ލޯން އެއްބަސްވުމެއްގެ ދަށުން ރެއާލް މެޑްރިޑުން ގެރަތު ބޭލް، އިނގިރޭސި ޕްރިމިއަރ ލީގުގެ ޓޮޓެންހަމް ހޮސްޕާއަށް ދޫކޮށްލަން މިއަދު އެއްބަވެސްޖެއެވެ.

ދުނިޔޭގެ ރެކޯޑް ފީއަކަށް (85 މިލިޔަން ޕައުންޑް) 2013 ވަނަ އަހަރު ޓޮޓެންހަމްއިން ރެއާލްއަށް ވިއްކާލި ބޭލް، ލޯން އެއްބަސްވުމެއްގެ ދަށުން އަނބުރައި ޓޮޓެންހަމްއަށް ދޫކޮށްލަން ރެއާލްއިން އެއްބަސްވެފައި މިވަނީ ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާންގެ އިރުޝާދުގެ ދަށުން ކުޅުމުގެ ފުރުސަތު ނުލިބޭތީ އެކްލަބު ދޫކޮށްލަން ބޭލް މަސައްކަތް ފެށިތާ ދެއަހަރު ފަހުންނެވެ.

އިނގިރޭސިވިލާތުގެ އިތުބާރު ހުރި މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ޓޮޓެންހަމްގެ ކޮންޓްރެކްޓުގައި ސޮއި ކުރުމަށް މާދަމާގެ ވަގުތެއްގައި ޓޮޓެންހަމްއަށް ބޭލް ދާނެއެވެ. އެކަމަކު ލޯނުގެ ގޮތުގައި ރެއާލްއިން ޓޮޓެންހަމްއަށް ބޭލް ދޫކޮށްލަނީ ކިހާ ވަރެއްގެ އަގަކަށް ކަމަށް އަދި ހާމަކޮށްފައެއް ނުވެއެވެ.

ޓޮޓެންހަމްއަށް ބޭލް ބަދަލުވުމުގެ ހަބަރުތައް ފެތުރެމުންދާ މިދަނޑިވަޅުގައި ޓޮޓެންހަމްގެ ކޯޗް އަދި ރެއާލްގެ ކުރީގެ ކޯޗް ހޯސޭ މޮރީނިއޯ ބުނީ އެހެން ޓީމެއްގެ ކުޅުންތެރިއެއްގެ ވާހަކަ އޭނާ ދައްކަން ބޭނުން ނުވާކަމަށެވެ.

"ބޭލްއަކީ އެހެން ޓީމެއްގެ ކޮންޓްރެކްޓުގައި ހުރި ކުޅުންތެރިއެއް. އޭނާގެ ކޮންޓްރެކްޓަށް އަހަރެން އިހްތިރާމް ކުރަން. އެންމެ ރަގަޅު ގޮތަކީ އެހެން ޓީމެއްގެ ކޮންޓްރެކްޓުގައި ހުރި ކުޅުންތެރިޔަކާ ގުޅޭ ގޮތުން ވާހަކަ ނުދެއްކުން" މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނީ ހަގީގަތުގައި ބޭލް ރެއާލްއަށް ގެނައުމަށްވެސް މަސައްކަތް ކުރީ އޭނާ ކަމަށާއި މިކަމަށް ބޭލް ހެކިވާނެ ކަމަށެވެ. "އެކަމަކު ބޭލްގެ ޓްރާންސްފާ ކަންތައް ނިމުނުއިރު އަހަރެން ހުރީ އެހެން ކްލަބެއްގައި. އެކަމަކު ރެއާލްއަށް ބޭލް ގެނައުމުގެ ވިސްނުމަކީ އަހަރެންގެ ވިސްނުމެއް. މިކަމަށް ބޭލްވެސް ހެކިވާނެ" ބޭލްއަށް އިތުބާރުކުރާކަން ދޭހަވާފަދަ ގޮތަކަށް މޮރީނިއޯ ބުންޏެވެ.

އަންނަ މަހުގެ 5 ވަނަ ދުވަހު ޓްރާންސްފާ މާކެޓް ބަންދުވުމުގެ ކުރިން ބޭލް ގެނެވިއްޖެނަމަ އެކަން ވެގެންދާނީ މޮރީނިއޯއަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަ ޖެހުމަކަށެވެ. ޕްރިމިއަރ ލީގުގައި މިސީޒަނުގައި ކުޅުނު ފުރަތަމަ މެޗުން އެވަޓަން އަތުން ޓޮޓެންހަމް ބަލިވެފައިވާއިރު ޓޮޓެންހަމްއަށް ލީގުގައި ރަގަޅު ވާދައެއް ކުރެވެން އޮތީ ޓީމު ވަރުގަދަ ކޮށްގެން ކަމަށް މޮރީނިއޯ ގަބޫލް ކުރެއެވެ.

ދުނިޔޭގެ ބޮޑެތި ކްލަބުތަކުގެ ލޮލުގައި ބޭލް އަޅައިގަތީ ސައުތުހަމްޓަން ދޫކޮށް 2007 ވަނަ އަހަރު ޓޮޓެންހަމްއާ އޭނާ ގުޅުނު ހިސާބުންނެވެ. ދުވެލި ބާރު އަދި ގޯލާ ރައްޓެހި ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަ ކުރެވޭ ބޭލް ވަނީ ޓޮޓެންހަމްއާއެކު ލީގް ކަޕް ފައިނަލުގައި 2009 ވަނަ އަހަރު ކުޅެފައެވެ.