އިންޑިއަން ކައުންސިލް އޮފް ކަލްޗަރަލް ރިލޭޝަންސް (އައިސީސީއާރު) އިން ރާއްޖޭގެ ދަރިވަރުންނަށް ދޫކުރާ މަތީ ތަޢުލީމުގެ 34 ސްކޮލަޝިޕް އަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

މި ފުރުޞަތުގެ ދަށުން އާޓްސް، ސައިންސް، އިންޖިނިއަރިން، ބިޒްނަސް، ޓުވަރިޒަމް، އަދި މުހިންމު އެހެން ދާއިރާތަކުން ޕީއެޗްޑީ އާއި ޕޯސްޓްގްރެޖުއޭޝަން ކޯސްތައް ހިމެނޭނެ ކަމަށް އައިސީސީއާރުގެ އިއުލާނުގައި ވެއެވެ.

މި ސްކޮލަޝިޕްތަކުގެ ދަށުން އިންޑިޔާގެ މައި ސިޓީތަކުގެ ޔުނިވަރސިޓީތަކުން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

މި ކޯސްތަކަށް ކުރިމަތި ލެވޭނީ އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ މީހުނަށެވެ. އަދި ޕީއެޗްޑިއަށް ކުރިމަތި ލެވޭނީ އުމުރުން 45 އަހަރު ނުވާ މީހުނަށްކަމަށް އައިސީސީއާރުން މައުލޫމާތު ދިނެވެ.

ކޯސްތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 30 އޭޕްރީލް 2022 އެވެ. މި ކޯސްތަކަށް ކުރިމަތިލެވޭނީ އޮންލައިންކޮށެވެ. އިތުރު މައުލޫމާތު އައިސިސީއާރު ވެބްސައިޓުން ލިބެން ހުނާނެ އެވެ.