ޕާކިސްތާންގެ އެންމެ ބޮޑު މީޑިއާ ގްރޫޕް، ޖަންގް އާއި ޖިއޯގެ އެޑިޓަރ އިން ޗީފް މީރް ޝަކީލުއްރަހްމާން ޖަލުން މިނިވަން ކޮށްފިއެވެ. އަށް މަސް ވަންދެން ޝަކީލުއްރަޙްމާން ޖަލުގައި ގެންގުޅުމަށްފަހު އޭނާ މިނިވަން ކޮށްފައިވަނީ ސުޕްރީމް ކޯޓުންނެވެ.

އޭނާގެ ބަންދުގެ ހުކުމް އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން ވަނީ ލާހޯރު ހައިކޯޓުން އޭނާގެ ބަންދުގެ މުއްދަތު ދަމަހައްޓަން ކުރި ޙުކުމްގައި އެއްވެސް އޮށްޓަރެއް ނެތްކަމަށް ބުނެ ބާޠިލް ކޮށްފައެވެ.

ޖަންގް އާއި ޖިއޯ އަކީ ޕާކިސްތާންގެ ބޮޑު ވަޒީރު އިމްރާން ޚާންގެ ތަޙްރީކޭ އިންސާފް ޕާޓީއާ ދެކޮޅަށް ރިޕޯޓް ކުރާ މީޑިއާ އެޖެންސީ ތަކެކެވެ.

ޝަކީލުއް ރަޙްމާންއާ ދެކޮޅަށް ޕާކިސްތާން ސަރުކާރުން ތެދުވީ، ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްއާއި އޭނާގެ ޕާކިސްތާން މުސްލިމް ލީގް (ނ)އަށް ޖަންގް އާއި ޖިއޯއިން ތާއީދު ކުރާކަމަށް ތުހުމަތުކޮށެވެ.

ނަވާޒް ޝަރީފްއާއި އޭނާގެ ޕާޓީން ތުހުމަތު ކުރާ ގޮތުގައި ސިފައިން އަޑީގައި ތިބެގެން ނިމިދިޔަ އިންތިޚާބުން ވައްކަންކޮށް، ޚާން ވެރިކަމަށް އާދެވޭ ގޮތަށް ހަދައި ދިނީއެވެ.

ޝަރީފްގެ ސަރުކާރުގައި ޗައިނާއާ އެކު، ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ (ސީޕެކް) ގެ އެއްބަސްވުމުގައި ސޮއިކޮށް މަސައްކަތް ފެއްޓުމަށްފަހު، ޗައިނާއިން އިތުރަށް ބޭނުންވާ އެއްބަސްވުންތަކުގައި ސޮއިކުރުން ކުރިއަށް ނުގެންގޮސް ދިގު ދަންމާފައި ވެއެވެ. ސީޕެކްގެ މަޝްރޫއުތަކާއި ސީޕެކް ހިންގާ އިދާރާއަކީ ސިފައިންނާއި ސިފައިންގެ ރިޓަޔަރޑް ޖެނެރަލުންގެ ބެލުމުގެ ދަށުން ހިންގާ ތަންތަނެވެ.

މީރް ޝަކީލުއްރަޙްމާން ޖަލަށް ލާފައި ބެހެއްޓީ ތަޙުގީގަށެވެ. އޭނާއާ ދެކޮޅަށް ތަހްގީގު ފެށީ، މީގެ 34 އަހަރު ކުރިން ޕަންޖާބުން އޭނާ ގަނެފައިވާ ބިމެއްގެ މައްސަލާގައެވެ. އެއިރު ޕަންޖާބްގެ ޗީފް މިނިސްޓަރަކަށް ހުންނެވީ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްއެވެ.

ޕާކިސްތާންގެ އެންޓިކޮރަޕްޝަން އިދާރާ "ނާބް" އިން ތަހްގީގުކުރި މި މައްސަލާގައި ދައުލަތަށް މާލީ އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށް ވަކާލާތު ކުރުމުން، ސުޕްރީމް ކޯޓުން ވަނީ އެކަން ބަލައި ގެންފައެވެ. އިތުރަށް ކިޔާލުމަށް:

ނަވާޒް ޝަރީފްގެ ވާހަކަ ގެނެސްދިނުން މަނާކޮށްފި

ޕާކިސްތާން: ނޫސްވެރިކަމުގެ ދާއިރާ އަށް ފިއްތުންތައް

ޕާކިސްތާންގައި ނޫސްވެރިންނަށް ދިރިއުޅުން ދަތި ވަމުންދާ ކަމަށް ބޭރުގެ ފަރާތްތަކުންވެސް ދަނީ ފާހަގަ ކުރަމުންނެވެ.