އެމެރިކާގެ ރައީސް މުންތަޚަބް ޖޯ ބައިޑަންގެ ރިއާސަތުގައި ޗައިނާގެ ވާވޭ ކުންފުންޏަށް އިތުރު ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް ޗައިނާ ދެކެއެވެ. ޗައިނާގެ ގްލޯބަލް ޓައިމްސްއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެމެރިކާއިން އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް ވާވޭއާ ދެކޮޅަށް އަޅާނެ އެވެ.

ބައިޑަންގެ ކޮމާސް ޑިޕާޓްމަންޓްގެ ވެރިޔާގެ މަގާމަށް އައްޔަން ކުރާ ފަރާތަކީ، އެމެރިކާގެ ސެމީކޮންޑަކްޓަރ ގެ ސިނާއަތުގައި ތަޖުރިބާ ހުރިފަރާތެއްކަމަށް ލަފާ ކުރެވެއެވެ.

ކޮމާސް ޑިޕާޓްމަންޓްގެ ދަށުން އޮންނަ ބިއުރޯ އޮފް އިންޑަސްޓްރީ އެންޑް ސެކިއުރިޓީ (ބިސް) އަކީ ވަކި ވަކި ފަރުދުންނާއި ކުންފުނިތައް ބްލެކްލިސްޓްކޮށް ދަތިކުރުމުގެ ފިޔަޅު އެޅުމުގެ ބާރު ލިބިފައިވާ އޮފީހެވެ.

ވާވޭ ވަނީ 2019 އިން ފެށިގެން ބިސްގެ ދަތިކުރުމުގެ ފިޔަވަޅު އަޅާ ލިސްޓްގައި ހިމަނާފައެވެ.

ޗައިނާއިން ލަފާ ކުރާ ގޮތުގައި އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އެޅުމުން ޗައިނާގެ ސެމީކޮންޑަކްޓާ އުފެއްދުން ދާނީ އިތުރު ވަމުންނެވެ.

ޗައިނާގައި ސެމީކޮންޑަކްޓަރ ޗިޕް އުފެއްދުމުގައި އެންމެ ކުރީގައި އުޅެނީ، ސެމީކޮންޑަކްޓަރ މެނިއުފެކްޗަރިންގ އިންޓަރނޭޝަނަލް ކޯރޕޮރޭޝަން (ސްމިކް) އެވެ. މިދިޔަ ތިން މަހު ސމިކްގެ ފައިދާ ވަނީ 13 ޕަސެންޓަށް އިތުރު ވެފައެވެ. ރެވެނިއު އުޅެނީ 1.5 ބިލިއަން އެމެރިކާ ޑޮލަރުގައެވެ.

އެމެރިކާއިން ވަނީ ވާވޭއަށް ޗިޕް ސަޕްލައި ކޮށްދިނުމުގައި ކޮންމެވެސް ވަރެއްގެ ލުޔެއް ދީފައެވެ. އޭއެމްޑީއާއި އިންޓެލްއާއި ސެމްސުންގއަށް ބިސް އިން ހުއްދަ ދީފައި ވެއެވެ. ނަމަވެސް ޝަރުތަކީ، 5ޖީގެ އެއްވެސް ޗިޕެއްވިއަސް އާލާތެއްވިއަސް ވާވޭއަށް ނުވިއްކާ ގޮތަށެވެ.

މުހައްލިލުންގެ ލަފައަކީ ބައިޑެން ދެވަނަ ޓްރަމްޕަކަށް ނުވާނެ ކަމަށެވެ. އެހެންނަމަވެސް ޗައިނާއަށް ފިއްތުންތައް ކުޑައެއް ނުވާނެ ކަމަށެވެ.