އިންޑިއާއިން ކޮވިޑް19 ވެކްސިންއާއި ރިސަރޗަށް 120 މިލިއަން އެމެރިކާ ޑޮލަރު ކަނޑައަޅައިފިއެވެ. އިންޑިއާގެ މާލީ ވަޒީރު، ކޮވިޑް ވެކްސިންއަށާއި ރިސާޗަށް ހުށަހެޅުއްވި ޕެކޭޖަކީ، އިންޑިއާގެ އިގްތިސާދަށް ދިރުމެއް ގެނައުމަށް އެކުލަވާލާފައިވާ ބޮޑު ޕެކޭޖުން ބައެކެވެ.

ކޮވިޑާ ގުޅިގެން ވަޅު ޖެހިފައިވާ އިގްތިސާދަށް ދިރުމެއް ގެނައުމަށް އިންޑިއާއިން ވަނީ ތިން ފަހަރެއްގެ މަތިން އިކޮނޮމިކް ސްޓިމިއުލަސް ޕެކޭޖް ހުށަހަޅާފައެވެ.

އަލަށް ހުށަހަޅާފައިވާ 120.6 މިލިއަން އެމެރިކާ ޑޮލަރަކީ، ޑިޕާޓްމަންޓް އޮފް ބައޯޓެކްނޮލޮޖީގެ މިޝަން ފޯރ ރިސަރޗް އެންޑް ޑިވެލޮޕްމެންޓާ ހަވާލުކުރެވޭ ފައިސާއެވެ.

އިންޑިއާ އިން އުފައްދާ ކޮވިޑް 19ގެ ތިން ވެކްސިނެއް އުޅެނީ އިންސާނުންނަށް ޓެސްޓް ކުރުމުގެ ތެރޭގައެވެ.

މީގެ އިތުރުން އިންޑިއާއިން ވަނީ އިންޑިއާގައި ފެކްޓްރީ ހަދަން ބޭނުންވާ ބޭރުގެ ކުންފުނިތަކަށްވެސް ދެ ބިލިއަން ޑޮލަރުގެ ޕެކޭޖެއްވެސް ހުޅުވާލާފައެވެ.

އިންޑިއާއިން ސަމާލުކަން ދެމުން ދަނީ އަމިއްލަ އުފެއްދުންތައް އިތުރުކޮށް އިމްޕޯޓަށް ބަރޯސާ ކުރުމަކާ ނުލައި އިގްތިސާދު ކޮއްޅަށް ޖަހާށެވެ.

އާސިއާންގެ 10 ގައުމުން ބައިވެރިވާ ޖުމުލަ 15 ގައުމު ހިމެނޭ އެންމެ ބޮޑު މިނިވަން ވިޔަފާރީގެ ބްލޮކް ދަ ރީޖަނަލް ކޮންމްޕްރެހެންސިވް އިކޮނޮމިކް ޕަރޓްނާޝިޕް (އާރްސެޕް)ގައިވެސް ބައިވެރިވުމަށްފަހު އިންޑިއާއިން ވަނީ މިދިޔަ އަހަރު ބޭރުވެގެންފައެވެ. އިންޑިއާއިން ބުނަނީ މި ބްލޮކްގައި އިންޑިއާ ބައިވެރިވެއްޖެނަމަ ޗައިނާފަދަ ގައުމުތަކުގެ އުފެއްދުންތަކަށް އިންޑިއާ ހުޅުވާލަން ޖެހޭނެ ކަމަށެވެ. އެހެން ވެއްޖެ ހިނދެއްގައި އިންޑިއާއަށް ޑޮމެސްޓިކް މާކެޓް ކޮންޓްރޯލެއް ނުކުރެވޭނެ ކަމަށެވެ.