ގޫގުލްގެ ސީއީއޯ ސުންދްރަ ޕިޗާއީ އާއި މައިކްރޯސޮފްޓްގެ ސީއީއޯ ސަތިޔާ ނަޑެއްލާއަށް އިންޑިއާއިން ދޭ ތިން ވަނައަށް އެންމެ މަތީ މަދަނީ އެވޯޑު ކަމަށްވާ ޕަދްމާ ބޫޝާން ދޭން އެގައުމުން އިއުލާން ކޮށްފިއެވެ. ޓެކްނޮލޮޖީ ކުންފުނީގައި އިސްކޮށް ތިބޭ މި ދެ މީހުންނަކީވެސް އިންޑިއާ ދަރިކޮޅުގެ ދެމީހުންނެވެ.

އިންޑިއާއިން މިކަން ހާމަކޮށްފައިވަނީ އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައެވެ.

ޕަދްމާ ބޫޝާންއަކީ އިންޑިއާގެ ޕަދްމާ އެވޯޑްސްގެ ދަރަޖައެކެވެ. ތިން ފެންވަރަކަށް ގިންތި ކުރެވިފައިވާ މިއެވޯޑްތަކަކީ ޕަދްމާ ވިބޫޝަން، ޕަދްމާ ބޫޝަން އަދި ޕަދްމާ ޝްރީ އެވެ.

މި ތިން އެވޯޑުގެ ތެރެއިން އެންމެ މަތީ ފެންވަރުގެ އެވޯޑަކީ ޕަދްމާ ވިބޫޝަން އެވެ. ޕަދްމާ އެވޯޑަކީ ފަންނީ މަސައްކަތާއި ރައްޔިތުންގެ ޚިދުމަތާއި، ސައިންސާއި އިންޖިނިއަރިން އަދި އިޖުތިމާއީ މަސައްކަތާއި ބޭސްވެރިކަމާއި ވިޔަފާރި އާއި ސިނާއަތާއި އަދަބިއްޔާތާއި ކުޅިވަރާއި ސިވިލް ސާވިސްގެ ދާއިރާތަކުން އާދަޔާ ހިލާފު ހިދުމަތްތަކެއް ކޮށްފައިވާ ފަރާތްތަކަށް ދޭ އެވޯޑެކެވެ.

އުމުރުން 49 އަހަރުގެ ޕިޗާއީއާއި އުމުރުން 54 އަހަރުގެ ނަޑެލާ އަކީ މި އަހަރު ޕަދްމާ ބޫޝަން އެވޯޑް ލިބިލެއްވި 17 ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައި ގަންނަވާ ބފުޅުންނެވެ.

މި ދެ މީހުންނަށް ވެސް އިނާމު ލިބިވަޑައި ގަންނަވަނީ ވިޔަފާރިއާއި ސިނާއަތުގެ ދާއިރާއިންނެވެ.

މި އިނާމުތައް އިޢުލާނު ކުރަނީ ކޮންމެ އަހަރެއްގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައެވެ. މި އިނާމުތައް ހަވާލުކުރެއްވުން އޮންނަނީ ހަޤީޤަތުގައި ވެސް ހަވާލުކުރާނީ އިންޑިއާގެ ރިއާސީ ގަނޑުވަރު ރާޝްޓްރަޕަތީ ބަވަންގައި އޮންނަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު އޮންނާނީ މާޗް ނުވަތަ އޭޕްރީލް މަހު އެވެ.

ޕަދްމާ އެވޯޑްސް ގެ 128 އެވޯޑެއް މި އަހަރު އިންޑިއާއިން ދޭނެއެވެ.

ޕިޗާއީގެ ތައާރުފެއް:

އިންޑިއާގެ މެޑްރާސްގައި ޖޫން 10، 1972 ގައި އުފަންވި ޕިޗާއީ ސުދްރަރާޖަން ، މަޝްހޫރު ނަމުން ނަމަ ސުންދްރަ ޕިޗާއީ އަކީ، މެޓަލަޖިކަލް އިންޖިނިއަރިން ގެ ރޮނގުން އައިއައިޓީ ޚާރަގްޕޫރްއިން ޑިގްރީ ހާސިލް ކުރި މީހެކެވެ. އައިއައިޓިއަކީ އިންޑިއާގެ ސައިންސާއި ޓެކްނޮލޮޖީގެ އެންމެ މަތީ ފެންވަރުގެ މުއައްސަސާތަކެވެ. ބޮޑެތި ސިޓީތަކުގައި އައިއައިޓީތައް ހަދާފައި ހުރެއެވެ.

