ފުލުހުން މި މަހުގެ ތެރޭގައި ފަށަން ނިންމާފައިވާ ފޮރެންސިކް އިންވެސްޓިގޭޝަންގެ ޑިޕްލޮމާ ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފި އެވެ.

ފުލުހުންގެ އިދާރާ އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުގައި މި މަހުގެ 27 ގައި "ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް" އިން ފަށާ ކޯހުގައި ބައިވެރިވެވޭނީ ސާނަވީ ތައުލީމު ފުރިހަމަކޮށްފައިވާ އަދި ގައުމީ ސަނަދު ލެވެލް 4 އިން މަތީ ސަނަދެއް ހާސިލް ކޮށްފައިވާ ނުވަތަ ސާނަވީ ތައުލީމު ހާސިލްކޮށް ދެ އަހަރު ދުވަހު ގުޅުން ހުރި ދާއިރާއެއްގައި މަސައްކަތު ތަޖުރިބާ ލިބިފައިވާ މީހުންނަށެވެ.

ކޯހަށް މީހުން ހޮވުމުގައި ސައިންސް ސްޓްރީމަށް ކިޔަވާފައިވާ މީހުންނަށް އިސްކަން ދޭނެ އެވެ.

މާލޭގައި އެއް އަހަރު ދުވަހުގެ މުއްދަތަށް ހިންގާ ކޯހަށް އެޕްލައިކުރުމުގެ ސުންގަޑި އަކީ މި މަހުގެ 16 އެވެ. އިތުރު މައުލޫމާތު 9637845 ނަމްބަރަށް ގުޅައިގެން ހޯދޭނެ އެވެ.

ޑިޕްލޮމާ އިން ފޮރެންސިކް އިންވެސްޓިގޭޝަން ކޯސް ހިންގަން ނިންމާފައިވާ "ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް" އަކީ އައްޑޫގައި ހަދަމުން އަންނަ ފުލުހުންގެ އެކެޑެމީ އަށް ކިޔާ ރަސްމީ ނަމެވެ. އެތަން އަންނަ މަހުގެ ތެރޭގައި ހުޅުވައި ބޭނުންކުރަން ފަށާނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ.