ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެކްސްޕޯ ދުބާއީ އަށް ޒިޔާރަތްކުރައްވައި އަބޫދާބީ ސަސްޓެއިންނަބިލިޓީ ވީކް ހުޅުވުމުގެ ރަސްމިއްޔާތު އަދި ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑް ދެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީ އަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ މިދަތުރުފުޅަކީ އަބޫދާބީގެ ވަލީއަޙުދު އަދި ޔޫއޭއީގެ އާމްޑް ފޯސަސްގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ، ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ދުބާއި އެގްޒިބިޒަން ހޯލްގައި މިއަދު ބޭއްވި އަބޫދާބީ ސަސްޓެއިންނަބިލިޓީ ވީކް ހުޅުވުމުގެ ރަސްމިއްޔާތައްފަހު ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑް ދެއްވުމުގެ ރަސްމިއްޔާތުވެސް މިއަދު ކުރިޔަށްގެންދަވާފައި ވެއެވެ. އަބޫދާބީ ސަސްޓެއިންނަބިލިޓީ ވީކް އަކީ ސަސްޓެއިނަބިލިޓީ ދާއިރާގައި މުޅި ދުނިޔޭގައި ވެސް ފާހަގަކޮށްލެވޭ ހަރަކާތެކެވެ.

މި ހަރަކާތުގެ މަޤްޞަދަކީ އިޖްތިމާޢީ، އިގްތިސާދީ، އަދި ފަންނީ ކުރިއެރުންތަކާމެދު ހޭލުންތެރިކަން އިތުރުކުރުމެވެ. މިއަހަރުގެ މި ހަރަކާތުގައި މައިގަނޑު ގޮތެއްގައި އަމާޒުހިފާފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ކޮޕް-26ގެ ނިންމުންތައް ތަންފީޒުކުރުމަށް ބޭނުންވާ މަގުޗާޓުތައް، ގުޅިގެން އެއް މަޤްޞަދެއް ހާޞިލުކުރެވޭގޮތަށް އަލުން މުރާޖައާކޮށް އެކުލަވާލުމުގެ މައްޗަށެވެ.

ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑަކީ ސަސްޓެއިނަބިލިޓީގެ ދާއިރާއިން ޔޫއޭއީ އިން ދޭ ޝަރަފުވެރި ބައިނަލްއަޤްވާމީ އެވޯޑެކެވެ. މި އެވޯޑް ނިސްބަތްކުރެވެނީ އެ ޤައުމުގެ ބާނީ އަލްމަރްޙޫމް ޝައިޚް ޒައިދު ބިން ސުލްޠާން އަލް ނަޙްޔާންގެ ޚިދުމަތްތަކަށެވެ.