ބޭނުންވާ ތަކެތި

500 ގުރާމް ކެރެޓް

2 ޖޯޑު ފެން

3 މޭޒުމަތީސަމުސާ ކޯންފްލާ

½ ޖޯޑު ހަކުރު (ޕައުޑަރ)

½ ސައިސަމުސާ ވެނީލާ އެސެންސް (ބޭނުންނަމަ)

½ ޖޯޑު ކާށި ހުނި (ހިމުންކޮށްފައި )

ތައްޔާރުކުރާނެ ގޮތް

ކެރެޓް ރަނގަޅަށް ދޮވެލުމަށްފަހު މަށާލާށެވެ. ދެން ކުދިކޮށް ކޮށާލުމަށްފަހު ދެޖޯޑު ފެން އަޅައިގެން ރަނގަޅަށް މަޑުކޮށްލާށެވެ. އެއަށްފަހު ފުރޭންޏަކަށް އަޅައި ފުރާނާލާށެވެ. ފުރޭނި ފެންފޮދު ވަކިން ބަހައްޓާށެވެ. ދެން މަޑުކުރި ކެރްޓް މިކްސަރަށް އަޅައި ވަރަށްބޮޑަށް ހިމުންކޮށްލާށެވެ. އެއްގޮތަކަށްވެސް ރާޅުކަމެއް ނުހުންނަވަރަށެވެ. އެއަށްފަހު ކެރެޓް މަޑުކުރި ފެނުން ½ ޖޯޑު ފެނަށް 2 ސަމުސާ ކޯންފުލާ އަޅާ ރަނގަޅަށް ގިރާލާށެވެ. ކޯންފްލާ ކޮޅު ރަނގަޅަށް ގިރުމުން ކައްކާނެ ތެއްޔަކަށް ހިމުންކުރި ކެރެޓް އަޅާށެވެ. އަދި ގިރި ކޯންފްލާ ފެންފޮދާއި ހަކުރުވެސް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. ބޭނުންނަމަ، ވެނީލާ އެސެންސްވެސް އަޅާށެވެ. ދެން އުނދުންމައްޗަށް އުދުމަށްފަހު ވަރަށް މަޑުގިނީގައި ދޭފަތަކުން ހަލަމުން ކައްކާށެވެ. ޖެލީ ގޮތަށް އޮލަވަންދެން މަޑުގިނިމަތީގައި ކައްކާށެވެ. އެއަށްފަހު ކުދި ބޯތަށި ނުވަތަ ބިއްލޫރި ތަށީގައި ތެޔޮ އުނގުޅުމަށްފަހު ކެރެޓް ޑިލައިޓް އަޅާށެވެ. އެއަށްފަހު 3 ނުވަތަ 4 ގަޑިއިރު ފްރިޖުގައި ބަހައްޓާ ފިނިކޮށްލާށެވެ. އެއަށްފަހު ނަގާ ތަށި ބަންޑުންޖަހާ ޑިލައިޓް ތައްޓާ ވަކިކޮށްލާށެވެ. ދެން ތައްޔާރުކުރި ހުނި ތައްޓަށްލާ ރީތިކޮށް ހުނި އުނގުޅާލާށެވެ.