އިންސާނުންގެ ބޮލުގެ އިސްތަށި އިންޑިއާއިން އެކްސްޕޯޓް ކުރުން މަނާކޮށްފަ އެވެ.

މީގެ ކުރިން ބޮލުގެ އިސްތަށި އެކްސްޕޯޓް ކުރުމުގެ ހުއްދަ ދީފައިވަނީ އެއްވެސް ހިފެހެއްޓުމެއް ނެތި އެވެ. ނަމަވެސް އިންޑިއާގެ އިސްތަށި ވަގަށް މިޔަންމާރއަށް އެކްސްޕޯޓް ކުރާތީއާއި މި ދާއިރާގެ ފެނވަރު ހިފެހެއްޓުމުގެ ގޮތުން ސަރުކާރުން ވަނީ އިސްތަށި އެކްސްޕޯޓް ކުރުމަށް ހުރަސްތަކެއް އަޅާފައެވެ. މިހާރު އެއްވެސް އެކްސްޕޯޓަރަކު އިސްތަށި އެކސްޕޯޓް ކުރަން ބޭނުން ނަމަ، ކޮމާސް މިނިސްޓްރީގެ ދަށުން ހިންގާ ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ފޮރިން ޓްރޭޑްއިން ލައިސަންސް ހޯދަން ޖެހޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

އިންޑިއާގައި އިސްތަށި އެކްސްޕޯޓް ކުރާ މައިގަނޑު ސްޓޭޓްތަކަކީ ވެސްޓް ބެންގާލާއި އަންދްރަ ޕްރަދޭޝާއި ތެލަންގަނާ އަދި ޓެމިލް ނާޑޫ އެވެ. އިންޑިއާގެ އެކސްޕޯޓާ ވާދަ ކުރަނީ ޗައިނާ، ކެމްބޯޑިއާ، ވިއެޓްނާމް އަދި މިޔަންމާއެވެ.

މި ސްޓޭތްތަކުގައި އިންސާނުންގެ ބޮލުގެ އިސްތަށިތައް މައިގަނޑު ގޮތެއްގައި އެއްކުރަނީ މި ސްޓޭޓްތަކުގެ ގޭބިސީތަކާއި ފައްޅިތަކުންނެވެ. މިއީ މައިގަނޑު ގޮތެއްގައި ދުނިޔޭގެ ބިއުޓީ މާކެޓުގެ ބޭނުމަށް އެކްސްޕޯޓް ކުރާ އެއްޗެކެވެ.

އިންޑިއާގައި ފައްޅިތަކަށް މީހުން ހަދިޔާ ކުރާ އެމީހުންގެ ހުޅި ޖެހޭ ގޮތަށް ހުންނަ ބޮލިގެ އިސްތަށިގަނޑަކީ އެންމެ އަގު ވައްތަރުގެ އިސްތައްޓެވެ.

އިސްތަށި އެކްސްޕޯޓް ކޮށްގެން އިންޑިއާއިން އަހަރަކު 145 މިލިއަން ޑޮލަރު ހޯދައެވެ.