އައްޑޫސިޓީގައި ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގާނެ ތަންތަން ހަމަޖައްސައިފިއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނެފައިވަނީ، ކޮވިޑް-19ގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވެ ސާމްޕަލް ނެގުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާތީ، ގޭގެއަށް ގޮސް ސާމްޕަލް ނެގުން މެދުކަނޑާލައިފައިވާކަމަށެވެ.

އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ސާމްޕަލް ނަގާނެ ޕޮއިންޓްތަކެއް ހަމަޖައްސާފައިވާކަމަށާ، ދެން ސާމްޕަލް ނަގާނީ އެތަންތަނުން ކަމަށެވެ.

ސާމްޕަލް ޕޮއިންޓްތައް ހާއްސަކުރެވިފައިވާނީ ރިލީސް ސާމްޕަލް، ކޮންޓެކްޓް ސާމްޕަލް އަދި ކޮންޓެކްޓުންގެ ތެރެއިން އަލާމާތްތައް ހުންނަ މީހުންގެ ސާމްޕަލް ނެގުމަށްކަމަށެވެ. މި ގޮތުން އައްޑޫގައި ސާމްޕަލް ނެގުމަށް ހަމަޖެހިފައިވަނީ

  • ހިތަދޫ – ފްލޫ ކްލިނިކް [18:00 – 21:00]
  • މަރަދޫ، މަރަދޫފޭދޫ – ދަމަނަ ވެށި [14:00 – 18:00]
  • ފޭދޫ – ފޭދޫ ސިއްހީ މަރުކަޒު (ކުރީގެ އަވަށު އޮފީސް) [14:00 – 18:00]
  • ހުޅުމީދޫ – ހުޅުމީދޫ ފްލޫ ކްލިނިކް [09:00 – 11:00]

އައްޑޫ ސިޓީގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައިވާއިރު އިއްޔެ އެކަނިވެސް އެ ސިޓީއިން ވަނީ 105 މީހުން ޕޮޒިޓިވްވެފައެވެ، އައްޑޫ ސިޓީއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 776 އަށް އަރާފައެވެ.