ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންއަށް އޭނާގެ އަމިއްލަ ޕާޓީއާއި، ސިފައިންގެ ތާއީދު ގެއްލެމުން ދާކަމަށް ޕޮލިސީ ރިސާޗް ގްރޫޕުން ބުނެއެވެ. އެ ގްރޫޕުން އެކުލަވާލާފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ ޕާކިސްތާންގައި ބަދަލުގެ ރޫހެއް ދަނީ އަށަގަނެ، ވައިގައި ހިފަމުންނެވެ.

ވެރިކަންކުރާ ޕާކސްތާން ތަހްރީކޭ އިންސާފް ޕާޓީގެ ސަރުކާރުގެ ދިފާއީ ވަޒީރު ޕަރްވޭޒް ޚައްތާކް، ވަނީ ބޮޑު ވަޒީރު އިމްރާން ޚާންއަށް އަމާޒުކުރައްވައި ބަހުގެ ހަމަލަތަކެއް ދެއްވާފައެވެ.

އޭނާ ވިދާޅުވީ، ޚައިބަރު ޕަޚްތުންޚުވާ ގައި ތަރައްގީގެ މަސައްކަތްތައް ހިންގުމުގައި ސަރުކާރާއި ބޮޑު ވަޒީރުގެ އިހުމާލު އެބައޮތް ކަމުގައެވެ. ސެނެޓްގައިވެސް އިމްރާން ޚާންގެ އަމިއްލަ ޕާޓީގެ މެމްބަރުން ވަނީ ސަރުކާރާ މެދު ނުރުހުން ފާޅުކޮށްފައެވެ. މި މައްސަލަތަކަކީ ސަލާމަތީ ކަންކަމާ މެދު އިމްރާން ޚާން އަމަލު ކުރައްވާ ގޮތާއި ސިފައިންގެ ތެރޭގައި އޭނާއާ މެދު އޮތް ނުރުހުންތެރިކަމެވެ.

މުހައްލިލުންގެ ލަފައަކީ، މުސްތަގްބަލުގައި ޚައްތާކް، ބޮޑުވަޒީރު އިމްރާން ޚާންއަށް ނުރައްކަލަކަށް ވެވަޑައިގެންފާނެ ކަމަށެވެ.

ދަ ނޭޝަން ނޫހުގައި ބުނެފައިވާ ގޮތުން ޚައްތާކަށް ވަނީ ޕާލަމެންޓްގެ ދަށުގޭގައި 80 މެމްބަރުންގެ ތާއީދު ލިބިފައެވެ. އިދިކޮޅު ފަރާތްތަކުން ވަނީ ޕާލަމެންޓްގެ ތެރޭން ސަރުކާރު ބަދަލު ކުރެވިދާނެ ކަމުގެ އިޝާރާތެއްވެސް ދީފައެވެ. އިމްޕާން ޚާންގެ ޕާޓީއަށް ތާއީދުކުރާ މުއްތަހިދާ ޕާޓީންވެސް ވަނީ ތާއީދު ނިގުޅައިގެންފާނެ ކަމުގެ އިޝާރާތެއް ދީފައެވެ.

މިހާރު ލޯކަލް އިންތިޚާބަށް ތައްޔާރު ވެފައިވާ ކައިބަރު ޕަޚްތޫން ޚުވާގައި ސަރުކާރުން ކަރަންޓާއި ގޭސް ފޯރުވައި ނުދޭ މައްސަލާގައި ވެރިކަން ކުރާ ޕާޓީ މެމްބަރުންވެސް ވަނީ ސަރުކާރަށް ފާޑު ކިޔާފައެވެ. ބައެއް މެމްބަރުން ބުނެފައި ވަނީ ސަރުކާރުން ބާކީ ކޮށްފައި އޮތް މިންވަރުން ޕީޝާވަރަކީ ޕާކިސްތާނުގެ ތަނެއް ހެން ހީނުވާ ކަމަށެވެ.