ރާއްޖެ ފަޅިފަޅި ކޮށްލުމަށް އެއްވެސް ބަޔަކަށް ޖާގަދީ ހިއްވަރުދީގެން ނުވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލާއި ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތައް ގުޅިގެން މި އަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅާ ގުޅިގެން މިރޭ ކުރެއްވި ޓްވީޓެއްގައި ޑރ. ޝަހީމް ވިދާޅުވީ ރާއްޖޭގެ އެތެރޭގެ ވަޙުދަތު ގެއްލޭ ޒާތުގެ ވާހަކަތައް ދެއްކުމަކީ ޒިންމާދާރުކަން ކުޑަކަމެއް ކަމަށެވެ.
ރާއްޖޭގެ ބިމުގެ ވަޙުދަތާއި އިދާރީ އެއްބައިވަތަކަމާއެކު ރާއްޖެ ދެމި އޮތުމަށް އަބަދުވެސް މަސައްކަތްކުރަންޖެހޭ ކަމަށާއި ރާއްޖެ ފަޅިފަޅި ކޮށްލުމަށް އެއްވެސް ބަޔަކަށް ޖާގަދީ ހިއްވަރުދީގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ރަސްކަމުގެ ނިޒާމަކުން ޖުމްހޫރީ ވެރިކަމެއްގެ ނިޒާމަށް ބަދަލުވެގެން އަންނަނީ ބާރުތައް ރައްޔިތުންނަށް ލިބުމުން ނުވަތަ ރައްޔިތުންގެ ފަރާތުން، ރައްޔިތުންގެ ކިބައިން ރައްޔިތުންނަށްޓަކައި ވެރިކަމެއް ކުރަން ފެށުމުން ކަމަށެވެ. ނަމަވެސް އެފަދަ ވެރިކަމެއް ތާރީޚުގެ ތެރެއިން 1953 ވަނަ އަހަރާއި 1968 ވަނަ އަހަރު ފެށުނުކަމަށް ދަންނަވަން އެމަނިކުފާނަށް ދަތި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ޖުމްހޫރީ ވެރިކަމެއް ފެށުނީ، ނުވަތަ ޕާލިމެންޓެއް އުފެދި ރަނގަޅަށް ހިނަގާން ފެށުނީ 1959 ވަނަ އަހަރު އުފެދުނު ޔުނައިޓެޑް ސުވެދައިވްގެ ވެރިކަމުގައި ކަމަށެވެ. އަދި އެއީވެސް ރާއްޖޭގައި އުފެދުނު ޖުމްހޫރީ ވެރިކަމެއް ކަމަށާއި، އެއީ ރާއްޖޭގައި ވަރަށް ހިތާމަވެރި އަދި އުނދަގޫ ދުވަސްތަކެއްގައި ހިންގި ވެރިކަމެއް ކަމަށް ރައީސް ނަޝީދު ވިދަޅުވިއެވެ.
އެވެރިކަމަކީ އޭރު ދިވެހީންގެ ހާލަތު ރަނގަޅު ކުރުމަށް ދިވެހީންގެ ތެރެއިން ގިނަ ބަޔަކު ހިންގި ވެރިކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ އެ ވާހަކަފުޅާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤައުމީބިމުގެ ވަޙްދަތަކީ ޤައުމުގެ ސިޔާދަތުގެ ވަރަށް މުހިންމު ބައެއް ކަމަށެވެ. އެހެންކަމުން ޤައުމީ ބިން ފޮތިފޮތި ވާފަދަ މަފްހޫމަކަށް ތާއީދު ލިބޭ މޭރުމަކުން ވާހަކަދެއްކުމަކީ ސިޔާސީ ބޭނުމެއްގައި ނަމަވެސް އެއްވެސް މީހަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.