އަމާނާތްތެރިކަމާއެކު ވެރިކަމުގެ މުޤައްދަސް ޒިންމާ އަދާކޮށްގެން މެނުވީ ހެޔޮވެރިކަމެއް ޤައުމެއްގައި ނުދެމެހެއްޓޭނޭ ކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހެޅުއްވި ރިޔާސީ ބަޔާނުގައެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ލާބަޔާއި ކުރިއެރުމަށްޓަކައި ކުރެވުނު އަދި ކުރަންހުރި ވަރަށްގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. "މިހާތަނަށް ހޯދުނު ކާމިޔާބީއަކާއި އަދި މާދަމާ ހޯދަން އޮތް ކާމިޔާބީގެ ސިއްރަކަށްވާނީ ހެޔޮވެރިކަން. މި ދަންނަވާ ހެޔޮވެރިކަމަކީ، އެ ހެޔޮވެރިކަމުގެ ހިޔާވަހިކަން، އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު، ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުން،" ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ނުރުހޭ އެތައް ކަމަކާއި، ނުގުޅޭ އެތައް ޚިޔާލަކާއި، ދިމާނުވާ އެތަކެއް ވިސްނުމެއް އަބަދުވެސް މުޖުތަމަޢުގައި ހުންނާނެ ކަމަށެވެ.
އެ ހުރިހާ ތަފާތުތަކަށް އިޙްތިރާމްކޮށް ކަންކަން ކާމިޔާބު ކުރުމުގެ މަސައްކަތުގައި އެމަނިކުފާނުގެ ބައިވެރީންނަކީ މަޖިލީހުގެ މެމްބަރުން ކަމަށް ވެސް ވިދާޅުވިއެވެ. "ރާއްޖެ އޮތް ތަނާއި، ދާންޖެހޭ ތަނުގެ ފަރަޤު ކުޑަކުރުމަށް އަޅުގަނޑު މިހާތަނަށް މަސައްކަތްކުރީ މުޖުތަމަޢުގެ ހުރިހާ ބަހާތަކެއް އެކުއެކީ ޝާމިލުކޮށްގެން ކުރިއަށް ދިޔުމަށް" ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުން އެމަނިކުފާނާ ރާއްޖޭޭގެ ވެރިކަމުގެ މަސްއޫލިއްޔަތު ޙަވާލުކުރީ، އެ މިސްރާބުގައި ކުރިއަށް ދިޔުމަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. "އިރާދަކުރެއްވިއްޔާ އަޅުގަނޑު ދެމިހުންނާނީ އެގޮތުގައި،"