ގްލޯބަލް ސެންޓާ އޮން އެޑަޕްޓޭޝަން (ޖީސީއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު، ޑރ. ޕެޓްރިކް ވެރްކޮޔަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުކުރި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވަނީ ޑރ. ޕެޓްރިކް ރާއްޖެ ވަޑައިގަތުމުން މަރުހަބާ ދަންނަވާފަ އެވެ.މިބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުންނާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރެވެންހުރި މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ. ރައީސް ސޯލިހް ވަނީ ރާއްޖޭގެ ސަރުކާރުން ތިމާވެށީގެ ރޮނގުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ޑރ. ޕެޓްރިކާ ހިއްސާކުރައްވައި އެކަންކަން ކާމިޔާބުކަމާ އެކީ ކުރުމަށްޓަކައި، ބައިނަލްއަގްވާމީ ބައިވެރިންގެ އެހީތެރިކަން ހާއްސަކޮށް މާލީ އެހީތެރިކަން ބޭނުންވާ ކަމަށް ފާހަގަކުރައްވާފަ އެވެ.މި ބައްދަލުކުރެއްވުމުގައި ޕެޓްރިކް ވަނީ ރާއްޖޭގެ އިތުރުން އެހެން ބައިނަލްއަގްވާމީ ފަރާތްތަކާއި އެކު ޖީސީއޭ އިން މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާ ގުޅޭގޮތުން ކުރަމުން ގެންދާ ބައެއް މަޝްވަރާތަކާއި މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރައްވާފަ އެވެ. ޑރ. ޕެޓްރިކް ވިދާޅުވީ ޖީސީއޭ އިން ރާއްޖެއަށް ހުށަހަޅާ ކަންކަމަކީ ރައީސް ސާލިހްގެ ސަރުކާރުން ތިމާވެށީގެ ރޮނގުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ބޭނުންވާ އަމަލީ މަސައްކަތް ހިމެނޭހެން ހުށަހަޅާ ކަންތައްތަކެއް ކަމަށެވެ. ތިމާވެށީގެ ކަންކަމުގައި ޖީސީއޭގެ ފަރާތުން ރާއްޖެއަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމުގައިވެސް ޕެޓްރިކް ވިދާޅުވި އެވެ.ޖީސީއޭއަކީ މޫސުމަށް އަންނަ ބަދަލުތަކުން ގައުމުތައް އަރައިގަތުމަށް ކުރާ މަސައްކަތުގައި އެހީތެރިވެދޭ ބައިނަލްއަގްވާމީ ޖަމިއްޔާއެކެވެ.ޑރ. ޕެޓްރިކް އިއްޔެ ވަނީ ރައްޔިތުންގެ މަޖިިލިސް ކުރާ ގެއަށް ވަޑައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މެންބަރުންނާ ވެސް ބައްދަލުކުރައްވާފަ އެވެ.