އެމެރިކާގެ ޑިޕްލޮމޭޓުންނާއި އެމީހުންގެ އާއިލާތައް އަވަސް ގޮތަކަށް ޗައިނާއިން ބޭރުވެގެން ދިއުމުގެ ހުއްދައަށް އެދި ޗައިނާގައި ހުންނަ އެމެރިކާގެ އެމްބެސީގެ ސްޓާފުން އެދެފިއެވެ.

ރޮއިޓާޒްއިން ބުނާ ގޮތޮން މިއީ ކޮރޯނާ ވަބާއާ ގުޅޭ ގޮތުން ޗައިނާއިން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ނުތަނަވަސް ވެގެން އެމެރިކާ އެމްބަސީން ބޭރުވާން ބޭނުންވެގެން އެދި ހުށަހެޅި ހުށަހެޅުމެކެވެ.

ޗައިނާއިން ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ޕްރޮޓޮކޯލްތައް ވަނީ އިތުރު ކޮށްފައެވެ. ބެއިޖިންގ އޮލިމްޕިކްސްއާ އެކު ޗައިނާއިން ބޭނުން ވަނީ ހަރުކަށި ފިޔަވަޅު ތަކާއެކު ކޮވިޑް ކޮންޓްރޯލު ކުރާށެވެ.

ޗައިނާއިން އަޅާ ކަރަންޓީންކުރުމުގެ ހަރުކަށި ފިޔަވަޅުތަކުން އެމެރިކާގެ އޮފިޝަލުންނަށް އިސްތިސްނާ ނުވާނެ ކަމަށް ބެލެވޭތީ އެމެރިކާގެ އެމްބަސީގެ ބައެއް މުވައްޒަފުން ހިތްހަމަނުޖެހިގެން އުޅޭކަމަށް ވެސް ރޮއެޓާޒް ރިޕޯޓްގައި ބުނެއެވެ. ޗައިނާއިން އަޅާނެ ކޮވިޑް19 އުސޫލުތަކުގެ ތެރޭގައި ކޮވިޑް ޕޮޒިޓިވް ވާ މީހުން ފީވާ ކްލިނިކްތަކަށް އެޑްމިޓް ކުރަން މަޖުބޫރު ކުރުމާއި އެފަދަ ޕޮޒިޓިވް މީހުން އާއިލާތަކާއި ކުޑަކުދިންނާ ވަކި ކުރުން ފަދަ ކަންކަން ހިމެނެއެވެ.

އެމްބަސީގެ ސްޓާފުންގެ އެދުމަށް އެމެރިކާގެ ޚާރިޖިއްޔާއިން ރުހުން ދިން ކަމެއް އަދި ނޭނގެއެވެ.

މީޑިއާއާ ވާހަކަ ދެއްކި އެއް ސްޓާފަކު ބުނި ގޮތުގައި ބެއިޖިންގައި ހުންނަ އެމެރިކާ އެމްބަސީގެ މުވައްޒަފުންނާއި އާއިލާގެ މެމްބަރުންގެ ތެރެއިން ގާތްގަނޑަކަށް 25 ޕަސެންޓް މީހުން ބޭނުން ވަނީ ވީ އެންމެ އަވަހަކަށް ޗައިނާ އިން ފުރައިގެން ދާށެވެ. މިއީ އެމްބަސީން ހެދި އިންޓާނަލް ސާވޭއަކުން މީހުން ހުށަހަޅާފައވާ ގޮތްކަމަށް ވެއެވެ.