އިންޑިއާ ކަނޑަކީ ޞުލްޙަވެރި، އަމާން ތަނަކަށް ހެދުމަށް ޒަމާނުއްސުރެ ރާއްޖެއިން އަދާކުރާ ދައުރު، އަވަށްޓެރި ޤައުމުތަކާއެކުގައި އަދާކުރައްވާނޭ ކަމަށް ރައީސުލްޖުުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަމުން އެމަނިކުފާނު އިއްޔެ ވިދާޅުވީ ދުނިޔެލާމެހި ބަވަނަވުމަކީ ޤައުމުތަކުގެ ގުޅުންތަކާއި، އިޤްތިސާދީ އޮއިވަރުން އުފެދިފައިވާ ބާރެއް ކަމަށެވެ. އެއީ މިއަދަކު ދެނެއް ހުއްޓުވޭނެ އަދި މަޑުކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ. "ކުރަންވީ ކަމަކީ ހަވާސާނުވެ، މިކަމުން ލިބެންއޮތް ރަނގަޅަކާއި ފައިދާއެއް ލިބިގަތުން. ގްލޯބަލައިޒޭޝަނަކީ ނެތް އެއްޗެއް ކަމަށް ވިސްނައިގެން މިއަދަކު ނުވާނެ،" ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ޚާރިޖީ ސިޔާސަތާ ބެހޭގޮތުން ރައީސް ވިދާޅުވީ އެ ސިޔާސަތު ބިނާވެގެންވަނީ ދިވެހިރާއްޖޭގެ ސިޔާދަތީ މިނިވަންކަމާއި އިސްތިޤްލާލު ރައްކާތެރިކުރުމުގެ އިތުރުން، އިންސާނީ ޙައްގުތައް ހިމާޔަތް ކުރުމަށާއި، ޑިމޮކްރެސީގެ ހަމަތަކާއި އުސޫލުތައް ނަގަހައްޓައި، މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖެ ރައްކާތެރިކުރުމުގެ މައްޗަށް ކަމަށެވެ.
އ.ދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެ ވާދަކުރުމުން، ދުނިޔޭގެ ތާއީދު ރާއްޖެއަށް ލިބުނީ އެމަނިކުފާނުގެ ސަރުކާރުން ދަމަހައްޓަމުން އަންނަ ޚާރިޖީ ސިޔާސަތާއި، ބައިނަލްއަޤްވާމީ މުޖުތަމަޢާ އެއްކީލިވެފައި ވުމުން ކަަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން އ.ދ ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރިޔާސަތަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޝާހިދު އިންތިޚާބުވުމަކީ، ދިވެހި ޤައުމަށް ލިބުނު ވަރަށްމަތީ ޝަރަފަކާއި ރީތި ނަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި ވަނީ ރާއްޖެ ތަރައްޤީ ކުރުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދޭ ބައެއް ގައުމުތަކުގެ ނަންތައް ފާހަގަކޮށް އެގައުމުތަކަށް ޝުކުރު އަދާކުރައްވައިފައެވެ. އޭގެ ތެރޭގައި އިންޑިއާ، ޗައިނާ، ޖަޕާން، އެމެރިކާ، ޔޫ.އޭ.އީ، ސަޢޫދީ ޢަރަބިއްޔާ، ކުވައިތު، ޕާކިސްތާނު، ސްރީލަންކާ، ބަންގްލަދޭޝް، އީ.ޔޫ. އަދި އެހެނިހެން ދޭދޭ ހުރިހާ ޤައުމުތައް ހިމެނުއްވިއެވެ.