ޕާކިސްތާންގެ ނިއު ކަރާޗީގައި ހަތް އަހަރުގެ ކުއްޖަކު ވަގަށް ނެގުމާއި ރޭޕް ކުރުމާއި މަރާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ދެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ނިއު ކަރާޗީގައި މި މަހުގެ 4 ވަނަ ދުވަހު ގެއްލުނު މި ކުއްޖާ މަރާލީ އަބްދުﷲ ޝާހް މަޒާރު ކައިރީގައި ހުންނަ ސިއްދީޤާއާބާދު ސަހަރާގެ ގޯތިތެރޭގައި ކަރު ބުރިކޮށްގެންނެވެ. ޕޯސްޓް މޯޓަމް ހެދުމުން އެނގުނު ގޮތުގައި އެ ކުއްޖާ މަރާލާފައި ވަނީ ރޭޕްކޮށްފައެވެ.
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައި ވަނީ ފުލުހުންގެ ޓީމަކުން ދެ ފިރިހެނަކު ހައްޔަރު ކުރަން މަސައްކަތް ކުރި ކަމަށެވެ. އަދި މި ޖަރީމާގައި ބައިވެރިވާ ތިން ވަނަ ބައިވެރިޔާ މަސްތުވާތަކެތީގެ މައްސަލައެއްގައި މިހާރުވެސް ޖަލުގައި ބަންދުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން އެކަކު އާދައިގެ މައްސަލައެއްގައި އަނިޔާ ލިބުނު ކުއްޖާގެ ބޮޑުބޭބެއަކާ އެކު ކުރިން މާރާމާރީ އެއް ހިންގާފައިވާ ކަމަށެވެ. ތުހުމަތު ކުރެވޭ މީހާ އެ ކުއްޖާ ވަގަށް ނެގުމުގެ ރޭވުން ރާވާފައި ވަނީ އަނިޔާ ލިބުނު ކުއްޖާގެ ބޮޑު ބޭބެއަށް ފިލާވަޅެއް ދިނުމުގެ ގޮތުން ކަމަށްވެސް ފުލުހުން ބުންޏެވެ.
މި ޖަރީމާ ހިންގި މީހުން އެ ކުއްޖާ އެ މީހުންނާ އެކު ދިއުމަށް މަޖްބޫރު ކުރުވި ކަމަށާއި ސައިލަކެއްގައި މި ކުއްޖާ ވަގަށް ގެންދިޔައީ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ވަނީ ތުހުމަތު ކުރެވޭ މީހުންގެ ޑީއެންއޭ ސާމްޕަލް ނަގާފައެވެ.