ސްޓެލްކޯ ބޯޑުގެ ކުރީގެ ޗެއަރމަން މުހައްމަދު ރަޝީދު އަވަހާރަވުމަކީ، ސްޓެލްކޯއަށާއި، ކަރަންޓުގެ މުޅި ސިނާއަތަށާއި މުޅި ގައުމަށް ލިބުނު ގެއްލުމެއް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙަސަން މުޣުނީ ވިދާޅުވެއްޖެއެވެ.

މުޣުނީ މިހެން ވިދާޅުވެފައިވަނީ ރަޝީދުގެ ތައުޒިޔާގެ ތަފްތަރުގައި މިއަދު ލިޔުއްވި ބަޔާނުގައެވެ. އޭނާ ވިދާޅުވެފައިވަނީ ރަޝީދަކީ، މަދުރަސީ ދައުރު ނިމުނީއްސުރެ، އަވަހާރަވަންދެން، ހަކަތައިގެ ސިނާއަތުގައި ދެމިހުންނެވި، ގައުމީ ހިދުމަތްތެރިއެއް ކަމަށެވެ. ޗެއަރމަން ރަޝީދަކީ، އެކުގައި މަސައްކަތް ކުރަން ފަސޭހަ ތަޖުރިބާހުރި، އަޚުލާގު ރަނގަޅު އަދި އެހާމެ ހީވާގި ބޭފުޅެއް ކަމަށް ވެސް މުޣުނީ ވަނީ ވިދާޅުވެފައެވެ.

ޗެއަރމަން ރަޝީދުގެ ތައުޒިޔާގެ ދަފްތަރު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިކުންފުނީގެ ބޯޑް މެމްބަރުންނާއި، ކުންފުނީގެ އިސްވެރިންގެ އިތުރުން ޗެއަރމަން ރަޝީދުގެ އާއިލާގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޗެއާރމަން އަވަހާރަވީ އާލާސްކަން ފުޅާ އުޅުއްވުމަށްފަހު، މިދިޔަ ޑިސެމްބަރު މަހުގެ 26 ވީ އާދީއްތަ ދުވަހު އޭޑީކޭ ހޮސްޕިޓަލުގައެވެ.

ރަޝީދު ސްޓެލްކޯއަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 1971 ވަނަ އަހަރު އެޕްރެންޓިސްޝިޕްގައެވެ. އޭގެ ފަހުން އިންޖީނިއަރުކަމާއި، ޑެޕިއުޓީ ޑިރެކްޓަރ މެނޭޖީރިއަލްގެ އިތުރުން އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމާއި، އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރުގެ މަގާމާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަގާމާއި، ސީއީއޯ ގެ މަގާމުވެސް ފުރުއްވިއެވެ.

އެ ކުންފުނީގެ ބޯޑުގެ ޗެއާރމަން ކަމުގެ މަގާމަށް މުޙައްމަދު ރަޝީދު އައްޔަން ކުރައްވާފައިވަނީ 12 ފެބްރުއަރީ 2019 ގައެވެ. ރަޝީދު އަވަހާރަވުމާ ހަމަޔަށްވެސް ހުންނެވީ އެ ކުންފުނީގެ ބޯޑުގެ ޗެއާރމަން ކަމުގެ މަގާމުގައެވެ.

ޗެއާރމަން ރަޝީދުގެ ތައުޒިޔާގެ ދަފުތަރުގައި ސޮއި ކުރައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް މިމަހުގެ 22 ވަނަ ދުވަހާ ހަމަޔަށް، ރަސްމީ ބަންދު ދުވަސްތައް ނޫން ދުވަސްތަކުގައި ސްޓެލްކޯއަށް ވަޑައިގެން ސޮއި ކުރުމުގެ އިންތިޒާމް މިހާރު ވަނީ ހަމަޖެހިފައެވެ.