ގދ. ފަރެސްމާތޮޑާގައި އަޅަމުންދާ އެއާޕޯޓުގެ ޓާމިނަލްގެ މަސައްކަތް މިއަދު ރަސްމީކޮށް ފެށުން ފާހަގަ ކުރުމަށްޓަކައި އެރަށުން އެއާޕޯޓަށް ދެކުމެެއް ކޮށްފިއެވެ.
މިކަމުގައި އިސްކޮށް އުޅުނު އެކަކު ކަމަށްވާ ސާފިޔާ އަބްދުﷲ ބުނީ މިއީ ރަށުގައި ސަރުކާރުން ހިންގާ މިފަދަ މަޝްރޫއުތަކުގައި މަސައްކަތް ކުރާމީހުންނަށް ހިތްވަރުދީ މަސައްކަތުގެ ފޯރި އުފެއްދުމުގެ މަގުސަދުގައި ކުރިކަމެއް ކަމަށެވެ. "މިއީ އިޖުތިމާއީ ކަމެއްގެ ގޮތުގައި އަޅުގަނޑުމެންގެ ތެރެއިން ބައެއް އަންހެނުން އިސްނަގައިގެން ކުރިކަމެއް. މީގެ އެއް ބޭނުމަކީ އެއާޕޯޓު ހެދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުންނަށް ހިތްވަރުދީ އެމީހުންނާއެކު ފަރެސްމާތޮޑާ ރައްޔިތުން ތިބިކަން އެންގުން. އޭގެ އިތުރުން ޒަމާނުއްސުރެ ކުރަމުން އަންނަ މިފަދަ ސަގާފީ ކަންކަމުގެ ސަބަބުން މަސައްކަތުގެ ޖޯޝާއިފޯރި އުފައްދައި މަސައްކަތުގެ ސްޕީޑް އަވަސް ކުރުމަށް ހިތްވަރު ދިނުމަކީ ވެސް މީގައި ހިމެނޭ މަގުސަދެއް،" ސާފިޔާ ބުންޏެވެ.
މި ދެކުމާ ބެހޭ ގޮތުން އެއާޕޯޓު ސައިޓްމެނޭޖަރ މުހައްމަދު ވަހީދު ވިދާޅުވީ މިއީ ލިބުނު ވަރަށްބޮޑު ހިތްވަރެއް ކަމަށެވެ. މިކަމުގެ ސަބަބުން މަސައްކަތުގައި ހަމަހަގޫގަތުގައި ވެސް ފޯރިއާ ޖޯޝު އުފެދުނު ކަމަށެވެ. "މިއީ އަޅުގަނޑުމެންގެ މޯޓިވޭޝަނަށް ފަރެސްމާތޮޑާ ރަައްޔިތުންގެ ފަރާތުން ކުރި ވަރަށްރަނގަޅު ކަމެއް. މިކަމުގެ ސަބަބުން ޓީމުވޯކް ރަނގަޅުވެ އިތުރު ހިތްވަރެއް ލިބިއްޖެ. ސަރުކާރުން ހިންގާ މިފަދަ މަޝްރޫޢުތަކަށް އިޖުތިމާޢީ ގޮތުން މިފަދަ ސަޕޯޓެއް މުސްތަގުބަލުގައި ވެސް ލިބޭނޭ ކަމަށް އުންމީދުކުރަން،" މުހައްމަދު ވަހީދު ވިދާޅުވިއެވެ.
އެމްޓީސީސީން ވިދޅުވެފައިވަނީ މި އެއާޕޯޓުގެ މަސައްކަތް މިއަހަރު ޖުލައި ސައްބީހަށް ނިންމާލުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށެވެ.