އިސްކަންދަރު ސްކޫލް ކުރިމަތީގައި ހުންނަ މއ. ސެމީޑީލް އިމާރާތުގެ ފުރަތަމަ ބުރީގައި އެމްޑީޕީން ޖަގަހައެއް ހިންގަމުން ގެންދާތީ ޕީޕީއެމުން ވެސް އެ އިމާރާތުގައި ޖަގަހައެއް ގާއިމް ކޮށްފިއެވެ. ޕީޕީއެމްގެ ޖަގަހަ ގާއިމްކޮށްފައިވަނީ އެ އިމާރާތުގެ ދެވަނަ ބުރީގައެވެ.
ޕީޕީއެމުން ބުނެފައިވަނީ މިއަދު ކުރިއަށްދާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުމުގެ ކަންކަން އެ ޖަގަހައިން އިންތިޒާމް ކުރެވިގެންދާނޭ ކަމަށެވެ. ކޮމަންޑޫދާއިރާގެ މަޖިލިސް ގޮނޑި ހުސްވެފައިވާތީ އެދާއިރާއަށް މެމްބަރަކު އިންތިޚާބުކުރުމަށް މިއަދު ވޯޓުލާން ފެށުމާއެކު އެމްޑީޕީއާއި ޕީޕީއެމާ ދެމެދު ވަނީ ބަހުގެ ހަމަލާތަކެއް ބަދަލު ކުރެވިފައެވެ. އަދި ތަފާތު ތުހުމަތުތައް ވެސް ވަނީ ކޮށްފައެވެ.
އެގޮތުން ޕީޕީއެމުން ވަނީ އެމްޑީޕީއަށް ބޮޑެތި ތުހުމަތު ކޮށްފައެވެ. އޭގެ ތެރޭގައި އިންތިޚާބަށް އެކިގޮތް ގޮތުން ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު ވެސް ކޮށްފައިވެއެވެ. އޭގެ އިތުރުން އިސްކަންދަރު ސްކޫލް ކުރިމަތީގައި ހުންނަ ފުޑުބޭންކް ރިޒާވް ކޮށްގެން ތިބެ އެމްޑީޕީން ގެންދަނީ ފައިސާބަހަމުން ކަމަށް ބުނެ ޕީޕީއެމުން ވަނީ އެމައްސަލަ އިލެކްޝަނަށް ހުށަހަޅައިފައެވެ.