ލުބުނާންގެ ބޮޑު ވަޒީރު ސައުދުލް ޙަރީރީ ސިޔާސީ މައިދާނުން އެކަހެރިވެ ވަޑައިންގެފިކަމަށް އިއުލާން ކުރައްވައިފިއެވެ. ހަރީރީގެ މި ނިންމެވުމާއެކު ގިނަ ބަޔަކު ބުނަމުން ދަނީ ލުބުނާން އިތުރު ސިޔާސީ ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓުނީ ކަމަށެވެ.

ސައުދުލް ޙަރީރީއަކީ އަވަހާރަ ކޮށްފައިވާ ކުރީގެ ބޮޑު ވަޒީރު ރަފީޤުލް ޙަރީރޫގެ ދަރިފުޅެވެ.

ގަލްފުން ފެށިގެން އެޓްލާންޓިކް ކަނޑާހަމައަށް އަރަބި ގައުމުތަކުން މިއަދު ބަހުސްކޮށްފައި ވަނީ ހަރީރީ ސިޔާސީ މައިދާނުން އެކެހރިވެ ވަޑައިގަތް ސަބަބާއި ދެން ލުބުނާނަށް ވާނެ ގޮތަކާ ބެހޭ ގޮތުންނެވެ.

ހަރީރީ ސިޔާސީ މައިދާނުން ދުރުވެ ވަޑައިގަތީ ސައޫދީގެ ފިއްތުންތައް ބޮޑުވެގެންނާއި ސައޫދީންގެ ތާއީދު ލުބުނާން ސަރުކާރަށް ނެތުމުން ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.

ހަރީރީއަކީ މުހައްމަދު ބިން ސަލްމާން ސައޫދީގައި ބަންދުކުރައްވާފައި ބަހައްޓަވަނިކޮށް، އެނބުރި ގައުމަށް ވަޑައި ގެންނެވުނީ ފަރަންސޭސި ރައީސް މެދުވެރިވެވަޑައިގެން ކުރެއްވި މަސައްކަތުންނެވެ. މި ހާދިސާގެ މާގިނަ ތަފްސީލު ތަކެއް ނެތެވެ.

އެއަށްފަހު ލުބުނާންގެ އިންފިމޭޝަން މިނިސްޓަރުގެ މަގާމަށް ޖޯރް ގަރްދާހީ އައްޔަން ކުރެވުމުން އޭނާ މަގާމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިން ޔަމަން ހަނގުރާމައާ ބެހޭ ގޮތުން ޓީވީގައި ދެއްކވި ވާހަކައަކާ ގުޅިގެން ގަލްފްގެ އަރަބި ގައުމުތަކުން ލުބުނާނުން މުދާ އެތެރެ ކުރުން ހުއްޓާލިއެވެ. އަދި މަޖުބޫރުވެގެން ގަރްދާހީ މަގާމުން އިސްތިއުފާ ދެއްވިއެވެ.

މު ހައްލިލުން ބުނާ ގޮތުން ސައޫދީން ހަރީރީ ސިޔާސީ މައިދާނުން ކޮންމެވެސް ސަބަބަކާ ލައިގެން ދުރަށް ލާން ބޭނުންވީ ސުންނީންގެ ތެރޭން ބަދަލުގައި އެހެން ސުންނީ ލީޑަރެއް ހޯދުމަކާ ނުލައެވެ.

ލުބުނާންގެ ސިޔާސީ ބާރުތައް ބެހިފައި އޮންނަނީ މާރޯނީ ކްރިސްޓިއަނުންނާއި ސުންނީންނާއި ޝިއީންގެ މެދުގައެވެ.

ލުބުނާންގެ އެންމެ ބާރުގަދަ އެންމެ ހަރުދަނާ ކަމާއެކު އޮޕަރޭޓް ކުރާ ސިޔާސީ ބާރަކަށްވެފައި ވަނީ އީރާންގެ މަދަދު ލިބިގެން އޮޕަރޭޓް ކުރާ ހިޒުބުﷲއެވެ.

ލުބުނާންގެ އިގްތިސާދު ދަނީ ވަޅުޖެހެމުންނެވެ. ސިޔާސީ ހަމަނުޖެހުން އުފެދި އެއްވެސް ބަޔަކަށް އަނެއް ބައެއްގެ މެދުގައި ބަސް ވިކޭ ގޮތެއް ނުވެއެވެ.