މޮރޮކޯގެ ތުއްތު ތުއްތު ރައްޔާންގެ ހިތާމަވެރި ޙާދިޘާގައި އިންސާނުން ކާރިސާގައި އެކަކު އަނެކެއްގެ ފުށުން ވާގިވެރިވެ ހިތްވަރު ހޯދިތަން ފެނިގެން ހިނގައްޖެއެވެ.

މުޅި ދުނިޔެ އޮތީ ދުއާކޮށްލަކޮށްލައެވެ. އެންމެންވެސް ދިޔައީ ޓީވީން ލައިވްކޮށް މަންޒަރު ބަލަމުންނެވެ. ޓީވީން ލައިވް މަންޒަރުތައް ބަލަމުން ދިޔަ މީހުން ދިޔައީ މޮރޮކޯގެ އުތުރުގައި އޮންނަ ކުޑަ ކުޑަ ވިލެޖެއްގެ މީހުންގެ ޝުއޫރާއި އިޙުސާސްތައް ހިނދުން ހިނދަށް އިޙުސާސް ކުރަމުންނެވެ. މި ވިލެޖުގެ ނަން މީގެ ކުރިން ބަޔަކު އަހާފައެއްވެސް ނުވާނެއެވެ. ނަމަވެސް އެންމެންގެ އިހުސާސްތައް ބަންޑުންކޮށްލައި ނާރުތަކުގެ ތެރެއިން ދައުރުވާ ލޭ ކައްކައި ދިނީ އިންސާނުންގެ އިންސާނީ ޒަމީރުންނެވެ. ކޮންމެ ބަހަކުން ވާހަލަ ދެއްކިއަސް، ކޮންމެ ނަސްލަކުން އައިސް ހުރިނަމަވެސް، ކޮންމެ އަގީދާއެއްގައި ހުރިނަމަވެސް އެންމެން ތިބޯ ދުއާ މަތީގައެވެ. ރަޙުމަތަށް އެދި އުޑަށް ބެލުމުގައެވެ.

މޮރޮކޯގެ ކުޑަ ކުޑަ ވިލެޖުގެ ދެ މަފިރިންގެ ހިތާމައާއި ހިތްދަތިކަން ދުނިޔޭގެ ހުރިހައި ބިތެއްގައި އެންމެން އިޙުސާސް ކުރިފަދައެވެ.

ރައްޔާންގެ މަންމައާއި ބައްޕަވެސް ދެއްކީ ހިތްވަރުގަދަ ކަމެކެވެ. ކެތްތެރިކަމެކެވެ. މުޅި އިންސާނިއްޔަތު ދިޔައީ އުފާވެރި އުންމީދުވެރި ޚަބަރެއް އިވިދާނެ ކަމުގެ އުންމީދުގައެވެ. ރައްޔާނު ސަލާމަތުން ފުން ވަޅުގަނޑުން ނެގިދާނެ ކަމުގެ އުންމީދުގައެވެ.

މީސްމީޑިއާއާއި ނެޓްވަރކިންގ ސައިޓްތަކުގައި އެންމެން އަހައި އުޅުނީ ރައްޔާނާ ބެހޭ އެންމެ ފަހުގެ ޚަބަރުތަކެވެ. ސެރެބްރިޓީންވެސް އެމީހުންގެ ޕޯސްޓްތަކުގައި ޝެއަރ ކުރަމުން ދިޔައީ ރައްޔާންގެ ފޮޓޯއާއި އޭނާގެ ވާހަކަތަކެވެ. އޭނާއަށް ހެޔޮއެދުމާއި ސިއްޙަތާއި އާފިޔަތް މިންވަރު ކުރުމުގެ ޝުއޫރުތަކެވެ.

އުންމީދާއެކު އެންމެންވެސް ބޭނުންވީ، އެއްފަހަރު ނަމަވެސް، އަދި އެންމެ ފަހަރަކަށް ނަމަވެސް ރައްޔާނު ވަޅުގަނޑުން ނަގައި ދިނުމަށެވެ. ރައްޔާން ސަލާމަތް ކުރަން އަތުން، ކެތްތެރިކަމާއެކު ގައުފުކަކުން ވެލިމުށަކުން ވަޅު ކޮންނަމުންދިޔަ މީހުން ތިބީ ދުނިޔޭގެ އެންމެންގާތު ހީރޯއިންނަށް ވެފައެވެ.

ތުއްތު ކުދިންނަކީ މައުސޫމު ބައެކެވެ. އެކުދިންނަށް އަނިޔާ ލިބުމާއި އިހާނެތިކަމަކާ ކުރިމަތި ވުމަކީ އެއްވެސް އިންސާނަކު އެދޭކަމެއް ނޫނެވެ. ކުޑަކުދިންނާ ޖެހޭ ހިނދު ދީނެއް މިއްލަތެއް ނުވަތަ ކުލައެއްވެސް ބެލުމެއް ނޯވެއެވެ. ހަމަ މައުސޫމު ބަޔެކެވެ.

ރައްޔާންގެ ފުރާނަ ނިމިގެން ދިޔައީ ބަނޑުހައި ހޫނުކަމާއެކު ވަޅުގަނޑެއްގައެވެ. އެހެން އެތައް ކުޑަ ކުދިންގެ ފުރާނަވެސް ގެއްލިގެން ދަނީ ހަނގުރާމައިން މެދުވެފައިވެފައިވާ ހަމަނުޖެހުމާއި ބަލިމަޑުކަމާއި ބަނޑުހައި ހޫނުކަމުގައެވެ. އަފްޣާނިސްތާނާއި ޔަމަނާއި ސޫރިޔާއާއި ފަލަސްތީނުގައެވެ. ރެފިއުޖީ ކޭމްޕްތަކުގައެވެ.

ރައްޔާންގެ ފުރާނައަށް މާތްﷲގެ ރަޙުމަތް ހުއްޓެވެ. މައިންބަފައިންނަށް ކެތްތެރިކަން ލާއްވާށިއެވެ.

ރައްޔާން ރަމުޒު ކޮށްދިނީ އިބްތިހާލެވެ! ދުނިޔޭގެ ހުރިހައި ތުއްތު ކުދިންނެވެ.