމީދު ދިރުވަން

ގައުމަކަށް އަލިދޭށަ މިނިވަން ދުވަހަކަށް ތޮޅިލީ ފެނުން އިރު

ގައިމުވެސް ދިރުމެއް އައިއްޔޭ ވައިފެނަށް ބަދަލެއް އައިއްޔޭ

ހައިބަތެއް ދައްކައިދިނިއްޔޭ ހެޔޮވެލައި ދީބުގެ ސަމައްތަރު

ސައްތައިން އޮނަވިހި ވިދާލީ ފަސްދޮޅަސް ފަހަކާ ގުޅާލީ

ރަސްމު ވެވި ސައްބީސް ޖުލައި ޖުލައިއީ ގޮސްކުރީ ފާހަގަ ކަލަންޑަރު

އުންމަތެއް ޠާހިރުވި އިސްލާމް ޚަންދަޤަށް ފަށަނިއްޔެ ފަސްލާން

ދިން ބަޔަކު ކޮނެ އޭގެ ފޮރުވާން ދެން ނެތޭ ވަގުތެއްވެ އާޚިރު

ބޭރު ބޭރަށް ނަން ވިދާލާ މޭރުމެއް ވެވިގެން އުޖާލާ

ބޭރު ލޯތައް އެދި ބަލާލާ ދޭ ރުމޫޒު ވަނީ ތަޞައްވަރު

ހޫނުކަން ލިބުމުންނެ ދޯދިން މޫނުތައް ހިނިތުންވެ ބޯދިން

ހޫނު ހައިކަން ނެއްތި ރޯދިން ބޭނުމެއް ހިފަނީއެ ކަށަވަރު

އުދުހެމުން އަޔަތީ ޙަޟާރަތު ފުދި އިތުރުވާހެން ބިޝާރަތު

އަދުގެ ގައުމީ ހެޔޮ ޢިމާރަތު ވިދުވަނީ ޢީދެއްގެ ވިދުވަރު

ވިސްނިޔަސް މޭރުން ނުވާހައި ގެސްކުރަން އެނގުމެއް ނުވާހައި

ނަޞްރު ދެއްވީ ލޯބިވާހައި ފަސްގަނޑަށް ލޮބުވެތި މުދައްބިރު

ދިވެހި އަދު ސިންގާ ސަނާއަށް ހޮވިދަނީ އޮތްހައި ކަރާމަތް

ދިވެހި އަޑު އިއްވައިލުމުން މާތް ރިވެތި "ތަޙްރީރުލް ޖަޒާއިރު"

ކަރުނަތައް ލޯބިން ވެލީ ބަރު ދަރުމައަށް އެދިގެން ގޮވާއިރު

ހަރުހަވެތި ވެލުމުން ޢަނާޞިރު މަރުޙަބާއޭ އަދުގެ ނާޞިރު