ށ. ފޯކައިދޫގައި އިމާރާތްކުރި އާ އިންޖީނުގެ އާއި އޮފީސް ހުޅުވައިފިއެވެ.

ފޯކައިދޫގެ އާ އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

މިއީ ކޮމަންޑޫ ދާއިރާ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީ ކެނޑިޑޭޓްގެ ކެމްޕެއިނަށް އެމަނިކުފާނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އެ ދާއިރާގެ ރަށްތަކަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ހަރަކާތެކެވެ.

ފޯކައިދޫގެ އާ އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ރައީސް ސޯލިހު ވިދާޅުވީ ފެނަކައިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަރަންޓްގެ ހިދުމަތް ދިނުމަށްޓަކައި ކުރަމުން ގެންދާ މަސައްކަތުގައި އެ ކުންފުނީގެ ހީވާގި މުވައްޒަފުންގެ ދައުރު ވަރަށް ބޮޑު ކަމަށާއި އެހެންކަމުން ފެނަކައިގެ ހީވާގި ހުރިހާ މުވައްޒަފުންނަށް އެ މަނިކުފާނާއި ސަރުކާރުގެ ނަމުގައި އިހުލާސްތެރި ކަމާއެކުގައި ޝުކުރު ދަންނަވާ ކަމަށެވެ.

އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ރައީސް ސޯލިހުގެ ވައުދުފުޅެއް ކަމުގައި ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ އޭގެ ތެރޭގައި ހިމެނޭ ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމަކީ އެއް ވައުދުފުޅު ކަމަށެވެ. އަދި ފެނަކައިން މިއަދު ކުރަމުން ގެންދަނީ އެ މަސައްކަތް ކަމަށެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ފެނަކައިން ކުރަމުންދާ މަސައްކަތުގެ ތެރޭގައި 39 ރަށެއްގައި އާ އިންޖީނުގެ ހަދާ ނިންމައިފައި ވާއިރު އިތުރު 31 ރަށެއްގައި އާ އިންޖީނުގެ ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ފޯކައިދޫގައި 26 އަހަރުފަހުން އާ އިންޖީނުގެއަކުން ހިދުމަތްދޭން ފަށައިފައި ވާއިރު މީގެ ކުރިން އެ ރަށުގައި ހިދުމަތްދެމުން ގެންދިޔަ އިންޖީނުގޭގެ ކެޕޭސިޓީއަކީ 1370 ކިލޯ ވޮޓެވެ. އެހެންނަމަވެސް ރޭ ފޯކައިދޫގައި ހުޅުވި އާ އިންޖީނުގެއާއެކު އެ ކެޕޭސިޓީ 1520 ކިލޯ ވޮޓަށް ވަނީ އިތުރުވެފައެވެ.