އަންނަ މާޗްމަހުގައި ބާއްވާ ލޯކަލްކައުންސިލްތަކުގެ އިންތިހާބަށްފަހު، ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ދީފައިވާ ބާރުތަކުގެ ފުރިހަމަ ބޭނުން ހިފޭނެކަަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ އޭޕްރީލްމަހުގެ 4 ގައި ބާއްވަންޖެހޭނެކަމަށް ގާނޫނުގައި ބުނެފައިވާ ކައުންސިލް އިންތިހާބު ފަސްކުރީ ކޮވިޑް 19 އާ ގުޅިގެންނެވެ.
ކޮވިޑް 19 ގެ ސަބަބުން އެމަހު 18 އަށް އިންތިހާބު ފަސް ކުުރުމުންވެސް އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތްކަމަށް ބުނެ އީސީން އިންތިހާބު ނުބާއްވަން ނިންމުމުން އެ އިންތިހާބު ކުރިއަށް ގެންދާނެ ދުވަސްވަރެއް ގާނޫނަށް ގެނައި އިސްލާހަކުން ވަނީ ކަނޑައަޅައިފައެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުން ގާނޫނަގައި ކަނޑައެޅީ އަންނަ އަހަރު ކައުންސިލް އިންތިހާބު ބޭއްވުމަށެވެ. އޭގެ އިތުރުން ދައުރު ހަމަވަމުންދާ ކައުންސިލަރުންގެ ދައުރު ދެން އޮންނަ އިންތިހާބެއް ބާއްވައި ކައުންސިލަރުން އިންތިހާބު ކުރުމާ ހަމައަށް މަގާމުގައި ތިބެވޭގޮތަށްވެސް މަޖިލީހުން ގާނޫނަށް އިސްލާހު ގެނައެވެ. އެއާއެކު އަންނަ އަހަރުގެ މާޗްމަހު ކައުންސިލް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފައެވެ.
ފުވައްމުލަކު ސިޓީ ކައުންސިލާއި ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތައް ގުޅިގެން މި އަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް މަޖިލިސް އިދާރާގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެންމެބޮޑު އެއް ވައުދަކީ، ލާމަރުކަޒީ ނިޒާމު ވަރުގަދަކުރުން ކަމަށެވެ.
އެގޮތުން ގާނޫނަށް ގެނަސްފައިވާ ބޮޑެތި އިސްލާހު ތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރައްޔިތުންގެ މަޖިލިސް މެންބަރުންނާއި ވަރަށް ގާތުން ގުޅިގެން ގެނެވުނު އެިއްލާހުތަކެއް ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ރައީސް ނަޝީދު ވިދާޅުވީ، ކޮވިޑް 19 ގެ މި ދަތި ހާލުގައި ކައުންސިލްތަކުގެ އިންތިހާބު ނުބޭއްވިވާތީވެ، ގާނޫނުގައި އޮތް ގޮތަށް ކައުންސިލްތަކަށް ދީފައިވާ ބާރު ރަނގަޅަށް ބޭނުން ނުކުރެވޭ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ރައީސް ސޯލިހުގެ ވެރިކަމުގައި ލާމަރުކަޒީ ގާނުގެ ބޭނުން ހިފޭނެ ކަމަށެވެ.