ޕާކިސްތާންގެ ވެރިރަށް އިސްލާމްއާބާދުގައި ހޯމަ ދުވަހުގެ ރޭ ފުލުހުންގެ ބަޔަކަށް ދިން ހަމަލާއަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ޕާކިސްތާން ދާޚިލީ ވަޒީރު ޝެއިހް ރާޝިދު އަހުމަދު ސިފަކުރައްވައިފިއެވެ. އޭނާ ވިދާޅުވީ އިސްލާމްއާބާދަށް ޓެރަރިޒަމް ގެ ހަމަލަތައް މި ވަނީ ލައިގެންފައެވެ.
އަންގާރަ ދުވަހު ޝަހީދުވި ހެޑް ކޮންސްޓަބަލް މުނައްވަރު ހަސަންގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މިއީ އާ އަހަރުގެ މިފަދަ ފުރަތަމަ ހާދިސާ ކަމަށާއި ޤާނޫނު ތަންފީޒުކުރާ ހުރިހާ އިދާރާއަކުން ވެސް އެމީހުންގެ ދިފާއު ވަރުގަދަ ކުރަން ޖެހެއެވެ.
މިއީ ކުދިކުދި ވައްކަން ނުވަތަ މަގު ފޭރުމުގެ އަމަލެއް ނޫން ކަމަށާއި މިއީ މުޅިން ވެސް ޓެރަރިޒަމްގެ އަމަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މަނާކޮށްފައިވާ ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) ގެ މީޑިއާ ގޮފިން ވަނީ މި ހަމަލާގެ ޒިންމާ ނަގާފަ އެވެ. ޓީޓީޕީގެ ތަރުޖަމާނު މުހަންމަދު ޚުރާސާނީއާ ހަވާލާދީ އުމަރު މީޑިއާއިން އާންމުކުރި މީޑިއާ ރިލީސްއެއްގައި ބުނެފައި ވަނީ ހަމަލާދިން ދެ މީހުންނަކީ އެ ޖަމާއަތުގެ ޒަރުރާރާއި އުމަރު ކަމަށެވެ.