ށ.ކޮމަންޑޫ ކައިރީގައި އޮތް ތިން ރަށެއްގައި ރިސޯޓު ހެދުމަށް ޓޫރިޒަމް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ށ. މެދުރަށާއި ށ. ދިގުރަށް އަދި މައިރަށުގައި (ދިގުވެލިދޫ) ރިސޯޓު ހަދަން ހުޅުވާލާ ކަމަށެވެ. ޖުމުލަ 1.2 މިލިއަން ރުފިޔާ އަށް ދޫކުރާ މި ތިން ރަށުގައި ހެދުމަށް ނިންމާފައިވަނީ 300 އެނދުގެ ރިސޯޓުތަކެވެ.

ކޮމަންޑޫ ކައިރީގައި އޮތް ތިން ރަށެއްގައި ރިސޯޓު ހަދަން ހުޅުވާލިއިރު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާއި ދިމާކޮށް ސަރުކާރުން އެ ދާއިރާގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާތީ އިދިކޮޅު ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ.

އެގޮތުން ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅާލުމުގެ ޕްރޮޖެކްޓު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު އެ މަސައްކަތް މިދިޔަ ހުކުރު ދުވަހު ރަސްމީކޮށް ވަނީ ފަށާފަ އެވެ. އަދި ކޮމަންޑޫ ފުޓްބޯޅަ ދަނޑު ހެދުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފަ އެވެ. އެ މަސައްކަތް ވެސް ކުރަނީ އެމްޓީސީސީންނެވެ.

ސަރުކާރުން ކޮމަންޑޫ ދާއިރާގައި ގިނަ މަޝްރޫއުތަކެއް ހިންގަން ފަށާފައިވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ދާދިފަހުން ވަނީ ޕީޕީއެމްގެ ސަރުކާރެއްގައި ކޮމަންޑޫ ކައިރީގައި އޮންނަ ދިގުވެލިދޫގައި އެއާޕޯޓެއް އަޅުއްވަން ވައުދުވެވަޑައިގެންފަ އެވެ.