އަރަބި ބައެއް ގައުމުތަކުން ގަތަރާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވަގުތުން އުވާލުމަށް އދއިން ގޮވާލައިފިއެވެ.

އދއިން މިކަމަށް ގޮވާލީ، ސައުދީ އަރަބިއްޔާ އިސްވެއޮވެ އަރަބި ބައެއް ގައުމުތަކުން ގަތަރު އެއްގަމާއި ކަނޑާއި ވައިގެމަގުން ބަންދުކޮށް، ގަތަރަށް ހުރިހާ ގޮތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކުރަމުންދާ އަސަރާ ގުޅޭގޮތުން ނެރުނު ރިޕޯޓެއްގައެވެ.

އދގެ ސްޕެޝަލް ރެޕޮޓުއަރ އޮން ދަ ނެގަޓިވް އިފެކްޓްސް އޮފް ސަންކްޝަންސް އޮން ހިއުމަން ރައިޓްސް – އެލީނާ ދައުހާން ނެރުއްވި ރިޕޯޓްގައި، ގައުމުތަކުން ގަތަރާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ވަރަށް ބޮޑަށް ކުށްވެރި ކޮށްފައި ވެއެވެ. އަދި އެ ފިޔަވަޅުތަކަކީ އިންސާނީ ހައްގުތަކާ ޚިލާފް ފިޔަވަޅުތަކެއް ކަމަށްވެސް ބުނެފައި ވެއެވެ.

އެހެންކަމުން، ގަތަރަށް އަދަބު ދިނުމުގެނަމުގައި އަޅާފައިވާ ހުރިހާ ފިޔަވަޅުތައް ވަގުތުން އުވާލުމަށް އދގެ ސްޕެޝަލް ރެޕޮޓުއަރގެ ރިޕޯޓުގައި ގޮވާލާފައި ވެއެވެ.

މި ރިޕޯޓް އާންމުކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ. އެކި ދާއިރާތަކަށް ޚާއްސަ ވެފައިވާ ސްޕެޝަލް ރެޕޮޓުއަރސްއަކީ އދގެ އޮނިގަނޑުގައި ހިމެނޭ މިނިވަން މުސްގިއްލު ބައެކެވެ.

ރިޕޯޓުގައި ބުނެފައިވަނީ، އަރަބި ބައެއް ގައުމުތަކުން ގަތަރުގެ ރައްޔިތުންނަށް ދަތިކޮށް އަޅާފައިވާ ފިޔަވަޅުތަކަކީ ބައިނަލްއަގްވާމީ ގާނޫނީ ހަމަތަކާ ޚިލާފް ފިޔަވަޅުތަކެއް ކަމަށެވެ.

ގަތަރުން ޓެރަރިޒަމަށް ހިތްވަރުދޭ ކަމަށާއި، އެކަމަށް ފަންޑުކުރުމާ ކަމަށް ބުނެ، އަދި ގަތަރު އީރާނު މާބޮޑަށް ގާތްކޮށްލައިގެން އުޅޭތީ އެކަމާ ރުޅިއައިސްގެން ސައުދީ އަރަބިއްޔާ އިސްވެއޮވެ، މިސްރު، ޔޫއޭއީ އަދި ބަހްރެއިނުން ގަތަރާ ހުރިހާ ގުޅުމެއް ކަނޑާލައި، އެގައުމު "ބަންދުކޮށް" ބައިނަލްއަގްވާމީ މުޖުތަމައުން ގަތަރު އެކަހެރި ކުރުމަށް މަސައްކަތްފަށައި، ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވަނީ 2017 ވަނަ އަހަރުން ފެށިގެންނެވެ.

އެހެންނަމަވެސް، ގަތަރުން އޭރުވެސް އަދި މިހާރުވެސް ބުނަމުންދަނީ، އަވަށްތެރި ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލައި، ގަތަރަށް ދަތިކުރަންޖެހޭފަދަ އެއްވެސް ކަމެއް ނުކުރާ ކަމަށެވެ.

އދގެ ސްޕެޝަލް ރެޕޮޓުއަރ އެލީނާ ދައުހާން ވިދާޅުވީ، ސަރުކާރެއްގެ މައްޗަށް ނުފޫޒު ހިންގުމަށް، އަސާސީ އިންސާނީ ހައްގުތަކަށް ސީދާ އަސަރުކުރާ އެއްވެސް ފިޔަވަޅެއް އެޅިގެން ނުވާނޭ ކަމަށެވެ.

ހަމަ އެއާއެކު، ސައުދީ އަރަބިއްޔާ، މިސްރު، ޔޫއޭއީ އަދި ބަހުރެއިނުން ގަތަރު ބޮއިކޮޓްކޮށް އެ ގައުމުތަކުގައި އެތައް ޒަމާނެއްކުރިން ދިރިއުޅެމުންދިޔަ ގަތަރުގެ ރައްޔިތުން އެ ގައުމުތަކުން ބޭރުކޮށް އެމީހުންނަށް ޖެއްސި ނިކަމެތި ހާލުވެސް އދގެ ރިޕޯޓުގައި ކުށްވެރި ކޮށްފައި ވެއެވެ.

އެ ގައުމުތަކުން އެޅި ފިޔަވަޅުތަކުގެ ސަބަބުން އާއިލީ ގުޅުންތައް ކެނޑި، އެތައްބައެއްގެ ވަޒީފާ ގެއްލި، އަދި އެތައް ދަރިވަރުންގެ ތައުލީމު އުނގެނުމަށް ހުރަސްތައް ކުރިމަތިވެގެން ދިޔަކަންވެސް ފާހަގަކޮށްފައި ވެއެވެ.