ޔޫކްރެއިންގެ މިހާރުގެ ހާލަތުގެ ސަބަބުން ބޯލްޓިކް ގައުމުތަކަށާއި އިރުމަތީ ޔޫރަޕްގެ ބައެއް ގައުމުތަކަށް އެމެރިކާގެ އެތައްހާސް ސިފައިންނާއި، މަނަވަރުތަކާއި މަތިންދާ ބޯޓުތައް އެމެރިކާއިން ފޮނުވުމަކީ އެކަށީގންވާ ކަމެއް ކަމަށް ނިއުޔޯކް ޓައިމްސްއިން ރިޕޯޓް ކޮށްފިއެވެ.

"ބައިޑަން މި ހަފުތާގައި ގޮތެއް ނިންމަވައިފާނެ،" ނިއުޔޯކް ޓައިމްސްގައި އެމެރިކާގެ ރިއާސީ މަސްދަރަކާ ހަވާލާދީ ބުނެފައި ވެއެވެ.

މިިޔަ ހޮނިހިރު ދުވަހު އެމެރިކާގެ ދިފާއީ ވުޒާރާގެ އިސް މަސްއޫލުވެރިން ވަނީ ޔޫކްރޭންގެ މައްސަލާގައި އެމެރިމާގެ ރައީސް ގޮތްތަކެއް ނިންމެވުމަށް ފިޔަވަޅު އެޅުމަށް ގިނަ އޮޕްޝަންތަކެއް ހުށަހަޅުއްވާފަ އެވެ.

އޭގެ ތެރޭގައި އިރުމަތީ ޔޫރަޕްގެ ގައުމުތަކަށް 1،000 އާއި 5،000 ދެ މެދުގެ އަދަދަކަށް ސިފައިން ފޮނުވައި، އަދި ފަހުން ހާލަތު އިތުރަށް ގޯސްވެއްޖެ ނަމަ "ދިހަ ގުނަ އިތުރު" ސިފައިން އިތުރު ކުރުމަށް އިޚުތިޔާރު ދީފައެވެ.

ޔޫކްރެއިންގެ ވެރިރަށް ކިއޭވްގެ ކަމާބެހޭ ފަރާތްތަކުންނާއި، އެމެރިކާގެ އިދާރީ ފަރާތްތަކާއި، ރަޝިޔާގެ އެކުވެރި ގައުމުތަކުން ބުނަމުންދަނީ، ރަޝިޔާއިން ޔޫކްރެއިންގެ ސަރަހައްދީ ރޮނގުގެ ކައިރީގައި އައު ހަމަލައެއް ދިނުމަށް ތައްޔާރުވުމުގެ ގޮތުން، 100،000 އަށްވުރެ ގިނަ އަދަދަކަށް ފައުޖުތައް ޖަމާކުރަމުންދާ ކަމަށެވެ.

ރަޝިޔާއިން ޔޫކްރެއިންއާ ދެކޮޅަށް އެއްވެސް އޮޕަރޭޝަނެއް ފެށުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށް ރަޝިޔާއިން ވަނީ ތަކުރާރުކޮށް ބުނެފައެވެ. އަދި އދގެ ސެކްރެޓެރީ ޖެނެރަލްއަށްވެސް މިކަން ރަޝިޔާއިން ކަށަވަރު ކޯށްދީފައި ވެއެވެ.

ރަޝިޔާއިން ބުނަނީ ހަމަލައެއް ދޭން އުޅޭ ކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއްކަމަށާއި، މި މިވާހަކަ ތަކުގެ މަގްސަދަކީ އެ ސަރަޙައްދުގައި ނުތަނަވަސްކަން އިތުރުކޮށް، އިޤްތިޞާދީ ދަތިކުރުމުގެ އާ ފިޔަވަޅުތަކެއް ރަޝިޔާއާ ދެކޮޅަށް އެޅުން ކަމަށްވެސް ބުނެއެވެ.

ރަޝިޔާއިން ބުނަނީ ރަޝިޔާގެ ނުފޫޒު އޮންނަ އިރުމަތީ ޔޫރަޕްގެ ސަރަހައްދުގެ ގައުމުތައް ނޭޓޯއަށް ވައްދައިގެން ނުވާނެ ކަމަށާއި ނޭޓޯގެ ސިފައިން އެ ސަރަހައދުގައި ތިބެގެން ނުވާނެ ކަމަށެވެ.