ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން އަލާމާތް ނެތް ނަމަ ކަރަންޓީން ވާން ނުޖެހޭނެ ކަމަށް އެޗްޕީއޭއިން މިއަދު ހަމަޖައްސައިފި އެވެ.

ކޮވިޑްގެ ކަރަންޓީނު އުސޫލުތަކަށް ބަދަލު ގެނެސް، އެ އެޖެންސީން މިއަދު އާންމުކުރި އިއުލާނެއްގައި ބުނެފައި ވަނީ ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް ބެލެވޭނީ ހުރިހާ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސްވެފައިވާ ނަމަ އެވެ. އަދި ދެ ވަނަ ޑޯޒް ޖަހައި، ހަ މަސް ފާއިތު ނުވާ ނަމަ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭ އިން މިއަދު އާންމުކުރި ލުއިތަކުގެ ތެރޭގައި ހިމެނެނީ ވެސް، ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ދީފައިވާ ލުއިތަކެވެ.

އެގޮތުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ކޮވިޑް-19 ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން، ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ އެންޓިޖަން ނުވަތަ ޕީ.ސީ.އާރު ޓެސްޓު ހަދައި ނަތީޖާ ނައްސި ވެއްޖެނަމަ ކަރަންޓީނުވާން ނުޖެހޭނެއެވެ.

ނަމަވެސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުންގެތެރެއިން ކޮވިޑް-19 ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން، ފައްސިވި މީހާއާ އެންމެ ފަހުން ދިމާވި ތާރީޚުންފެށިގެން 5 (ފަހެއް) ދުވަސް ވުމުން ޕީ.ސީ.އާރު ޓެސްޓެއް ހެދަން ޖެހޭނެ ކަމަށާއި އެގޮތަށް ޢަމަލުކުރެވޭނީ ކޮވިޑަށް ފައްސިވެފައިވާ މީހުންނާ މުޅިން ވަކިން ކަރަންޓީނުގައި ތިބޭ ކޮންޓެކްޓް ވެފައިވާ މީހުންނެވެ.

މިގޮތަށް އަމަލުކުރާނީ ބަލި ޖެހުނު މީހާއާ ވަކިން އުޅޭ މީހުންނެވެ. އެމީހާއާ އެކީ އުޅޭނަމަ ބަލި މީހާ ކަރަންޓީނު ނިމެންދެން ކަރަންޓީނުވާން ޖެހޭނެއެވެ. އެއަށްފަހު ޕީސީއާރް ޓެސްޓް ހަދަން ޖެހޭނެއެވެ. ނަތީޖާ ލިބެންދެން ހުންނަން ޖެހޭނީ ކަރަންޓީނުގައެވެ. އަދި ނަތީޖާ ލިބުމުގެ ފަސް ދުވަސް ފަހުން އަނެއްކާ އިތުރު ޓެސްޓެއް ހަދަން ޖެހޭނެ ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެޗްޕީއޭ އިން ބުނީ އެންޓިޖަން ސެލްފްކިޓް ބޭނުންކޮށްގެން ގޭގައި ކޮވިޑަށް ޓެސްޓް ކުރެވޭނީ ބަލީގެ އަލާމާތްތައް ހުރި މީހުން އެކަނި ކަމަށެވެ. މި ޓެސްޓުން ފައްސިވާ މީހުން ވެސް އަމަލުކުރަން ޖެހޭނީ މިއަދު ނެރުނު އާ ގަވާއިދުގައި އޮތް ގޮތަށެވެ.

މި ޓެސްޓް ހަދާ މީހުންނަށް ކަރަންޓީނު ޑޮކިއުމެންޓް ދޫކުރާނީ ކޮވިޑް ޓެސްޓް ހަދަން ރަޖިސްޓާކޮށްފައިވާ ލެބެއްގައި ޓެސްޓް ހެދުމުން އެކަނި ކަމަށް އެޗްޕީއޭއިން ނެރުނު ސާކިއުލާގައި ބުނެފައިވެއެވެ.