ޗައިނާގެ ވަރަށް އުއްމީދީ ޒުވާން ކުދިންނެކޭ އެއްފަދައިން މިސްޓަރ ޒައޯ ޖުންފެންގް ވެސް ކޮލެޖް އަދި ގްރެޖުއޭޓް ސްކޫލުގައި ވަރަށް ބުރަކޮށް ތަޢުލީމް ޙާޞިލްކުރިއެވެ. އެހެންކަމުން ޗައިނާގެ ބޮޑު އިންޓަރނެޓް ކުންފުންޏެއްގައި ޕްރޮގްރާމަރެއްގެ ގޮތުގައި އޭނާ އަށް ރަނގަޅު ވަޒީފާއެއް ލިބުނެވެ.
2019 ވަނަ އަހަރު ގްރެޖުއޭޓް ސްކޫލް ނިންމާލުމަށް ފަހު އޭނާ ވަޒީފާއަށް ވަނީ ޗައިނާގެ އިރުމަތީ ސިޓީއެއް ކަމަށްވާ ނަންޖިންގެ އީ-ކޮމާސް ކުންފުންޏަކަށެވެ. ކާމިޔާބު ދިރިއުޅުމެއް ބިނާ ކުރާން ވެގެން އޭނާ ކައިވެނިކުރިއެވެ. މެންގޯ ނަމަކަށް ކިޔާ ބުޅަލެއްވެސް ގެންގުޅެން ފެށިއެވެ.
2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު އޭނާ ޝެންހާއީއަށް ބަދަލުވީ ޗައިނާގެ އެންމެ ބޮޑު އެއް ވީޑިއޯ ޕްލެޓްފޯމް ކަމަށްވާ އައިކިއުއައިއީއާ ގުޅުމަށެވެ.
އެ ފުރައިގެ އެހެން މީހުންނެކޭވެސް އެއްފަދައިން މެދުފަންތީގެ ތަނަވަސް ދިރިއުޅުމެއް ހޯދުމުގެ މަގުމަތީގައި އޭނާ މަސައްކަތް ކުރިއެވެ. އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުގައި އޭނާގެ ދިރިއުޅުމުގެ ކޮންމެ ދުވަހެއްގެ ކާމިޔާބީތައް ޑޮކިއުމެންޓް ކުރަމުން ގެން ދިޔައެވެ.
ދެން، އޭނާގެ އާ ވަޒީފާއަށް މަހެއްހާ ދުވަސް ނުވަނީސް، އައިކިއުއައިގެ 20 ޕަސަންޓަށް ވުރެ ގިނަ ސްޓާފުން ވަޒީފާއިން ވަކިކުރުމުން އޭނާ ގޮތް ހުސްވިއެވެ.
ޗައިނާގައި ވަޒީފާ ނެތް ޓެކްނޮލޮޖީ ގެ ދާއިރާގެ މުވައްޒަފުންނާއި މަސައްކަތްތެރިންގެ ސަފުތައް ދަނީ ފުނިޖެހެމުންނެވެ. ޗައިނާގެ އެއް އިރެއްގައި ވިދާ ބަބުޅަމުން ދިޔަ އިންޓަނެޓް އިންޑަސްޓްރީއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެވެ. މިއީ ހަރުކަށި ގަވާއިދުތައް ހަދައި މި ދާއިރާ ބަނދެލުމަށް ސަރުކާރުން ކުރާ މަސައްކަތުން ދިމާވެފައިވާ ގޮތެކެވެ.
ޗައިނާގެ އެންމެ އިސް ލީޑަރު ޝީ ޖިންޕިންގެ އިރުޝާދުގެ ދަށުން، ސަރުކާރުން ދަނީ ޓެކްނޮލޮޖީގެ ކުންފުނިތަކަށް އަތް ބާނަމުންނެވެ.
ސަރުކާރުގެ ހަރުކަށި ފިޔަވަޅުގެ ސަބަބުން ފާއިތުވި ދިހަ ވަރަކަށް އަހަރުގެ ތެރޭގައި ޗައިނާއަކީ ޓެކްނޮލޮޖީގެ ބާރެއްގެ ގޮތުގައި ފާހަގަ ވި ގައުމެކެވެ. އީޖާދީ ޚިޔާލާއި، އުފެއްދުންތެރިކަމާއި، ވިޔަފާރީގެ ރޫހު ސަރުކާރުގެ ހަރުކަށި ގަވާއިދު ތަކުން ދަނީ މަރާލަކުރަމުންނެވެ.
ޗައިނާގެ ރަސްމީ ނޫހެއް ކަމަށްވާ ގްލޯބަލް ޓައިމްސްގެ އެޑިޓަރު މިސްޓަރ ހޫ ޒިޖިން ވިދާޅުވަނީ ރެގިއުލޭޓަރީ އެކްޝަންތަކުގެ ސަބަބުން ގިނަ ކުންފުނިތައް "އޮޕަރޭޝަން ކުރާ މޭޒުމަތީގައި މަރުވުމުގެ" ބަދަލުގައި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ސަރުކާރުން އެހީތެރިވެދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ޗައިނާއިން ބުނާ ގޮތުން ޓެކްނޮލޮޖީގެ ސަބަބުން މިލިއަނަރުންނަށް ވެފައިވާ މީހުންގެ ފިޔަ ކޮށައި މުޖުތަމައަށް އެމީހުންގެ މުއްސަނދިކަމުން ބައެއް ލިބެން ޖެހެއެވެ. ޗައިނާ ސަރުކާރުން ބުނާ ގޮތުން މިހާރު އަޅަމުން މިދާ ފިޔަވަޅު ތަކަކީ މިއީއެވެ.