30 އަހަރު ފަހުން ސައޫދީ އަރަބިއްޔާއާއި ތައިލެންޑުން ސިޔާސީ ގުޅުން އަލުން ބަދަހި ކުރުމަށް ނިންމައިފިއެވެ. އަދި މާޗް މަހުން ފެށިގެން ސައޫދީ އެއަރލައިނުން ތައިލެންޑަށް ދަތުރު ކުރުމަށްވެސް ނިންމައިފިއެވެ.

ދެ ގައުމުގެ ގުޅުމުގެ އައު ސަފްހާއެއް ފެށުނީ ސައޫދީ ޢަލީ ޢަހުދު މުޙައްމަދު ބިންސަލްމާނާއި ތައިލެންދްގެ ބޮޑު ވަޒީރު ބައްދަލު ކުރެއްވުމަށްފަހުއެވެ.

1989ން ފެށިގެން ސައޫދީ އަރަބިއްޔާއިން ވަނީ ތައިލެންޑާއެކު ބާއްވާ ސިޔާސީ ގުޅުމުގެ ފެންވަރު ދަށްކޮށްފައެވެ. މިމައްސަލަ ދިމާވީ ސައޫދީ އަމީރެއްގެ ޚާދިމަކު، އަމީރުގެ ގަނޑުވަރުން އެކި ފަހަރު މަތިން ގިނަ އަދަދެއްގެ ގަހަނާތަކެއް ވަގަށް ނަގައިގެން އެމައްސަލަ ބެލުމުގެ ތެރޭގައެވެ.

ޚާދިމު މީހާ ވަގަށް ނެގި ގަހަނާތަކުގެ ތެރޭގައި 20 މިލިއަން ޑޮލަރުގެ ނާދިރު ބާވަތެއްގެ ނޫ އަލިމަސް ހާރެއްވެސް ހިމެނުނެވެ.

މި ވައްކަން ކޮށްފައި ވަނީ އެއިރު ތަޚުތުގައި އިންނެވި ފަހުދު ރަސްގެފާނުގެ ދަރިފުޅު ފައިސަލްގެ ގަނޑުވަރުންނެވެ. މި މައްސަލަ ބެލުމަށް ސައޫދީންވެސް ބަޔަކު ތައިލެންޑަށް ދިޔައެވެ. އަދި ތައިލެންޑްގައިވެސް ބަޔަކު މިކަން އިންވެސްޓިގޭޓް ކުރިއެވެ. ނަމަވެސް ފަހުން ވެގެން ދިޔައީ މިއީ ސުންޕާ ކަމެއް ކަމަށެވެ. މިކަމުގައި އުޅުނު އެންމެންހެން ބަޑި ޖަހައި އެކި ދުވަސް މަތިން މަރާ ލެވުނެވެ.

ސައޫދީން ތުހުމަތު ކުރާ ގޮތުގައި މިކަމުގައި ތައިލެންޑްގެ މަތީ ފެންވަރިގެ އޮފިސަރުންތަކެއް ބައިވެރިވިއެވެ.

ސައޫދީން ބާރުއަޅައި ފިއްތުމުން ތައިލެންޑް ފުލުހުންގެ ފަރާތުން ބައެއް ސާމާނުތައް ހޯދައި ސައޫދީއަށް ރައްދުކޯށްދިނެވެ. ނަމަވެސް އެއިން ގިނަ ގަހަނާތަކަކީ އޭގެ ނަގަލު ހަދާފައި ހުރި ފޭކް ތަކެއްޗެވެ.

މި މައްސަލަ އެންމެ ބޮޑަށް ހޫނު ވެގެން ދިޔައީ ހަފްލާއެއްގައި ތައިލެންދްގެ އޮފިސަރެއްގެ އަންހެނުން، ގެއްލުނު 20 މިލިއަން ޑޮލަރުގެ އަލިމަސް ހާރު އަޅައިގެން އިން ފޮޓޯއެއް އާންމު ވުމާގުޅިގެންނެވެ.

ސައޫދީން ތައިލެންޑްގެ މަސައްކަތު މީހުން އަނބުރައި ފޮނުވާލައި ޑިޕްލޮމެޓިކް ގުޅުމުގެ ފެންވަރު ދަށް ކުރިއެވެ.

ވައްކަން ކުރި މީހާވެސް ތައިލެންޑްގައި ހިފައި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. ނަމަވެސް އަޚުލާގު ރަނގަޅުކަމުން އޭނާ ތިން އަހަރު ފަހުން މިނިވަން ކުރިއެވެ.

ނާދިރު އަލިމަސް ވަގަށް ނެގިކަމަށް އިއުތިރާފްވެ އޭނާއާ ހެދި ގައުމަށް ބިލިއަނުން ގެއްލުން ވުމުގެ ސަބަބުން އޭނާ ވަނީ މައާފަށް އެދި، ތައުބާވެ ބުޑިސްޓް ފައްޅިއެއްގައި ހާމުދުރަކަށް ވެފައެވެ.