ޗައިނާގައި މިހާރު ކުރިއަށްދާ ވިންޓަރ އޮލިމްޕިކްސް ދަންމަރު ހިއްޕަވައިގެން ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މިއަދު ދުވެ ވަޑައިގެންފިއެވެ.

އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމަށް މިދިޔަ އަހަރު އިންތިހާބުވެވަޑައިގެންނެވި ޝާހިދަށް ވިންޓަރ އޮލިމްޕިކްސްގެ ދަންމަރު ހަވާލް ކޮށްދެއްވީ ދުނިޔޭގެ އޮލިމްޕިކް ކޮމެޓީގެ ރައީސް ތޯމަސް ބަކް އެވެ.

ދަންމަރާއެކު ދުވެވަޑައި ގަތުމަށްފަހު ޝާހިދު ވިދާޅުވީ މި ރަސްމިއްޔާތުގައި ބައިވެރިވެޑައިގަތުމަށް ފުރުސަތު ލިބުމަކީ އެމަނިކުފާނަށް ލިބުނު ވަރަށް ބޮޑު ޝަރަފަކާއި އުފަލެއް ލިބުނު ކަމެއް ކަމަށެވެ. "އޮލިމްޕިކްސްއަކީ ގައުމުތަކުގެ ސުލްހަ މަސަލަސްކަމާއި އެކުވެރިކަމަށް ވަރަށް މުހިއްމު ކުޅިވަރު ހަރަކާތެއް. ދުނިޔޭގެ ހުރިހާ އެންމެންވެސް އެދޭނީ އަމާން މާހައުލަކާއި އެކުވެރިކަމަށް" އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވިއެވެ.

މިފަހަރުގެ ވިންޓަރ އޮލިމްޕިކްސްގައި ދުނިޔޭގެ 51 ގައުމަކުން 3000 އެތުލީޓުން ވާދަ ކުރެއެވެ. ކޮވިޑުގެ ވަބާ ދުނިޔޭގައި 2020 ވަނަ އަހަރު އެންމެ ބޮޑަށް ފެތުރުނު ޗައިނާއިން މިމުބާރާތް ރައްކާތެރިކަމާއެކު ބޭއްވުމަށްޓަކައި ހާއްސަ ފިޔަޅުތަކެއް ވަނީ އަޅާފައެވެ. މިގޮތުން މުބާރާތުގެ އިވެންޓްތައް ކުރިއަށްދާނީ ތިން ސިޓީއެއްގައެވެ. އެއީ ބެއިޖިންގ، ޔަންޖިންގ އަދި ޖިއާންގޖިއާކޯއެވެ. އެތުލީޓުންނާއި އޮފިޝަލުން ތިބުމަށް ވަނީ ވަކިވަކި ބަބުލްތަކެއް ތައްޔާރު ކޮށްފައެވެ.

ވިންޓަރ އޮލިމްޕިކްސް ކުޅިވަރު މުބާރާތް ކުރިއަށްދާނީ މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.