ފެނަކަ ކޯޕަރޭޝަންއާ ދެކޮޅަށް އަމިއްލަ ފަރާތަކުން 27 މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

އޭސީސީގެ އިސްބޭފުޅަކާ ހަވާލާދީ ބައެއް އޮންލައިން ނޫސްތަކުގައި ބުނެފައިވަނީ މިމައްސަލަ ތައް ވަޒަން ކުރަމުން އަންނަ ކަމަށެވެ. މިމައްސަލަތައް ތަހުގީގު ކުރުމާމެދު އަދި ވަކި ގޮތެއް ނިންމާފައިނުވާ ކަމަށް ވެސް ބުނެފައިވެއެވެ.

ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި ފެނަކައަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތު ތަކެއް ކޮށްފައިވެއެވެ. އެހެންނަމަވެސް މިސަރުކާރުގައި އެކުންފުޏާ ދެކޮޅަށް މިވަރުގެ ތުހުމަތެއް ކުރި މިއީ ފުރަތަމަ ފަހަރެވެ. ބައެއް މަސްދަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި އޭސީސީއަށް ހުށަހަޅާފައިވަނީ ކުރިން ތަހުގީގު ކުރެވިފައިވާ މައްސަލަތަކާއި ގުޅުންހުރި މައްސަލަތަކެވެ.

ފެނަކައިން މިކަމާ ބެހޭގޮތުން އަދި އެއްވެސް އެޗެއް ވިދާޅުވެފައެއް ނުވެއެވެ. މިމައްސަލަތަކާ ބެހޭ ތަފްސީލެއް އޭސީސީ އިން ވެސް އަދި ހާމަކޮށްފައިނުވެއެވެ.

ފެނަކައިގެ މިހާރުގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ސައީދު ވަނީ މަޤާމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު ވަރަށްގިނަ ކަންކަން ރަނގަޅު ކުރައްވައިފައެވެ. އަދި ކޮރަޕްޝަނުން އެއްކިބާވެފައިވާ ކުންފުންޏަކަށް އެތަން ހެދުމަށް މިހާރުވެސް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެމްޑީ ސަޢީދަކީ އަބަދު ވެސް ކޮރަޕްޝަނާ ދެކޮޅަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ.

އޭނާ ވަނީ މަޤާމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު ކޮރަޕްޝަން ހުއްޓުވައި 23 މިލިއަން ރުފިޔާ އެކުންފުނިން ސަލާމަތް ކުރައްވައިފައެވެ.