ރ. އަނގޮޅިތީމް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ އެންމެފަހު ޝިޕްމަންޓް 7 ފެބްރުއަރީ 2022 ވަނަ ދުވަހު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެނެސްފައި ކަމަށް އެމަސައްކަތްކުރާ ކުންފުނި އެމްޓީސީސީން ވިދާޅުވެއްޖެއެވެ. އެކުންފުނީން ވިދާޅުވީ އޭގެ އިތުރުން ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ވެސްމިހާރުވަނީ ނިމިފައި ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 42,615 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން 221 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމަށްވެސް ހަމަޖެހިފައިވެއެވެ. އަދި 166 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 91 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލާ ގޮތަށް ވެސް ހަމަޖެހިފައިވެއެވެ. އޭގެ އިތުރުން 1100 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުން ހިމެނެއެވެ. މުޅި ބަނދަރުގެ ޖުމްލަ މަސައްކަތުގެ 80 އިންސައްތަ މިހާރުވަނީ ނިމިފައެވެ.

މި މަޝްރޫޢަކީ 40.7 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.