އޭނާ ވަނީ ފަހުން އެމެރިކާގެ ސްޓޭންފޯޑް ޔުނިވަރސިޓީއިން މެޓީރިއަލްސް ސައިންސް އެންޑް އިންޖިނިއަރިންގ ގެ ރޮނގުން މާސްޓާޒް ހައްދަވާފައެވެ. އަދި ޔުނިވަރސިޓީ އޮފް ޕެންސިލްވޭނިއާގެ ވާރޓަން ސްކޫލުން އެމްބީއޭ ހައްދަވާފައެވެ.

ޕިޗާއީ އޭނާގެ ކެރިއަރު ފަށާފައިވަނީ މެޓީރިއަލްސް އިންޖިނިއަރެއްގެ ގޮތުގައެވެ. މެނޭޖްމަންޓް ކޮންސަލްޓިން ފާމް މެކެންޒީގައި ކުޑަ ދުވަސްކޮޅަކު މަސައްކަތް ކުރެއްވުމަށް ފަހު 2004 ވަނަ އަހަރު އޭނާ ގޫގުލްއާ ގުޅިވަޑައިގަތެވެ.

ޕިޗާއީ ގޫގުލްގެ ސީއީއޯގެ މަގާމަށް ހޮވިފައި ވަނީ 2015 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 10 ވަނަ ދުވަހު އެވެ. އަލްފަބެޓް ގެ ޑިރެކްޓަރުންގެ ބޯޑަށް އޭނާ އައްޔަން ކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ.

ޓައިމް މަޖައްލާގެ އަހަރީ ލިސްޓުގައި އޭނާ ހިމަނާފައިވަނީ 2016 ވަނަ އަހަރާއި 2020 ވަނަ އަހަރު އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައެވެ.

އަންޖަލީ ޕިޗާއީ އާ ކައިވެނިކޮށްގެން ސުންދަރު ޕިޗާއިއަށް ދެ ކުދިން ލިބިފައި ވެއެވެ. އޭނާއަކީ ކްރިކެޓާއި ފުޓްބޯޅައަށް ލޯބިކުރާ މީހެކެވެ.

ސަތިޔަ ނަޑެއްލާގެ ތައާރަފެއް:

މިހާރުގެ ތެލަންގަނާގެ ހައިދަރުއާބާދުގައި އުފަންވި ސަތްޔަ ނާރަޔާނާ ނަޑެއްލާ އަކީ 1967 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 17 ވަނަ ދުވަހު އުފަންވި މީހެކެވެ.

އޭނާގެ މަންމަ ޕްރަބާވަތީއަކީ ސާންސްކްރިތުގެ ލެކްޗަރާއެކެވެ. 1962 ވަނަ އަހަރުގެ ބެޗްގެ އިންޑިއަން އެޑްމިނިސްޓްރޭޝަންގެ އޮފިސަރެއްގެ ގޮތުގައި އޭނާގެ ބައްޕަ ބުކަޕޫރަމް ނަޑެއްލާ ޔުގަންދަރު މަސައްކަތް ކުރި އެވެ.

ނަޑެއްލާ ވަނީ 1988 ވަނަ އަހަރު ކަރްނާޓަކާގެ މަނިޕާލް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއިން އިލެކްޓްރިކަލް އިންޖިނިއަރިންގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލު ކޮށްފައެވެ. އޭގެ ކުރިން އޭނާ ވަނީ ހައިދަރުއާބާދު ޕަބްލިކް ސްކޫލްގައި ކިޔަވާފައެވެ.

އެއަށްފަހު އެމެރިކާގެ ޔުނިވާސިޓީ އޮފް ވިސްކޮންސިންގައި ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން މާސްޓާޒްއަށް ކިޔެވުމަށް އެމެރިކާއަށް ދިޔައެވެ. އޭނާ ޑިގްރީ ހާސިލު ކުރީ 1990 ވަނަ އަހަރު އެވެ.

އޭގެ ފަހުން 1997 ވަނަ އަހަރު ޔުނިވާސިޓީ އޮފް ޗިކާގޯގެ ބޫތު ސްކޫލް އޮފް ބިޒްނަސްއިން އެމްބީއޭ ހާސިލް ކުރިވި އެވެ.

އޭނާ އަކީ މިހާރު މައިކްރޯސޮފްޓްގެ އެގްޒެކެޓިވް ޗެއާމަން އަދި ސީއީއޯ އެވެ.

ސީއީއޯގެ މަގާމަށް އައުމުގެ ކުރިން އޭނާ ހުރީ މައިކްރޯސޮފްޓްގެ ކްލައުޑް އެންޑް އެންޓަޕްރައިޒް ގްރޫޕްގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓްގެ މަގާމުގައެވެ.