މިއަދު ކުރިއަށްދާ ބައި އިލެކްޝަންސް ތަކުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުންވެސް އިންތިޚާބުތަކާގުަޅޭ ޤާނޫނުތަކާ ޚިލާފު ކެމްޕޭން ކުރުމުގެ އެއްވެސް ޢަމަލެއް މަނާގަޑީގައި ނުހިންގުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސް ކޮށްފި އެވެ.
އިލެކްޝަން ކޮމިޝަނުން މިގޮތައް އިލްތިމާސްކުރީ މިއަދު ހިނގަމުންދާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވޯޓަށް ނުފޫޒު ފޯރުވުމަށް ފައިސާ ބަހަމުންދާ ކަމަށް އިދިކޮޅު ޕީޕީއެމްއިން ތުހްމަތު ކުރަމުންދަނިކޮށެވެ. އަނެއްކޮޅުން ޕީޕީއެމްގެ ސަޕޯޓަރުން ބުނަމުންދަނީ އިންތިހާބުން ބަލިވާނެކަން އިނގޭތީ އިންތިހާބުގެ ހަމަޖެހުން ނަގާލަން ޕީޕީއެމް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އިންތިހާބުގެ މިހާތަނަށް އައިރު ދެ އިންތިހާބީ ޝަކުވާއެއް ލިބިފައިވާ ކަމަށާއި ވޯޓުލުން ކުރިއަށްދަނީ ވަރަށް އޮމާންކޮށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އިންތިހާބާ ބެހޭ ގޮތުން ޕީޕިއެމް އިން ވަނީ ޝަކުވާއެއް ހުށައަޅާފަ އެވެ.
އިންތިހާބުގެ ވޯޓުލުމަށް ބާކީ ގަޑިއެއްގެ އިރަށްވުރެ ކުޑަތަންވެފައިވާއިރު އިންތިހާބުގައި މިހާތަނަށް ގިނަ ބަޔަކު ވަނީ ވޯޓުލާފަ އެވެ. މިހާރު ކުރިއަށްދަނީ ކޮވިޑްގެ ބަލި ޖެހިފައިވާ މީހުންނާ ކަރަންޓީނުގައި ތިބި މީހުން ވޯޓުލުމެވެ. ނަމަވެސް މި ވަގުތުވެސް އެހެން މީހުނަށް ވޯޓުލެވޭނެ އެވެ.